އާބަންކޯ

މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ

May 25, 2023

މޯލްޑިވްސް ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއް އާބަންކޯ އިން ސްޕޮންސާކޮށްފި އެވެ.

އާބަންކޯ އާއި ބޮޑީ ބިލްޑިންގް އެސޯސިއޭޝަން އިން މިއަދު ސޮއިކުރި އެއްބަސްވުމާއެކު މިސްޓަ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރަކަށް ވާނީ އާބަންކޯ އެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކްސް ގެ ކޯ-ސްޕޮންސާއަކަށް އާބަންކޯ ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަތީފެވެ. ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރީ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ.

މި ދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް މި އޮތް ކުރިއަށް އޮތް ޖުލައި މަހު އެވެ.

މިސްޓަ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި ދެ މުބާރާތުން ވެސް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އާބަންކޯއިން މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީ ބިލްޑިންގް އެސޯސިއޭޝަނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ކުޅިވަރުތަކާއި، ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށް އާބަންކޯ އިން ބުނެ އެވެ.