ރާއްޖެ ކުޅިވަރު

ޗެކެއްގެ މައްސަލާގައި އަޑުބަރޭ ނިއުރޭޑިއަންޓް ގޮވައިގެން ޕޮލިހަށް

ނިއުރޭޑިއަންޓުން ދީފައިވާ ޗެކެއްގެ މައްސަލާގައި އެ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ނިއު ގޮވައިގެން ޕޮލިހަށް ހިނގައްޖެ އެވެ.

އަވަސް އަށް މައުލޫމާތުދެމުން އަޑުބަރޭ މިއަދު ބުނީ އޭނާ އަށް ނިއުރޭޑިއަންޓުން ދޭންޖެހޭ މުސާރަ އަށްވާ އަދަދު ޖަހާފައި ދީފައިވަނީ ޗެކެއް ކަމަށާއި ނަމަވެސް ބެންކަށްދިޔައިރު އެއީ "ގެއްލިފައިވާ ޗެކެއް ކަމަށް ބެންކުން ބުނެފައިވާތީވެ ޕޮލިހަށްދިޔައީ،" ކަމަށެވެ.

"މަ ބުނިން ވަގަށް ނަގާފައިވާ އެއްޗެއްނަމަ މަ ހައްޔަރުކުރާށޭ ވެސް. ނިއުރޭޑިއަންޓުން ދީފައިވާ 200000ރ.ގެ ޗެކެއް އެއީ. ބެންކަށް ދިޔައިމަ ބުނީ ތިއީ ގެއްލިގެން ހޯދާ ޗެކެއް ކަމަށް ނިއުއިން އެބައޮތޭ ބުނެފަ. އެހެން ޕޮލިހުގައި މައްސަލަ ޖެއްސީ. މިހާރު ޕޮލިހާއި އެފްއޭއެމުން ނިއު އަށް ސިޓީ ފޮނުވާފައިވަނީ މިއީ ކިހިނެތްވީ ކަމެއްތޯ ބަލަން،" ނިއު އަށް ހަތަރު ވަނަ ފަހަރަށް ދިވެހި ލީގު ކާމިޔާބުކޮށްދިން ކެޕްޓަން ބުންޏެވެ.

އޭނާ ބުނީ ޗެކްގައި ސޮއިކޮށްފައިވަނީ ނިއުގެ އެއިރުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އާއި ޖެނެރަލް ސެކްރެޓަރީ އަންވަރު އަލީ ކަމަށެވެ.

"ބަލަކު ބުނެފައި އޮތީ ލީގު (ޗެމްޕިއަންކަން ލިބުނީމަ ލިބެންޖެހޭ) ލާރި ލިބުނީމަ މަށަށް ލާރިދޭން. ދެ ލައްކަ ރުފިޔާ މަށަށް ދޭން އޮންނާނެ. ފުރަތަމަ ކުލަބުގައި މިވާހަކަ ބުނީމަ ބުނީ އެވާހަކަ ބާއްވާށޭ. ސޮއިކުރާށޭ އަންނަ އަހަރަށް. (2016 ވަނަ އަހަރަށް). އަންނަ އަހަރަށް ފައިސާ ދިފާނަމޭ. އެކަމަކު އެކަމާ އަހަރެން އެއްބަސްނުވަން. އެމީހުން އުޅުނީ 2015ގެ ލާރި ނުދީ މި އަހަރަށް ފައިސާދޭން. އެކަމާ އަހަރެން އެއްބަސްނުވަން. އަހަރެން ނިއުއިން ދިޔައީ މިހެންވެ،" މިހާރު މާޒިޔާ އަށް ސޮއިކޮށްފައިވާ ގައުމީ ޓީމުގެ ވެސް މިޑްފީލްޑަރު ބުންޏެވެ.

އަޑުބަރޭ ބުނީ ޕޮލިހަށް މައްސަލަ ހުށަހެޅީ އޭނާގެ ކޮންޓްރެކްޓްގެ ކޮޕީ އަކާއި ޗެކުގެ ކޮޕީއަކާ ވެސް އެކު ކަމަށެވެ. އަދި އޭނާ އަކީ ނިއުއަށް މުސާރަދޭން ދަތިވިވަގުތުތަކުގައި އެހެން ކުޅުންތެރިންނަށް މުސާރަދީފައި އޭނާގެ މުސާރަދިނަސް އެންމެ ރަނގަޅު ކަމަށް ސީޒަން ތެރޭގައި އެއްބަސްވި އެކަކު ކަމަށެވެ.

"މިހާ ރަނގަޅަށް ކަންތައް ކޮށްދިނީމަ މިހެން ހަދައިގެންނުވާނެ ކަމަށް އަހަރެން ދެކެނީ. އަހަރެން މައްސަލަޖެއްސީ މިހެންވެ،" ވިކްޓަރީން ވިދާލި އަޑުބަރޭ ބުންޏެވެ.

ނިއުގެ ރައްދު

މި މައްސަލާގައި ނިއުގެ ޖެނެރަލް ސެކްރެޓަރީ އަލީ ޝަމީމް (ކޮޔަރު އައްޔަ) މިއަދު ބުނީ ބަލަކާ ވަރަށް ގާތް ގުޅުމެއް އޮންނަ އަޑުބަރޭގެ ކޮންޓްރެކްޓްގެ އެއްވެސް މައުލޫމާތެއް ނިއުރޭޑިއަންޓްގައި ނެތް ކަމަށެވެ.

"އިންޓަރިމް ކޮމިޓީ ހަދާފައި ކުލަބުގެ ލިޔެކިއުންތައް ގެނައިއިރު އޭނާގެ ކޮންޓްރެކްޓެއްނެތް. މުސާރަ ޝީޓްގައި ވެސް އަޑުބަރޭގެ ނަމެއްނެތް. ކުރުކޮށް ބުނާނަމަ ބުނެވޭނީ އޭނާއާ ބެހޭ އެއްވެސް އެއްޗެއްނެތޭ. އަންވަރު ކުރެން ވެސް އެހީމާ ބުނީ ބަލަކް ބުނެފައޭއޮތީ އެކަންތައް (މުސާރައިގެ ކަންތައް) އޭނާ ހަމަޖައްސާނަމޭ. ދެން އަހަރުމެންނަށް ނޭނގެ އޭނާ އަކީ ނިއުގެ ކުޅުންތެރިއެއްތޯ ނުވަތަ ބަލަކްގެ ކުޅުންތެރިއެއްތޯ ވެސް،" ކުރިން ނިއު އަށް ކުޅުނު އައްޔަ ބުންޏެވެ.

އަޑުބަރޭ އަށް ދީފައިވާ ޗެކާ ބެހޭ ގޮތުން އައްޔަ ބުނީ ނިއުއިން ދޫކުރާ ޗެކްތަކުގައި ތަފްސީލު ލިޔެފައިވާނެ ކަމަށާއި އަޑުބަރޭގެ އަތުގައި އޮތީ ނިއުއިން ގެއްލިފައިވާ ތިން ޗެކެއްގެ ތެރެއިން އެއް ޗެކު ކަމަށެވެ. މިހެންވެ މިކަން ބޭންކާ އެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

އައްޔަ އަދި ބުނީ ކުލަބުން ވަރަށް އަވަހަށް ޕްރެސްކޮންފަރެންސެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި މި ޗެކްތަކާ ގުޅޭ އިތުރު މައުލޫމާތު ވެސް ހިއްސާކުރާނެ ކަމަށެވެ.