ރާއްޖެ ކުޅިވަރު

އަންހެން ޓީމު ސެމީ އަށް، ފިރިހެން ޓީމު ބަންގާޅު ބަލިކޮށްފި

ސައުތު އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމު ސެމީ އަށް ދަތުރުކުރިއިރު ފިރިހެން ޓީމު ބަނގްލަދޭޝް ބަލިކޮށް ސެމީގެ އުއްމީދު އާކޮށްފި އެވެ.

އިއްޔެ ފެށި ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އީދުގައި އަންހެން ވޮލީ ޓީމު ސެމީ އަށް ދިޔައީ މިއަދު ޕާކިސްތާން ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ރާއްޖެ ހޯދީ 23، އާއި 12 އަދި 19 ޕޮއިންޓް ޕާކިސްތާނަށް ދީފަ އެވެ.

މިއީ މިހާތަނަށް ގައުމީ އަންހެން ޓީމު ސަރަހައްދީ މުބާރާތެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. މި ފަހަރު ޓީމުގެ ކޯޗަކީ ކުރީގެ އެއްވަނަ ލިބަރޯ އަހުމަދު އަދީލް (ބޭބެ) އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ކުޅެންޖެހުން އެންމެ ގާތީ ސްރީލަންކާއާ އެވެ.

ޕާކިސްތާން އަތުން ސީދާ ތިން ސެޓުން އިއްޔެ ބަލިވި ނަމަވެސް ރާއްޖޭގެ ފިރިހެން ޓީމު ސެމީގެ އުއްމީދު ބޮޑުކުރީ މިއަދު ބަންގާޅު ތިން ސެޓުން ބަލިކޮށްފަ އެވެ.

ފުރަތަމަ ސެޓް ރާއްޖެ ހޯދީ ބަންގާޅަށް 17 ދީފަ އެވެ. މެޗު ކުޅުނު ހޯލުން 15 ވަރަކަށް މިނިޓަށް ކަރަންޓް ކަނޑައިގެންދިއުމުން މެޗު މެދުކަނޑާލަންޖެހުނު ވަގުތުކޮޅަކަށް ފަހު ރާއްޖެ ދެ ވަނަ ސެޓް ގެންދިޔައީ 25-20އިންނެވެ. ފަހު ސެޓް ހޯދީ 25-23 އިންނެވެ.