ފިނިޕޭޖް

ޕިއާސް ބްރޮސްނަންގެ އާޓް އެގްޒިބިޒަނެއް ބާއްވައިފި

"ޖޭމްސް ބޮންޑް"ގެ ރޯލު އަދާކުރި ޕިއާސް ބްރޮސްނަން އަކީ އެތައް ކާމިޔާބު ފިލްމެއް ކުޅެފައިވާ ހުނަރުވެރި ތަރިއެކެވެ.

ޕިއާސް މިފަހަރު ވަނީ ތަފާތު ހުނަރެއް ދައްކާލާފަ އެވެ. ފިއާސްގެ 70 ވަނަ އުފަން ދުވަހާ ދިމާކޮށް މިދިޔަ 36 އަހަރު ތެރޭގައި އޭނާ ކުރަހާފައިވާ ކުރެހުންތަކާއި ސްކެޗްތަކާއި ސިލްކްސްކްރީން ޕްރިންޓްތަކުގެ އެގްޒިބިޝަނެއް މިހާރު ވަނީ ބާއްވާފަ އެވެ.

"ސޯ މެނީ ޑްރީމްސް"ގެ ނަމުގައި ނެރުނު މި ކަލެކްޝަނުގައި ކުލަގަދަ ކުރަހުންތައް ހިމަނާފައިވާއިރު އޭގައި ބޮބް ޑިލަން، ޕަބްލޯ ޕިކާސޯ އަދި ހުދު ޕިއާސްގެ ޕޯޓްރޭޓް ވެސް ހިމެނެ އެވެ.

މި ޝޯއަށް ގިނަ ސެލެބްރިޓީންނާއި ތަރިން ގޮސްފައިވެ އެވެ. 2018 ގައި ޕިއާސް ކުރެހި ބޮބް ޑިލަންގެ ޕޯޓްރޭޓެއް 1.4 މިލިއަން ޑޮލަރަށް ވިކިފައިވެ އެވެ.

ޕިއާސް ބުނީ އޭނާ ބޭނުންވަނީ ހަމައެކަނި ޕްރައިވެޓް ކަލެކްޓަރުންނަށް ކުރަހަން ނޫން ކަމަށާއި މާސް މާކެޓަށްވެސް ކުރަހަން ބޭނުން ކަމަށެވެ.

ޕިއާސް ބުނީ ކުރެހުމަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށާއި ކޮލިފިކޭޝަން ނެތުމުގެ ސަބަބުން އެކަމުން ކުރި ނާރަނީސް، އެކްޓިން ކެރިއާ ކުރިއަރައިގެން ކުރެހުމުން ދުރަށް ޖެހުނީ ކަމަށެވެ. އަދި 1987 ގައި ޕިއާސްގެ ފުރަތަމަ އަންހެނުން ކެސެންޑްރާ ހެރިސްއަށް އޯވޭރިއަން ކެންސަރު ޖެހިގެން އެކަމާ ކުރިމަތިލުމުގެ ގޮތުން އަނެއްކާ ކުރަހަން ފެށި ކަމަށެވެ. ކެސެންޑްރާ ވަނީ މި ބަލީގައި 1991 ގައި މަރުވެފަ އެވެ. 2001 ގައި ޕިއާސް ވަނީ އޭނާގެ ދެވަނަ އަނބި ކީލީ ޝޭއާ ކައިވެނިކޮށްފަ އެވެ. ޕިއާސް ބުނީ ކީލީގެ އެހީތެރިކަން ހުރިހާ ކަމެއްގައިވެސް ލިބޭއިރު، ކުރެހުމުގައިވެސް ކީލީ ގޮތް ކިޔާ އަދި އެކަމާ ބައެއް ފަހަރު ރުޅިއަޔަސް، ފަހުން ބަލާއިރު ކީލީގެ ބަސް އެއީ ރަނގަޅު ގޮތް ކަމުގައި ދޭހަވާ ކަމަށެވެ.

ޕިއާސްގެ ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު، ޕެރިސް އަކީވެސް ކުރަހަން ޝައުގުވެރިވާ ކުއްޖެއްކަމުގައި ޕިއާސް ބުންޏެވެ. އަދި ދެބަފައިން އެއްކޮށް ކުރެހުމަށް ޝައުގުވެރިވާ ކަމަށާއި ކޮންމެވެސް ދުވަހަކުން ދެބަފައިންގެ ޝޯއެއް ބާއްވަން ގަސްދު ކުރާ ކަމަށްވެސް ބުންޏެވެ. އަދި ޕެރިސްގެ ބޮޑަށް ހުންނަ ޑިލަން އަކީ ޑޮކިއުމެންޓަރީ ފިލްމް ހަދަން ޝައުގުވެރިވާ ދަރިއެއް ކަމަށާއި ޕިއާސް ކުރެހިއިރު، އެކަމަށް ޑޮކިއުމެންޓަރީއެއް ޑިލަން ހަދާ، އެ އެގްޒިބިޝަންގައި ދައްކާފައިވެ އެވެ.

ކުރެހުންތައް ސަމާލުކަމަށް ގެނައިނަމަވެސް، ފިލްމު ކުޅުމާ ދުރަށް މީން ދުވަހަކު ނުދާނެ ކަމަށް ޕިއާސް ބުންޏެވެ. ޕިއާސް އެންމެ ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބްލެކް އެޑަމް" ހިމެނޭއިރު އެންމެ އަވަހަށް ނިކުންނާނީ ނެޓްފްލިކްސްގެ "ދި އައުޓް ލޯޒް" އެވެ.