ފިނިޕޭޖް

ޓޮމް ހޭންކްސްއަށް ހާވާޑް އިން އޮނަރަރީ ޑިގްރީއެއް

އެކްޓަރު އަދި ޕްރޮޑިއުސަރު ޓޮމް ހޭންކްސް، 66، އަށް އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އޮނަރަރީ ޑިގްރީ އޮފް އާޓްސް ލިބިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ދަސްވެނިންގެ ރަސްމިއްޔާތުގައި ޓޮމް ވަނީ ފެށުމުގެ ސްޕީޗެއް ދީފަ އެވެ.

ޓޮމްގެ ވާހަކައިގައި ޖޯކް ޖަހަމުން ބުނީ އޭނާއަށް އެ ޑިގްރީ ލިބިފައިވަނީ އެއްވެސް މަސައްކަތެއް ނުކޮށް، އެއްވެސް ކްލާހަކަށް ނުގޮސް އަދި އެންމެ ފަހަރަކުވެސް ލައިބްރަރީގެ ތެރެއަށް ނުވަދެ ކަމަށެވެ.

އެހެންނަމަވެސް ދަސްވެނިންނަށް ޓޮމްގެ ސީރިއަސް މެސެޖަކީ ކަންކަމާމެދު އަޅާނުލުމުގެ ވިސްނުން ދޫކޮށްލައި، އަދި އެގޮތަށް ބަޔަކު ވިސްނާނަމަ އެކަމާ ދެކޮޅަށް ތެދުވުމެވެ. މި މޭރުމުން ޓޮމް ވަނީ ގިނަ ވާހަކަތަކެއް ދައްކާ، ދަސްވެނިންނަށް ހިތްވަރު ދީފަ އެވެ.

ހާވާޑް އިން ވަނީ ޓޮމްގެ 2000 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ކާސްޓްއަވޭ" އަށް އިޝާރާތްކޮށް، ހާވާޑްގެ ބްރޭންޑަޑް ވޮލީބޯޅައެއް ދީފަ އެވެ. އެ ފިލްމްގައި ޓޮމް ދަތުރުކުރަމުން ދިޔަ ބޯޓު މޫދަށް ވެއްޓި، ފަޅު ރަށަކަށް ލައްގާއިރު، ލެއްގި ޕާރްސަލެއްގައި އޮންނަ ވޮލީބޯޅަ ވެގެން ދިޔައީ ފަސް އަހަރު ވަންދެން ޓޮމްގެ ކެރެކްޓާގެ ބެސްޓް ފްރެންޑަށެވެ. އަދި ހާވާޑްގެ ތިއެޓްރިކަލް ގްރޫޕެއް ވަނީ ޓޮމްގެ ފިލްމްތަކަށް އައިޓަމެއް ހުށަހަޅާފަ އެވެ.

ޓޮމްގެ 40 އަހަރުގެ ފިލްމީ ކެރިއާގައި ހަ އެކަޑަމީ އެވޯޑް ނޮމިނޭޝަނަށްދެ އެވޯޑާއި އެކްޓާ އަދި ޕްރޮޑިއުސަރެއްގެ ގޮތުން 21 އެމީ ނޮމިނޭޝަނަށް ހަތް އެވޯޑް ލިބިފައިވެ އެވެ.

ޓޮމް އާއި ޓޮމްގެ 35 އަހަރުވީ އަނބިމީހާ އެކްޓްރެސް، ޕްރޮޑިއުސަރު އަދި ލަވަކިޔުންތެރިޔާ ރީޓާ ވިލްސަން ވަނީ ކާން ފިލްމް ފެސްޓިވަލްގައި މި ދެމަފިރިންގެ ރޯލެއް އަދާކޮށްފައިވާ "ދި އެސްޓެރޮއިޑް ސިޓީ"ގެ ޕްރީމިއާއިން ފެނިފަ އެވެ.