އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަ އަކީ އެ އިދާރާގެ އެތެރޭގެ މައްސަލައެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެ މައްސަލައިގެ ތެރެއަށް ވަނުމުގެ ބާރެއް ލިބިފައިނުވާ ކަމަށް ފީފާގެ އެތިކްސް ކޮމިޓީ އިން ބުނެފި އެވެ.
ފީފާގެ އެތިކްސް ކޮމިޓީ އިން މިކަން ރާއްޖެ އަށް އަންގާފައި ވަނީ އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަ ފީފާގެ ސަމާލުކަމަށް ގެނެސް އެކަން ސާބިތުކޮށް ދިނުމަށް ހުށަހެޅި ލިޔެކިޔުންތަކެއް ދިރާސާ ކުރުމަށް ފަހު މިދިޔަ މަހު އެވެ. އެތިކްސް ކޮމިޓީ އިން ބުނެފައި ވަނީ އެފްއޭމްއެމްގެ ކޮރަޕްޝަންގެ މައްސަލަ އަށް އަތް ބޭނުމުގެ އެއްވެސް ބާރެއް އެމީހުންނަށް ލިބިފައި ނުވާ ކަމަށެވެ.
މިކަން އަންގާފައި ވަނީ ޔޫތު މިނިސްޓްރީއަށް ފީފާއިން ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.
އެފްއޭއެމަށް ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވާއިރު އެފްއޭއެމްގެ އަސާސީ ގަވާއިދުގެ މައްސަލަ ހޫނުވެ ފީފާ އާއި ރާއްޖެއާ ދެމެދު އޮތީ މައްސަލަ ނިކަން ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން މިފަހުން ފާސްކޮށްފައިވާ އަސާސީ ގަވާއިދު ބަލައިނުގަންނާނެ ކަމަށް ފީފާ އިން ބުނެފައިވާއިރު ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑްކުރުމުގެ ފަހު އިންޒާރު ވެސް މިހާރު ފީފާ އިން ވަނީ ރާއްޖެ އަށް ދީފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތު އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވުނު ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބެލުމަށް ފަހު ކުރިން ބުނެފައި ވަނީ އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.