އިނގިރޭސިވިލާތާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަކީ އިތުރު އެހެން އެއްވެސް ގޮތެއް އޮއްވައި ކުރާނެ އިޚުތިޔާރެއް ނޫން ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެހެން ނަމަވެސް، އިނގިރޭސިންގެ އަމަލުތައް ހުރީ -- މިހާރު ވެސް ހީނަރުވެފައި އޮތް، ޑިޕްލޮމެޓިކް ގުޅުން އަބަދަށް ކަނޑާލަން ޖެހިދާނެ ގޮތަކަށް ކަމަށް ވެސް ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމާގައި، އިނގިރޭސިވިލާތުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެނީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރަން ނޫން ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
އިނގިރޭސިވިލާތުން ހަތިޔާރު ފޯރުކޮށްދިނުމާ އެކު ރަޝިއާއަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ވެސް އިނގިރޭސިން ވާގިވެރިވާ ކަމަށް ޝައްކެއް ނެތް ވަރަށް ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރަޝިއާގެ ރޭލް ސްޓޭޝަންތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަދި އިންޓެލިޖެންސް އިދާރާތަކަށް ޔުކްރޭން މެދުވެރިވެ ދީފައި ހުރި ހަމަލާތައް އުފަންވެފައި ވަނީ އިނގިރޭސިވިލާތުން ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
އިނގިރޭސިވިލާތުގައި އުފައްދާ އަދި ހަމައެކަނި އިނގިރޭސި އަސްކަރިއްޔާއަށް ޚާއްސަ ހަތިޔާރު -- ޔުކްރޭނުން ރަޝިއާއަށް ދީފައި ހަމަލާތަކުން ހޯދިފައި ހުރި ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
ޔުކްރޭން ހަނގުރާމާގައި އިނގިރޭސިވިލާތް ބާއިވެރިވާ މިންވަރު އޮޅިފައި ނުވާ ކަމަށް ރަޝިއާ ބުނެ އެވެ. އިނގިރޭސިންގެ ބޭނުމަކަށް މިހާރުވެފައި ވަނީ -- ވޯލް ސްޓްރީޓް ޖާނަލުގައި އޮތް ރިޕޯޓެއް ބުނާ ގޮތުން، މައި ރަޝިއާއަށް ހަމަލާދީ ހަނގުރާމައިގެ މިސްރާބު ބަދަލުކުރުމެވެ.
އިނގިރޭސިވިލާތުން ޔުކްރޭނަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސިވިލާތުގައި އުފައްދާ ހަތިޔާރާއި އަދި ގައުމުން ބޭރުގައި އުފައްދާ ހަތިޔާރު ފޯރުކޮށްދޭ ކަމަށް ވެސް ރަޝިއާ ބުނެ އެވެ. ސިފައިން ތަމްރީންކުރުމާއި އަދި އިނގިރޭސި ޚާއްސަ ފައުޖުތައް ޔުކްރޭންގައި ހަރަކާތްތެރިވާ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
އިނގިރޭސި ސިފައިން ހަނގުރާމައިގެ މައިދާނަށް އަމަލީ ގޮތުން ނުކުމެފައި ނެތް ނަމަވެސް، ރަޝިއާއަށް ދީފައި ހުރި ހުރިހާ ހަމަލާއެއްގެ ފަހަތުގައި އޮތީ އިނިގޭސި އަސްކަރިއްޔާ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
އިނގިރޭސިވިލާތާ އެކު ޑިޕްލޮމިޓިކް ގުޅުން ކަނޑާލުމަކީ ނިކަމެތި ކަމަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ރަޝިއާ ބުނެ އެވެ. އެހެން ނަމަވެސް، އެކަށީގެންވާ ވަގުތުގައި އިނގިރޭސިންނަށް ވެސް އެއްޗެއް ހިތަށްއަރާ ގޮތަށް ރަޝިއާ ބަދަލުހިފާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.