ރާއްޖެ ކުޅިވަރު

ސިފައިންގެ ތަށި ފަޔާ އެންޑް ރެސްކިއު ސަރވިސްގެ ޓީމަށް

Feb 7, 2016

ކޮމާންޑަރ އިސްމާއީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅޭ އެމްއެންޑީއެފް އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމް ހޯދައިފި އެވެ.

ދެ ޑިވިޜަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން އެ ޓީމު ހޯދީ ފައިނަލުގައި ރޭ އެމްއެންޑީއެފް މާލޭ އޭރިއާގެ ޓީމް ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ. މި ޓީމުގެ ކޯޗަކީ ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު ޖަމީލެވެ.

މުބާރާތުގައި އިއްޔެ ހެނދުނު ކުޅުނު ދެވަނަ ޑިވިޝަންގެ ފައިނަލުގައި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އާއި އިންޓްރޭޓެޑް ހެޑްކްއޯޓަރޒް (އައިއެޗްކިއު) ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އީއެމްއީގެ ޓީމެވެ.

މިމުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

މިދިޔަ މަހު 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަޔަކަށް ކުރިއަށްދިޔަ މުބާރާތުގައި ޖުމްލަ 20 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިގޮތުން މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ނުވަ ޓީމެއް ބައިވެރިވެފައިވާއިރު ދެވަނަ ޑިވިޝަންގައި 11 ޓީމެއް ވަނީ ބައިވެރިވެފައެވެ.