ދުނިޔެ

ޔުކްރޭނާ އެކު ސުލްހަވުމަށް ރަޝިއާއިން ޝަރުތު ކަނޑައަޅައިފި

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ޔުކްރޭނާ ސުލްހަވުމަށް ރަޝިއާއިން ޝަރުތު ކަނޑައަޅައިފި އެވެ.

ޝަރުތުތަކުތެ ތެރޭގައި ހިމެނެނީ -- ހަނގުރާމަ ފަށަން ޖެހުނުއިރު ވެސް ކުރިމަތިކޮށްފައި ހުރި ޝަރުތުތުކަކެވެ.

ޔުކްރޭނާ އެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އެ ގައުމުން ރަޝިއާއަށް ކަށަވަރުކަން ދޭން ރަޝިއާ އެދޭ ޝަރުތުތަކުގެ ތެރޭގައި ނޭޓޯގައި ބައިވެރިވުމަށް ޔުކްރޭން ކުރަމުންދާ މަަސައްކަތްތައް ހުއްޓާލުން ހިމެނެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ޔުކްރޭން ނުވާނެކަން ވެސް ރަޝިއާއަށް ޔަގީންކޮށްދޭން ޖެހެ އެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު މިޚައިލް ގަލޫޒިން ވިދާޅުވި ގޮތުގައި، ޔުކްރޭން ވަކިއަތަކަށް ނުޖެހި އޮތުމާއި، ހުޅަނގަށް ބަރޯސާވުން ހުއްޓާލަން ވެސް ޖެހެ އެވެ.

ރަޝިއާ ސިފައިން އަތުލާފައި ހުރި ޔުކްރޭންގެ ބިންތަކުގެ ބަލަދުވެރިކަން ރަޝިއާއަށް ދިނުން އަދި ރަޝިއާ ބަހުރުވަ އަކީ ޔުކްރޭންގެ ރަސްމީ ބަހެއް ކަމަށް ގަބޫލުކުރުމަމީ ވެސް -- ވަޒީރުގެ ނައިބު ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހުރި ޝަރުތުތަކެކެވެ.

ރަޝިއާގެ ޓާސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިޚައިލް ބަލޫޒިން ވިދާޅުވީ ހުޅަނގުން ޔުކްރޭނަށް ފޮނުވާ ހަތިޔާރު ޝިޕްމަންޓްތައް ބަލައިގަތުމަކީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ. އެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ޓެރަރިސްޓް ހަމަލާތައް އަމާޒުކުރުމަކީ ވެސް ޔުކްރޭނަށް ހެދޭ ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނާ މެދު ރަޝިއާއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ނޭޓޯ ޖަމާއަތުގައި ބައިވެރިވުން ކަމަށް ވެސް ވަޒީރުގެ ނައިބު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ޔުކްރޭން ވުމަކީ ރަޝިއާގެ ސަލާމަތާށާއި ރައްކާތެރި ކަމަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށެވެ.

ޔުކްރޭން ފުރަތަމަ ދަސްކުރަންވީ އަވައްޓެރިންނާ އެކު އުޅެން ކަމަށް ވެސް ވަޒީރުގެ ނައިބު ވިދާޅުވި އެވެ. އަވައްްޓެރިން ދޫކޮށް -- މާ ދުރުން ބަޔަކާ އެކު މުއާހަދާތަކެއްގައި ސޮއިކޮށް އިގުރާރުވުމަކީ ޔުކްރޭނަށް އޮތް ރައްކާތެރިކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.