ރާއްޖެ ކުޅިވަރު

ސިފައިންނާއި ފުލުހުން ފުޓްބޯޅަ އަށް! ގޯހަކަށް ވެދާނެތަ؟

ސިފައިންނާއި ފުލުހުން ނުކުޅޭ ކުޅިވަރެއް ނެތެވެ. މިހާތަނަށް އެމީހުންނަށް ކުޅިވަރުގައި ނުވެ އޮތް ކަމަކީ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ތަށިތަކެއް ހޯދުމެވެ. މިހެންވެ ހުއްޓުމެއްނެތި ފުރަތަމަ ޑިވިޝަނުގައި ކުޅެން އެމީހުން ކުރާ މަސައްކަތުގެ ތެރެއިން އެފްއޭއެމްއަށް އެކި ޒާތްޒާތުގެ ޕްރެޝަރު ކުރިމަތިކުރުވައިގެން، އެފްއޭއެމުން ދޭތެރެދޭރެއިން ފުރުސަތު ދީފާ އެބަ ހުއްޓެވެ. އެކަމަކު އެ ހުރިހާ ފަހަރަކު ވެސް އެކި ސަބަބުތައް ކުރިމަތިވެ. އެންމެ ފަހުން ޖެހެނީ، އެ ހުއްދަ ބާތލް ކުރާށެވެ. ގައުމުގެ އަމަންއަމާންކަން ބަލަހައްޓާ އެންމެ ވަރުގަދަ ދެ މުއައްސަސާ ފުޓްބޯޅައިން ބާކީ ކުރަން ޖެހުނީ، މި ދެ ބައިމީހުން ކުޅުނު މެޗެއްގައި ތަފާފޮޅައި މެޗު ހުއްޓާލަން ޖެހުނު ހާދިސާއަކަށް ފަހު އެވެ.

އެފްއޭއެމަށް ޕްރެޝަރު

ފުލުހުންނާއި ސިފައިންނަށް ފުޓްބޯޅައިން ފުރުސަތު ދިނުމަށް އެދެ މުއައްސަސާއިން އެފްއޭއެމަށް އަބަދުވެސް، ހެސްކިޔާފަ ޕްރެޝަރު ކުރެ އެވެ. އެންމެ ބޮޑަށް ފުޓްބޯޅަ އަށް އެހީވަނީ އެމީހުން ކަމަށް ބުނެ އެވެ. އެކަމަކު މެޗުތައް ކުޅޭއިރު އަމަން ގާއިމުކުރުމާއި ގައުމީ ޓީމު ކުޅޭ ސަރަހައްދީ ބޮޑު މުބާރާތަކަށް ދަނޑާއި މާލެތެރެ ޒީނަތްތެރިކުރުމާއި ސަޕޯޓް ކުރުމަށް އެކުރާ ކަންތައްތަކަކީ ގައުމީ ޒިންމާއެއްނޫންތޯ އެވެ؟ އެންމެ ފުރަތަމަ އަލީ އާޒިމްގެ ދައުރުގައި މިކަން ފެށުނު ނަމަވެސް ފުޓްބޯޅަ ކުލަބުތަކުން ނުރުހުން ފާޅުކުރުމުން އޭނާ ވިސްނެވީ ދެ ވަނަ ޑިވިޝަނަށްވުރެ މައްޗަށް ނުދެވޭގޮތަށް ފުލުހުންނާއި ސިފައިންނަށް ފުރުސަތު ދިނުމަށެވެ. އަޖުމަ ބަލާފައި ފުރަތަމަ ޑިވިޝަނަށް ގެންދިއުމަށެވެ. ސިފައިންނާއި ފުލުހުން ފުޓްބޯޅަ ދަނޑުމަތީގައި ތިބެ ތަޅާފޮޅައިގަތީ އަޖުމަ ބެލުމުގެ އެދުވަސްވަރު އެވެ.

އެކަމަކު އެނިންމުން ޖެހިގެން އައި މެނޭޖްމަންޓުން ބަދަލުކުރީ ސިފައިންނާއި ފުލުހުންގެ އިސް ފަރާތްތަކުގެ ޕްރެޝަރާ ހެދި ސަރުކާރުން ވެސް އެދިގެންނެވެ. ފަހުން އެނިންމުން އަނެެއްކާ ވެސް ބަދަލުކުރީ ކުލަބުތަކުން ނުރުހުންވެ، އެފްއޭގެ މެނޭޖްމަންޓް ދެމިއޮތުމާމެދު ސުވާލު އުފެދެން ފެށުމުންނެވެ. އެންމެ ފަހުން އޮތް ނޯމަލައިޒޭޝަން ކޮމިޓީން ނިންމީ ސިފައިންނާއި ފުލުހުންނަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ނުދީ ސަރުކާރުގެ އޮފީސްތަކަށް ބާއްވާ ރެކްރިއޭޝަނަލް މުބާރާތުގައި އެމީހުންނަށް ފުރުސަތު ދީގެން ހިތްހަމަ ޖައްސައި ދިނުމަށެވެ. އެނިންމުން އެފްއޭއެމުގެ މިހާރުގެ މެނޭޖްމަންޓް އައިތާ މާގިނަ ދުވަހެއް ނުވެ މިއޮތީ އަނެއްކާ ވެސް ދިމާއިދިކޮޅަށް ބަދަލުކޮށްލައިފަ އެވެ.

ވޮލީ އަށް ވީގޮތް ވެދާނެ!

ސިފައިންނާއި ފުލުހުން 2005 ވަނަ އަހަރު ވޮލީގައި ވާދަކުރަން ފެށުމާއެކު ވޮލީގެ ބާރު ކެނޑެން ފެށި އެވެ. އެންމެ ތިން އަހަރު ތެރޭގައި ރާއްޖޭގައިތިބި ވޮލީގެ މޮޅު ހުރިހާ ކުޅުންތެރިން ޕޮލިހާއި ސިފައިން ގަތީ އެވެ. އެ ދެ މުއައްސަސާއިން ކުޅުންތެރިންނަށް ވަޒީފާ ވެސް ދޭން ފެށުމާއެކު ދާއިމީ ވަޒީފާއެއްނެތިފައި ތިބި ކުޅުންތެރިން އަވަހަށް އެދިމާއަށް ދުއްވައިގަތީ އެވެ. ނަތީޖާއަކަށްވީ ވަރުގަދަ ތިން ވަނަ ޓީމެއް ހަދަން އުނދަގޫވާ ވަރަށް ވޮލީގެ ހާލަތު ދަށަށް ދިއުމެވެ. ޕޮލިހާއި ސިފައިންނަށް ނުގޮސްތިބި ހުރިހާ ކުޅުންތެރިން އެއްޓީމަކަށް ދިއުމުން ނޫނީ އެމީހުންނާ ވާދަކުރެވޭ ވަރުގެ ޓީމެއް މިހާރު ވޮލީން ނުފެނެ އެވެ. މޯލްޑިވިއަން އިހަށްރޭ ތަށި ނެގީ ވެސް މިފަދަ ޓީމެއް ހަދައިގެންނެވެ. ސިފައިންނާއި ފުލުހުން ފުޓްބޯޅަ އަށް އައުމުން ވޮލީ އަށް ދިމާވި މިހާލަތު ފުޓްބޯޅައަށް ކުރިމަތިވުމުގެ ބިރު އެބަ އޮތެވެ. އަނެއްކޮޅުން ޕޮލިހާއި ސިފައިން ވޮލީގެ ގަދަ ބާރަކަށްވެ، ތަށިތައް ހޯދަން ފެށުމުން އޭގެ ފޯރިކެނޑި، ވޮލީބަލާ މީހުން ވަކި ގިނައެއް ނުވި އެވެ. ކުރިއަށްވުރެ ވިއްޔާވީ މަދެވެ. ބެރު ދުންމާރި ހިފައިގެން އެ މުބާރާތް ބަލަން ދަނީ އެ ދެ މުއައްސަސާގެ މުވައްޒަފުންނަށް އޮންނަނީވެފަ އެވެ.

ސިފައިންނާއި ފުލުހުން ފުޓްބޯޅަ އަށް. މައްސަލައަކީ ކޮބާ؟

މި ދެ މުއައްސަސާ ފުޓްބޯޅަ އަށް އައުމުގެ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ފުޓްބޯޅަ ކުޅޭ ކުލަބުތައް ފަތުއަޑުކިޔާފައި އަޑިއަޅާލާނެތީ އެވެ. ނިއުރޭޑިއަންޓާއި ވިކްޓަރީ އާއި ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅަ ނަގަހައްޓައިދިން ތިން ކުލަބެވެ. އެންމެ ގިނަ ސަޕޯޓަރުން ތިބީ ވެސް މި ތިން ކުލަބުގަ އެވެ. އޭގެ ފަހަތުން މިހާރު މާޒިޔާ އަދި ބީޖީ އާއި ޓީސީ އާއި އީގަލްސްގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ އާއި އަތޮޅުތެރެެއިން އަންނަ ޓީމުތައް ފުޓްބޯޅައަށްޓަކައި ވަމުންދާ ގުރުބާނީ ސިފައިންނާއި ފުލުހުންގެ ސަބަބުން އިސާހިތަކު ނިމިދާނެ އެވެ. ސަބަބަކީ މިއިން އެއްވެސް ކުލަބަކީ ވަރުގަދަ މެނޭޖްމަންޓެއްނެތި ވަރަށް ހާލުގައި ތިބި ކުލަބުތަކަށްވުމެވެ. ހެޔޮއެދޭ މަދު ފަރާތްތަކާއި ސަރުކާރުގެ ދީލަތި އެހީއާއެކު ގެއްލުމުގައި ހިންގާ ކުލަބުތަކަށްވުމެވެ. އެންމެ ކުޑަމިނުން ޕޮލިހާއި އެމްއެންޑީއެފުން ހިންގާ ފަދަ ފޭސްބުކް ޕޭޖެއް ހިންގާލާނެ ވަރުވެސް ކުލަބުތަކުގައި ނެތެވެ.

ކުލަބުތަކަށް ގެއްލުންވާނެ އެއްމެ ކަމަކަށް ބަލަމާ ހިނގާށެވެ. ސިފައިންނާއި ފުލުހުންނަކީ ދައުލަތުގެ ބާރުގަދަ ދެ މުއައްސަސާ އެވެ. މި ދެބައިމީހުން ކަމަކާ ކުރިމަތިލުމުން އެހެން އެންމެން ސިހޭނެއެވެެ. ސިފައިން ފުޓްބޯޅައިގައި ވާދަކުރަން ފެށުން ރަސްމީކޮށް އިފްތިތާހު ކުރިގޮތަކީ ކުޑަކުޑަ މިސާލެކެވެ. ލަންކާގެ އާމީ ޓީމު މާލެ ގެނެސް ގަލޮޅު ދަނޑުގައި ބޮޑު ފުޓްބޯޅަ މެޗެއް ކުޅުނީ ވަރުވަރުން ދިއްލާލި ބޮކިތަކުގެ އައްޔާއި އަޑާއި ދުމާއި ހަރަކާތާއެކު ކުލަގަދަ ރަސްމިއްޔާތަކުންނެވެ. މިހާރުވެސް އެމްއެންޑީއެފުން ބާއްވާ އިންޓަ ޑިޕާޓްމަންޓްތަކުގެ ފުޓްބޯޅަ މުބާރާތް އެފްއޭއެމުން ބާއްވާ މުބާރާތަށްވުރެ ވެސް މާފުރިހަމަ އެވެ.

އެންމެ ކުޑަމިނުން ސްޕޮންސާ ހޯދަން ވެސް ކުލަބުތަކަށް ދަތިވާނެ އެވެ. ކުންފުންޏަކުން ސްޕޮންސާ ހޯދަން ނިއުރޭޑިއަންޓް ނުވަތަ އީގަލްސްގެ ފަރާތުން ގުޅާނީ އެކުލަބުގެ ރައީސް ނުވަތަ ޖެނެރަލް ސެކްރެޓަރީ އެވެ. އޭނާވާނީ ވަރަށް އާދައިގެ މީހަކަށެވެ. ކުންފުނީގެ އިސްމީހަކާ ވާހަކަ ދެއްކޭނީ ވަރަށް ވަރުންނެވެ. ސްޕޮންސާ ހަމަޖެހޭނީ އެހާ އުނދަގުލުންނެވެ. އެކަމަކު ސިފައިންނާއި ފުލުހުންނަށް ސްޕޮންސަރު ހޯދުމަށް ގިނަފަހަރަށް ގުޅާނީ ސީދާ މިނިސްޓަރު ނުވަތަ ބާރުގަދަ ކާނަލެކެވެ. މިހިސާބުން އެއްކަލަ އީގަލްސް އަށް ދޭން ނިންމާފައި އޮންނަ ސްޕޮންސާ އެނބުރިގެންދާނީ ސިފައިންގެ ކުލަބަށެވެ. މިފަދަ އެތައް ކަމެކެވެ.

ދެން އޮތީ ކުޅުންތެރިން ޓްރާންސްފާ ކުރުމުގެ މައްސަލައެވެ. އެފްއޭއެމުންދޭ ކޮންމެ އެގްރީމަންޓެއްގައި ސޮއިކުރި ނަމަވެސް މިއިން މުއައްސަސާއަކުން ބޭނުން ނެތިގެން ދޫކޮށްލާ ކުޅުންތެރިއަކު މެނުވީ ކުލަބަކަށް އަތެއްނުވާނެ ކަމީ އިރުއަރާއިފައި އޮއްސޭފަދައިން ކަށަވަރުކަމެކެވެ. ވޮލީގައި މިކަން އެހެރަ ފެނިގެންދަނީ އެވެ. ސަބަބަކީ ބޭސްފަރުވާ އާއި ވަޒީފާ އާއި ތިބޭނެތަނެއްގެ އިތުރުން ކާންބޯން ދީފައި ސިފައިންނާއި ފުލުހުން ބައިތިއްބާގޮތަށް އެކަން ކުރުމުގެ ގާބިލްކަން ކުލަބުތަކުގައި ނެތުމެވެ.

ވަސީލަތްތައް މާގިނަ

ސިފައިންނާއި ފުލުހުންގެ ވަސީލަތްތައް އަދަދު ނުކުރެވޭހާ ގިނަ އެވެ. ކުލަބުތައް އެތިބީ އެއްވެސް ފަދައެއްނެތި އެވެ. 2007 ވަނަ އަހަރު މި ދެބައިމީހުންނަށް ފުޓްބޯޅައިން ފުރުސަތު ދިނުމުން ދެ ވަނަ ޑިވިޝަން ކުޅެން އެމީހުން ދަނޑަށް އަންނަން ނިންމީ ސިފައިންގެ ބަހުގަ އެވެ. ފުރިހަމަ އިއްޒަތާއެކު ފުލް ސެކިއުރިޓީގަ އެވެ. ޕްރެކްޓިސް ކުރަނީ އާރަށުގެ އެވެ. ކެއުމާއި ބޭސްފަރުވާ އެހާމެ ފައްކަލެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅަ އަދާހަމައަށް ގެނެސްދިން ކުލަބުތައް އެތިބީ އަޅާލާނެ ޔާރެއް އިޔާރެއް ނެތިފަ އެވެ. ކުޑަމިނުން ޕްރެކްޓިސް ކޮށްލަން ފުލްދަނޑެއް ނުލިބެ އެވެ. އަޅުގަނޑުވެސް އެއްބަހެވެ. ނިއު އާއި ވެލެންސިއާ އާއި ވިކްޓަރީ އަދި މާޒިޔާ ފަދަ ކުލަބުތަކުގެ އުމުރުން 40 ނުވަތަ 30 އަށް އެޅެމުންދާއިރު އެހާލުގައި ތިބުމަކީ ކުލަބުތަކުގެ ވެސް މައްސަލައެކެވެ. އެކަމަކު މިއީ ހަމައެކަނި ކުލަބުތަކުގެ ބޮލަށް ޖަހާލައިގެން ނިންމާލެވޭނެ މައްސަލައެއްނޫނެވެ. ސަރުކާރުން ވަރަށް ސީރިއަސްކޮށް އަޅާލަންޖެހޭ ކަމެކެވެ. ރާއްޖޭގެ ކުޅިވަރު މިހާތަނަށް ބައްޓަންވެފައި އޮތްގޮތުން މިކުލަބުތަކަށް މިހެންވީ އެވެ. ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ނޫނީ ދެން އަރައިނުގަނެވޭނެ އެވެ.

ހައްލަކީ ކޮބާ؟

މިކަމުގެ ހައްލު ހޯދަން ސަރުކާރުގެ އެންމެ އިސްސަފުގައި ސީރިއަސްކޮށް މަޝްވަރާކުރުން މުހިންމެވެ. ކުޅިވަރުގެ ގައުމީ މަޖިލީހާއި ކޮމިޝަނާއި އެފްއޭއެމް ވެސް މަޝްވަރާކުރަންޖެހެ އެވެ. އަޅުގަނޑު ދެކޭގޮތުގައި މިވަގުތަށް ސިފައިންނާއި ފުލުހުންނަށް ފުރަތަަމަ ޑިވިޝަނުން ޖާގަ ދިނުމަކީ ގޯހަކަށް ވެދާނެ އެވެ. އޭގެ ކުރިން ފުރަތަމަ ޑިވިޝަނުގައި މިހާރު އެއޮތް ދުވަސްވީ އަށް ކުލަބުތައް ދެމެހެއްޓެނވި ގޮތެއްގައި ހިންގާނެގޮތެއް ސަރުކާރާ ވާހަކަ ދައްކައިގެން އެފްއޭއެމުން ހޯދައިދޭން ޖެހެ އެވެ. އެހެންނޫނީ ވޮލީ އަށް ވީހެން ފުޓްބޯޅަ ވެސް ރާސްލާފައި އަޑިއަޅާލާނެ އެވެ. ސިފައިންނާއި ފުލުހުން ކުޅޭތަން ބަލަން ހަގީގީ ފުޓްބޯޅަ ސަޕޯޓަރުން ނުވަންނާނެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ސަޕޯޓަރުން ބޭސް އޮތީ ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާގެ އިތުރުން މިހާރު މާޒިޔާ އާއި އަރަމުން އަންނަ އީގަލްސް އާއި ޓީސީ ފަދަ ކުލަބުތަކާ ގުޅިފަ އެވެ.

ސިފައިންނާއި ފުލުހުންގެ ވަސީލަތްތައް ގިނަވުމާއި ހިންގުން ހަރުދަނާވުމުން އެމީހުން ފުޓްބޯޅަ ކުޅޭނަމަ ފައިދާތަކެއް ވެސް އެބަހުއްޓެވެ. އެމީހުންހާ ކުޅިވަރަށް އިސްކަންދޭ މުއައްސަސާ އެއް ނެތެވެ. އެކަމަކު މިވަގުތަށް ބަލާއިރު އެމީހުން ފުޓްބޯޅައިގެ ތެރެއަށް ވަނުމުން ލިބޭނެ ފައިދާއަށް ވުރެ ގެއްލުން އަދި މިފެންނަނީ ބޮޑުކޮށެވެ. މިހާތަނަށް މި ދެ މުއައްސަސާގެ އެޕްރޯޗަށް ބަލާއިރު އެމީހުން ފުރަތަމަ ވެސް ދުއްވައިގަންނާނީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ތަށިތައް ހޯދުމަށް މޮޅު ކުޅުންތެރިން ޖަހައިގަތުމަށެވެ.