ސްޓެލްކޯ އިން ފޯރުކޮށްދޭ އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގައި އެއްވެސް މިންވަރެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް އެއްވެސް މުވައްޒަފެއްގެ ހިތުގައިވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގި ނެޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނެޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ދެ ކޯހުގައި ސްޓެލްކޯގެ ޖުމްލަ 89 މުވައްޒަފަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެ އެވެ. މީގެ ތެރެއިން ނެޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި 66 މުވައްޒަފުން އަދި ނެޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި 23 މުވައްޒަފުން ބައިވެރިވެފައިވެ އެެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުންނަކީ ކޮންމެ ދާއިރާއަކުންވެސް އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ އަދި ފަންނީ ގޮތުން ގާބިލް، ހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރުމެވެ.
ސްޓެލްކޯ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ޔުޓިލިޓީ ހިދުމަތުގެ ދާއިރާގައި އެންމެ މުހިއްމު އަދި ޓެކްނިކަލީ އެ ކުންފުންޏާ އެއްވަރުގެ އެހެން ކުންފުންޏެއް ރާއްޖޭގެ ނެތް ފަދަ ކުންފުންޏެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ތެރެއިން ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. ސްޓެލްކޯގެ ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި މީހުން ބިނާކުރަންޖެހޭކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް މުހިއްމު އަމާޒެއް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް އެއީ. މި ފުރުސަތުގައި، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ސްޓެލްކޯއަށް އަދި އާ ދެ ހިދުމަތް ކަމަށެވެ. އެހެންވީމާ މި ދެ ހިދުމަތް ދިނުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ކަމާ ގުޅޭ މައުލޫމާތާއި، ތަޖުރިބާ ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ރާއްޖޭގައި ދެވަނައެއް ނެތް ކުންފުންޏެއް ކަރަންޓުގެ ހިދުމަތުގައި. ރައްޔިތުންނާއި ހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނާއި، އެއްހަމައަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް. އަޅުގަނޑުމެންގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯ އަކީ ރައްޔިތުންނަށް ވަރަށް މުހިއްމު އަސާސީ ހިދުމަތްތަކެއް ދޭ ކުންފުންޏަކަށް ވާތީ "ޕްރައިމް މެންޑޭޓަކީ" ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުން ކަމަށެވެ.
"އެއީ ކަރަންޓުގެ ހިދުމަތް ކަމުގައިވިޔަސް އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވިޔަސް. މި ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގައިވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވަޒަންކުރާނީ ހިދުމަތް ހޯދާ އާންމު ރައްޔިތުން ކަމަށެވެ. އެއީ ފެންވަރު ރަނގަޅު، ރައްޔިތުން ގަބޫލުކުރާ މިންވަރުގެތޯ ނުވަތަ ނޫންތޯވެސް ނިންމާނީ ހިދުމަތް ލިބޭ ރައްޔިތުން ކަމަށާއި، މުވައްޒަފުންގެ ދައުރަކަށް ވާނީ ހިދުމަތް ހޯދަން އަންނަ މީހުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުން ކަމަށެވެ.