ދުނިޔެ

ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ އިމާރާތެއްގައި އަލިފާން ރޯވެ އެ އިމާރާތް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް ރިޕޯޓައް ބުނެފި އެވެ. އެހެންނަމަވެސް، އިމާރާތަށް ލިބުނު ގެއްލުމުގެ ތަފުސީލު ނޫސް އޭޖެންސީތަކަށް ލިބިފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިމާރާތުގައި ފުރަތަމަ ރޯވީ ބޭރަށް ފެންނަން ހުންނަ ބެލްކަނީގަ އެވެ. އެހެންނަމަވެސް ކުއްލިއަކަށް ފެތުރިގެން ދިއުމުން އިމާރާތުން ބައެއް ވަނީ އަނދާފަ އެވެ.

ރަޝިއާގެ ހަބަރުތައް ބުނާ ގޮތުން މިހާރު ވަނީ އަލިފާން ނިއްވާލާފަ އެވެ. އަލިފާން ރޯވި އިމާރާތަކީ ރަޝިއާގެ ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބޭނުންކުރި އިމާރާތެއް ކަމަށްވެސް ހަބަރުތައް ބުނެ އެވެ. އަދި މި އިމާރާތަކީ ބޭނުންނުކޮށް މުޅިން ދޫކޮށްލާފައިވާ އިމާރާތެއް ނޫން ކަމަށްވެ އެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތްތަކުގައި ފަޔާފައިޓަރުން ވަރަށް ގިނަ އަދަދަކަށް ވަނީ ހަރަކާތްތެރިވެފަ އެވެ. އަލިފާން ނިއްވާ ލޮރީތަކާއި ކްރޭންތައްވެސް އިމާރާތުން ތަކެތި ބޭލުމަށް ހަރަކާތްތެރިވި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީ މިހާރު ހިންގަނީ މުޅިން އާ އިމާރާތެއްގަ އެވެ. އަލިފާން ރޯވި އިމާރާތަކީ އެ އިމާރާތުގެ ޝަރަފަށްޓަކައި ބަހައްޓާފައި ހުންނަ އިމާރާތެކެވެ. މި އިމާރާތް ހުންނަނީ ރިޔާސީ ގަނޑުވަރު، ކްރެމްލިންއާ މާދުރުނޫން ހިސާބެއްގަ އެވެ.

ދިފާއީ ވުޒާރާގެ އިމާރާތެއްގައި އަލިފާން ރޯވި ނަމަވެސް އެ އިދާރާއިން ކުރާ އެއްވެސް ކަމަކަށް ބުރޫ ނާރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އާންމު މަސައްކަތްތަކުގެ ބޮޑު ބައި ހިންގަނީ އާ އިމާރާތުގައި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިއާގެ ތެރޭގައި ވެސް ނުރައްކާތެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

ޑްރޯން ބޭނުންކޮށްގެން ޔުކްރޭނުން ވެސް ވަނީ ރަޝިއާގެ އަސްކަރީ އެއާޕޯޓަކަށް ވެސް ހަމަލާދީފަ އެވެ. އަދި އަސްކަރީ މަރުކަޒަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

މިދާކަށް ދުވަހު ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއަށް ނިސްބަތްވާ ސަރަހައްދުގައި ވެސް ވަނީ އެއްޗެއް ގޮއްވާލަފަ އެވެ. އެހެންކަމުން، ދިފާއީ ވުޒާރާގެ އިމާރާތުގައި ރޯވުމުގައި ޔުކްރޭންގެ އަތެއް އޮތުމަކީ ވެސް ވިސްނާ ބަޔަކު ފިކުރު ހިންގާނެ ކަމެކެވެ.