ދިވެހި ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުން ޖާގަ ނުދޭން އެފްއޭއެމުން ނިންމައިފި އެވެ.
ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފުލުހުންނާއި ސިފައިން އަދި ސަރުކާރުގެ އެހެން އޮފީސްތަކަށް މީގެ ފަހުން އެފްއޭއެމުން ރެކްރިއޭޝަނަލް މުބާރާތެއް ބާއްވާނެ ކަމަށެވެ.
"ފުލުހުންނާއި ސިފައިންނާ އަޅުގަނޑުމެން ވާހަކަ ދެއްކިން. އެބޭފުޅުން އެކަން ގަބޫލުކުރައްވާ (ފުރަތަމަ ޑިވިޝަނުން ޖާގަ ނުދެވޭނެކަން). އަޅުގަނޑު ބުނާނީ އެކަން އެބޭފުޅުން އެކަން ބަލައިގަނެ ދެއްކީ އެއީ ނަމޫނާ އެއް ފަދަ ބައެއްކަން. އަޅުގަނޑުމެން ބާއްވާނަން ސިފައިންނާއި ފުލުހުންނަށް އަދި ސަރުކާރުގެ އެހެން އޮފީސްތަކަށް ވެސް ބައިވެރިވެވޭގޮތަށް މީގެ ފަހުން ރެކްރިއޭޝަނަލް މުބާރާތެއް،" ބައްސާމް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންނަށް ފުރަތަމަ ޑިވިޝަނުން ޖާގަ ނުދޭން ނިންމީ މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ދެ ވަނަ އަދި ތިން ވަނަ މަގާމު އެ ދެ ޓީމު ހޯދި ފަހުންނެވެ. ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމަށް ފުރަތަމަ ޑިވިޝަނަށް އަރަން އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ހަތް ވަނަ ޓީމާއެކު ޕްލޭއޯފް ދެ މެޗު ކުޅެން ލިބޭނެ އެވެ. ނަމަވެސް އެފްއޭއެމުގެ ނިންމުމުގެ ސަބަބުން ޕްލޭއޯފްގައި ޕްރެމިއާ ލީގުގެ ބީޖީއާ ވާދަކުރާނީ ދެ ވަނަ ޑިވިޝަނުގެ ހަތަރު ވަނަ ޓީމު ގްރީން ސްޓްރީޓެވެ.
ސިފައިންނާއި ފުލުހުންނަށް ސަރުކާރުގެ ވަސީލަތްތައް ތަނަވަސްވެފައި ހުރުމުން އެ ދެބައި މީހުންނަށް ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުން ޖާގަ ދިނުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުލަބުތަކުން އެދޭ ކަމެއްނޫނެވެ. މިހެންވެ އެފްއޭއެމުގެ ކޮންމެ މެނޭޖްމަންޓަކުން ވެސް މިހާތަނަށް އެ ފުރުސަތު ދީފައިނުވެ އެވެ.
ގައުމީ ފެންވަރުގެ ވޮލީ އާއި ބާސްކެޓްގައި ސިފައިންނާއި ފުލުހުން ދަނީ ވާދަކުރަމުންނެވެ. އެކަމަކު އެ ދެ ބައި މީހުން ވާދަކުރަން ފެށިފަނުން ވޮލީ އާއި ބާސްކެޓްގައި ނަގާކިޔަނީ އެ ދެ ބައި މީހުންނެވެ. އަދި މަޝްހޫރު ކުޅުންތެރިންނަށް އެ ދެ މުއައްސަސާއިން ވަޒީފާ ދީގެން ކުޅުވަން ފެށުމުން ވޮލީ އާއ ބާސްކެޓްގައި ގަދަ ހަތަރު ވަނަ ޓީމެއް ނެގުމުގެ ފުރުސަތު ވަނީ މުޅިން ގެއްލިފަ އެވެ. މީގެ އިތުރުން ޕޮލިހާއި ސިފައިން ވަނީ ދެ ވަނަ ޑިވިޝަނުގައި ކުޅުނު މެޗެއްގައި ހަމަނުޖެހުން ވެސް ހިންގައިފަ އެވެ.