ފިނިޕޭޖް

ރޭ ސްޓީވަންސަން 58 އަހަރުގައި މަރުވެއްޖެ

އުތުރު އަޔާލޭންޑްގެ އެކްޓަރެއް ކަމުގައިވާ ރޭ ސްޓީވަންސަން، އޭނާގެ އެންމެ ފަހުގެ ފިލްމުގެ ޝޫޓިންއަށް އިޓަލީގައި އުޅެނިކޮށް މަރުވެއްޖެ އެވެ.

ރޭ މަރުވެފައި މިވަނީ އޭނާގެ 59 ވަނަ އުފަން ދުވަސް އައުމުގެ ހަތަރު ދުވަސް ކުރިންނެވެ.

ރޭގެ މަރުގެ ސަބަބު އަދި ހާމަކޮށްފައި ނުވި ނަމަވެސް، ހަބަރު ލިބޭ ގޮތުގައި ރޭ އިޓަލީގެ އިސްކިއާގައި "ކެސީނޯ އިން އިސްކިއާ"ގެ ޝޫޓިންގައި އުޅެނިކޮށް ވަނީ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ޝޫޓިން މެދުކެނޑިފައިވެ އެވެ. "ކެސީނޯ އިން އިސްކިއާ"ގައި ރޭ އަދާކުރަނީ ލީޑް ރޯލެވެ.

ރޭގެ މަރާ ގުޅިގެން އަދި އެއްވެސް ފަރާތަކުން ބަޔާނެއް ނެރެފައެއް ނުވެ އެވެ. އެހެން ނަމަވެސް ރޭގެ ކޯސްޓާރުންނާއި ޑައިރެކްޓަރުން ހިތާމަ ފާޅުކޮށް، ތައުޒިޔާ ކިޔަމުންދެ އެވެ.

ރޭގެ 25 އަހަރުގެ ކެރިއަރަށް ބަލާއިރު އޭނާ ވަނީ ގިނަ އަދަދެއްގެ ފިލްމް އަދި ސީރީޒް ކުޅެފަ އެވެ. މީގެ ތެރޭގައި "ކިންގ އާތާ"، "ރޯމް"، "ކިލް ދި އައިރިޝްމަން"، "ތްރީ މަސްކެޓިއާޒް"، "ޑެކްސްޓާ"، "ބްލެކްސެއިލްސް"، "ސްޓާ ވޯޒް: ރިބެލްސް" އާއި ""މެމަރީ" އަދި "އާރްއާރްއާރް" ހިމެނެ އެވެ.

ރޭ މާވެލްގެ ދެ ކެރެކްޓާ ވެސް އަދާކޮށްފައިވެ އެވެ. އެއީ "ޕަނިޝާ: ދަ ވޯ ޒޯން" ގައި ފްރޭންކް ކާސަލް / ދަ ޕަނިޝާ އަދި މާވެލް ސިނަމެޓިކް ޔުނިވާސްގައި ތޯގެ އެކުވެރިޔާ ވޮލްސްޓެގް އެވެ. އަދި "1242: ގޭޓްވޭ ޓު ދަ ވެސްޓް"ގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާއިރު، އޮގަސްޓްގައި ނެރޭ ޑިޒްނީ ޕްލަސްގެ ސްޓާ ވޯޒްގެ "އާސޯކާ" ސީރީޒް ކުޅުމަށްވެސް ރޭ އެއްބަސްވެފައިވެ އެވެ.