ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ އިވެންޓެކެވެ. މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމެވެ.

މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ.

އެގޮތުން މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަޤްވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭ.އައި.ގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ އަސާސީ ދާއިރާތަކާއި ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށެވެ.