އެސްޓީއޯ

ހިޓާޗީން ފެބްރުއަރީގައި ނެރުނު ދޮންނަ މެޝިންތައް އެސްޓީއޯއިން މިހާރު ލިބޭނެ

ޖަޕާންގެ ހިޓާޗީން ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ނެރެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ދޮވުނީ ހިކުނީ"ގެ ނަމުގައި މި ޕްރޮމޯޝަން ކުރިއަށް ދަނީ މިމަހުގެ 22 އިން ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެޝިނާ އެކު ހިލޭ މައިކްރޯވޭވް އަވަނެއް ލިބޭއިރު އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަންގަވާ ބޭފުޅުންނަށްވެސް މި ޕްރޮމޯޝަންގެ ދަށުން އަވަން ލިބޭނެ އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން އެސްޓީއޯއިން މި ޕްރޮމޯޝަންގައި ވިއްކަ އެވެ.

ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން ފަސް ކިލޯއިން ފެށިގެން ހަތް ކިލޯއާ ހަމައަށް ހުންނަ މެޝިން ތަކެކެވެ.

އިތުރަށް ހިއްކަން ނުޖެހި މެޝިނުން ކަބަޑަށްލެވޭ ވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގެ ގޮތުންވެސް ހެޔޮ މެޝިންތަކެކެވެ.

އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ވަނީ ނިންމާފަ އެވެ.

އެސްޓީއޯ އަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފަ އެވެ.