މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެ ޕާޓީގެ މެންބަރުންނަށާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް އެމްއާރްއެމް އިން އަންގައިފި އެވެ.
އެމްއާރްއެމް އިން މިގޮތަށް އަންގާފައި މިވަނީ އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ އެންގުން ރަސްމީކޮށް ސިޓީ އަކުން މިއަދުގެ ވަގުތެއްގައި ލިބިފައިވާ ކަމަށް އެމްއާރްއެމް އިން ބުނެ އެވެ.
"ވީމާ މި ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީތަކާއި، ގުނަވަންތަކާއި، ގޮފިތަކަށް އެމްއާރްއެމްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ދަންނަވަމެވެ." އެމްއާރްއެމް އިން ނެރުނު ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އެކަން ސާބިތުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެެވެ.
"މިފުރުސަތުގައި އެމްއާރްއެމްގެ މެންބަރުންނާއި ތާއީދުކުރާ ހުރިހާ ފަރާތްތައް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އިހްލާސްތެރި ކާމާއެކު ޝުކުރުދަންނަވާ، އިސްލާހީ މަސައްކަތުގައި ދެމިތިއްބެވުމަށް އެދި ދަންނަވަމެވެ." ބަޔާނުގައި ސަޕޯޓަރުންގެ ކިބައިން އެދިފައިވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން އެ ޕާޓީއަށް ހަމަކުރެވޭ ގޮތް ނުވުމުންނެވެ. މެމްބަރުން ހަމަކުރުމަށް ދެފަހަރެއްގެ މަތިން ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދު އެމްއާރްއެމްއަށް ހަމަކުރެވިފައެއް ނުވެ އެވެ.
އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.
ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ -- ޑީއާރްޕީ އަކީ ވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ރައީސް މައުމޫން އެ ޕާޓީ ދޫކޮށްލެއްވި ފަހުން 3،000 މެންބަރުން ހަމަކުރެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ ވެސް އުވާލާފަ އެވެ.