ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ކޯޗް މޮޑްރިޗަށް، ކެޕްޓަން އަކުރަމް މެސީއަށް

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީގެ އެއް ވަނަ ވޯޓް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ދީފި އެވެ. ގައުމީ ކޯޗް ކްރޮއޭޝިއާގެ ޕީޓާ ޝެގަޓްގެ އެއް ވަނަ ވޯޓް އޭނާ ދީފައި ވަނީ، ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗަށެވެ.

ފީފާގެ 'ދަ ބެސްޓް އެވޯޑް' ގައި، ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށެވެސް ތިން ކުޅުންތެރިންނަށް ވޯޓް ދެވެ އެވެ. އެއީ އެއްވަނަ އާއި ދެވަނަ އަދި ތިން ވަނަ ކެޓަގަރައިޒް ކުރުމަށް ފަހު އެވެ.

އަކުރަމްގެ ދެ ވަނަ ވޯޓް އޭނާ ދިނީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ތިން ވަނަ އަށް ވޯޓް ދިނީ، މޮޑްރިޗަށެވެ. ކޯޗް ޕީޓާ ޝެގަޓް، ދެ ވަނަ އަށް ވޯޓް ދީފައި ވަނީ ފްރާންސްގެ އެންޓުއާން ގްރީޒްމަން އަށެވެ. ތިން ވަނަ އަށް އޭނާ ވޯޓް ދީފައި ވަނީ ރޮނާލްޑޯ އަށެވެ.

އެންމެ މޮޅު ކޯޗަށް ވޯޓް ދިނުމުގައި، ކެޕްޓަން އަކުރަމްގެ އެއް ވަނަ ވޯޓް ދީފައި ވަނީ، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ޒައިނުއްދީން ޒިދާން އަށެވެ. ދެ ވަނަ އަށް ވޯޓް ދީފައި ވަނީ، މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އަށެވެ.

މޮޅު ކޯޗަށް ވޯޓް ދިނުމުގައި، ގައުމީ ކޯޗް ޝެގަޓް ވަނީ ކްރޮއޭޝިއާގެ ކޯޗް ޒަލްޓަކޯ ޑަލިޗްގެ މައްޗަށް، ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް އާއި ބެލްޖިއަމްގެ ކޯޗް ރޮބާޓާ މާޓިނޭޒް އިސްކޮށްފަ އެވެ. ޑެޝޯމްޕްއަށް ޝެގަޓް ދީފައި ވަނީ އެއް ވަނަ އެވެ. މާޓިނޭޒް އަށް ދެ ވަނަ އެވެ. ޑަލިޗްއަށް އޭނާ ދިނީ ތިން ވަނަ އެވެ.

ފީފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑްގައި، ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރުގެ އެއް ވަނަ ވޯޓް ދީފައި ވަނީ ނޯވޭގެ އަޑާ ހާބާގް އަށެވެ. ދެވަނަ ވޯޓް ޖަރުމަންގެ ކެޕްޓަން މޯރާޒަން ޑެޒެނިފާ އަށެވެ. ތިން ވަނަ ވޯޓް، ފްރާންސްގެ އަމަންޑީން ހެންރީ އަށެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗް މުހައްމަދު އާތިފް (އާތީ) ވޯޓް ދިނީ، ފަދުވާ ވޯޓް ދީފައިވާ ތަރުތީބުންނެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ ބްރެޒިލްގެ މާޓާ ވިއޭރާ ޑަސިލްވާ އެވެ.

އެންމެ މޮޅު އަންހެން ޓީމުގެ ކޯޗްގެ އެވޯޑް ގެންދިޔައީ، ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ އަންހެން ޓީމުގެ ކޯޗް ރޭނޯލްޑް ޕެޑްރޯސް އެވެ. މޮޅު ކޯޗުގެ އެވޯޑްގައި ފަދުވާ އާއި ކޯޗް އާތީގެ އެއް ވަނަ ވޯޓް ދިނީ، ރޭނޯލްޑް އަށެވެ. ދެ ވަނަ ވޯޓް ދިނީ ވުލްފްސްބާގްގެ ކޯޗް ސްޓެފަން ލާޗް އެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ، ޗެލްސީގެ ކޯޗް އީމާ ހޭޒް އަށެވެ.