ރާއްޖެ ކުޅިވަރު

ދިވެހި ސިފައިން ހޮންކޮން ޓީމަށް ހިމާޔަތްދޭނެ: ފީފާ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވީ ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ހޮންކޮން ކުޅޭ މެޗުގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށާއި ދިވެހި ސިފައިން ހޮންކޮން ޓީމަށް ހިމާޔަތްދޭނެ ކަމަށް ފީފާއިން ބުނެފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މިފަދައިން ބުނީ މެޗު ކުޅެން ރާއްޖެ އަންނަ ހޮންކޮން ޓީމު އެންމެ ފުރަތަމަ ދެކޮޅު ހެދުމުންނެވެ.
ހޮންކޮން ޓީމުގެ ސެކިއުރިޓީ ޗީފް ލައި ޓުން ވޮކް ބުނީ ފީފާއިން ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދިވެހި ސިފައިންނާއި މަޝްވަރާކޮށް މެޗު ކުޅޭނެ ރައްކާތެރި މާހައުލެއް ރާއްޖޭގައި އޮތްކަން ޔަގީންކޮށްފައިވާ ކަމަށެވެ.

"ފީފާއިން ވަނީ ރާއްޖޭގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި ސަލާމަތީ ބާރުތަކާ މަޝްވަރާކޮށްފައި. މިނިސްޓްރީން އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާއި ނެޝަނަލް ޑިފެންސް ފޯހުން ވަނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަލާމަތާއި ރައްކާތެރިކަން އޮންނާނެކަން ފީފާ އަށް ޔަގީންކޮށްދީފައި. އަހަރެން އުއްމީދު ކުރަނީ ހޮންކޮން އިން ޓީމު މާލެ ފޮނުވާނެ ކަމަށް،" ލައި ބުންޏެވެ.

އޭނާ އަދި ބުނީ ރާއްޖޭގެ މާހައުލާމެދު ހޮންކޮން ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުގައި ޓީމުން އެދޭ ކޮންމެ ކަމެއްވެސް ކޮށްދޭނެ ކަމަށް ދިވެހި ސަރުކާރުން ޔަގީންކަންދީފައިވާ ކަމަށެވެ.

ހޮންކޮން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ލިއުންގ ހުންގ ވެސް މިހާރު ވަނީ 24 ކުޅުންތެރިންނާއެކު ހޮންކޮން ޓީމު މާލެދާން ކަމަށް ވިދާޅުވެފަ އެވެ. މާލޭގައި މެޗު ކުޅެން ހޮންކޮން ޓީމުން ބޮޑަށް މައްސަލަ ޖައްސަނީ ހަވީރު ހޫނުގަދަވާނެތީ އެވެ.