ރާއްޖެ ކުޅިވަރު

މިފަހަރު ވެސް އެއްވަނަ އާޖެންޓީނާ އާއި އަފްގާނަށް، ދެ ވަނާގައި ރާއްޖެ

މިއަދު އިއުލާނުކުރި ފީފާ ރޭންކިންގައި ދުނިޔޭގެ އެއްވަނަ އާޖެންޓީނާ އަށް އަދި ސާކް ސަރަހައްދުން އެއްވަނަ އަފްގާނިސްތާނަށް، ދެ ވަނަ ދިވެހިރާއްޖެ އަށް ލިބިއްޖެ އެވެ.

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިޔާ އަތުން ބަލިވި އަފްގާނިސްތާން އެއްވަނާގައިވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 147ވަނަ ލިބިގެންނެވެ. ރާއްޖެ އަށް 160 ވަނަ ލިބިފައިވާއިރު ޗެމްޕިއަން އިންޑިޔާ އޮތީ 162 ވަނާގަ އެވެ.

ސަރަހައްދުގެ ހަތަރު ވަނާގައި ބަނގްލަދޭޝް އޮތީ 177 ވަނަ ލިބިގެންނެވެ. އޭގެ ފަހަތުން ނޭޕާލަށް 179 ވަނަ އަދި ބޫޓާނަށް 186 ވަނަ ލިބިފައިވާއިރު ސްރީލަންކާ އަށް 187 ވަނަ އަދި ސާކު ސަރަހައްދުން ފުލަށް ދިޔައީ ދުނިޔޭގެ 190 ވަނާގައި އޮތް ޕާކިސްތާނެވެ.

ސާކް ގަމުތަކުގެ ތެރެއިން މި ފަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ބޫޓާނެވެ. އެ ގައުމަށް ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބުނުއިރު ނޭޕާލަށް ހަ ދަރަޖަ އަދި ލަންކާ އަށް ދެ ދަރަޖަ ކުރިއެރުން ލިބުނެވެ. ރާއްޖެ އާއި އިންޑިޔާ ދެ ދަރަޖަ ފަހަތަށްދިޔައިރު، ޕާކިސްތާން ތިން ދަރަޖަ ފަހަތަށް ދިޔަ އެވެ.

މި ފަހަރުގެ ރޭންކިންގައި ދުނިޔޭގެ އެއްވަނާގައިވަނީ އާޖެންޓީނާ އެވެ. ދެ ވަނާގައި ބެލްޖިއަމް، ތިން ވަނަ ޗިލީ އަށް އަދި ހަތަރުވަނާގައިވަނީ ކޮލަމްބިއާ އެވެ. ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ފަސްވަނާގައި އޮތްއިރު ޔޫރަޕުގެ ޗެމްޕިއަން ސްޕޭނަށް ހަ ވަނަ އަދި ހަތްވަނާގައިވަނީ ބްރެޒިލް އެވެ. އޭގެ ފަހަތުން ޕޯޗުގަލް އާއި އުރުގުއޭ އަދި އިނގިރޭސިވިލާތް ގަދަ 10ގައި ހިމެނޭއިރު މަޝްހޫރު އިޓަލީ ލައްވާލީ 15 ވަނާގަ އެވެ. ނެދަލޭންޑްސް އަށް 17 ވަނަ އަދި ޔޫރޯ އަންނަ ޖޫންގައި ބާއްވާ ފްރާންސަށް ލިބިފައިވަނީ 21 ވަނަ އެވެ.