ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑު ބަޔަކަށް ހަކުރު ބަލި ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް ހެލްތު މިނިސްޓްރީ އާއި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމަކުން ހާމަވެއްޖެ އެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސްކްރީން ޕްރޮގްރާމުގައި 16 އަހަރުން މަތީގެ 10،717 މީހުން ހަކުރު ބައްޔަށް ޓެސްޓު ކޮށްފައިވެ އެވެ.
ސްކްރީން ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ ތެރެއިން 11.8 ޕަސަންޓް މީހުންނަށް ހަކުރު ބަލި ހުންނަކަން ކުރިން އެނގޭއިރު 10.2 ޕަސަންޓް މީހުންނަށް ސްކްރީން ކުރުމުގެ ކުރިން ހަކުރު ބަލި ހުންނަކަން އެނގިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. ހަކުރު ބަލީގެ ހާލަތު ނޭނގޭ ކަމަށް ބުނާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.
ސްކްރީން ޕްރޮގްރާމު ނަތީޖާ އިން ދައްކާ ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ޒުވާނުން ހިމެނޭތީ އެވެ. އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދުގެ 13.6 ޕަސަންޓް ޒުވާނުންނަށް އަދި އުމުރުން 26 އަހަރާއި 35 އަހަރާ ދެމެދުގެ 59.8 ޕަސަންޓް ޒުވާނުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ސްކްރީން ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން ހަތަރު މީހެއްގެ އާއިލާގައި ހަކުރުބަލި ހުންނަ ކަމަށް ބުނެފައިވާއިރު ހަކުރު ބަލި ހުރި ކަން އެނގިހުރެ 15.1 ޕަސަންޓް މީހުން ބޭސް ބޭނުން ނުކުރާ މައްސަލަވެސް ފާހަގަކޮށްފައިވެ އެވެ.
ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް ހިމެނޭތީ ޒުވާން އުމުރުގައި ހަކުރު ކޮންޓްރޯލް ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. ހަކުުރު ބަލި ޖެހުމުގެ އާދަތަކާއި ދުރުނުވެއްޖެނަމަ އަދި ހަކުރު ބައްޔަށް ފަރުވާކުރުމުގައި ފަރުވާ ކުޑަކުރެވިއްޖެނަމަ ކިޑްނީ ފެއިލްވުމާއި، ލޯ އަނދިރިވުމާއި، ހިތުގެ ބަލިތައް ޖެހުމާއި ވާބަލި ޖެހުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ.