ޖާމަނީގެ ބުންޑަސްލީގާގެ ޗެމްޕިއަންކަން ބެޔާން މިއުނިކް ޖެހިޖެހިގެން 11 ވަނަ ފަހަރަށް ހޯދައިފި އެވެ.
ނޭވާ ހިފަހައްޓާލަން ޖެހުނު މެޗްތަކަށް ލީގްގެ ރޭގެ މެޗްތައް ވެގެންދިޔައީ ލީގުގެ ދެވަނައިގައިވާ ޑޯޓްމަންޑް މޮޅުވެގެން އެ ޓީމަށްވެސް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތުމުންނެވެ. ނަމަވެސް ޑޯޓްމަންޑް ވަނީ ރޭގައި މެއިންޒްއާ އަމިއްލަ ދަނޑުގައި ކުޅެ 2-2 އިން އެއްވަރުވެ މެޗްގެ އެންމެފަހު ވަގުތު ހިތްދަތި ގޮތަކަށް އުއްމީދުތައް ފެނަށް ގޮސްފަ އެވެ.
އަނެއްކޮޅުން ބެޔާންގެ މެޗް ކޮލޯން އާއި 1-1 އިން އެއްވަރުވެފައި އޮއްވާ މެޗްގެ 89 ވަނަ މިނެޓްގައި ޖަމާލް މުސިއަލާގެ ގޯލުން 2-1 އިން ބެޔާން މޮޅުވެ ލަނޑު ޖެހި އެވެ. އެހެންކަމުން ރޭގައި ކުޅެވުނު މި ދެމެޗުގެ ނަތީޖާއިން އެންމެފަހު ވަގުތު އަމިއްލަ ބާރު ކެނޑިފައި އޮތް ބެޔާނަށް ބޮޑު ކާމިޔާބެއް ލިބިގެންދިޔަ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބެއާން މެންޗެސްޓާ ސިޓީ އަތުން ބަލިވެ ކެޓުމުން އެހިސާބުން ޓީމުގެ މުޅި ފޯކަސް ހަމައެކަނި ހުރީ މިފަހަރުގެ ލީގަށެވެ. ލީގު ކުރީކޮޅު ބެޔާނަށް ވަނީ ހުރަސްތަކާއި ކުރިމަތިވެ ޓީމުގެ ކޯޗް ޖޫލިއާން ވަކިކޮށް ކުރީގެ ޗެލްސީ ކޯޗް ޓުޗެލް މިދިޔަ މާޗް މަހުގައި ގެނެސްފަ އެވެ. ޓުޗެލްއާ އެކުވެސް ބެޔާނަށް ރޭގެ މޗުގެ ކުރިން ކުޅުނު މެޗްގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެ މެޗުގައި 3-1 އިން ބަލިވުމުން ޑޯޓްމަންޑަށް ދެ ޕޮއިންޓް ލީޑަކާއެކު ވަނީ ފަހު މެޗާ ހަމައަށް އާދެވިފަ އެވެ.
ބެޔާންގެ މެޗް ރޭގައި ފެށިގެން ފުރަތަމަ 10 މިނެޓް ތެރޭގައި ފްރެންޗް ސްޓްރައިކަރ ކިންގްސްލީ ކޯމަން ވަނީ ބެޔާނަށް ލީޑް ނަގައިދީފަ އެވެ. އަނެއްކޮޅުން ޑޯޓްމަންޑްގެ މެޗް ފަށައިގެން ފުރަތަމަ ހާފް ނިމުނުއިރު މެއިންޒުން ވަނީ ދެ ގޯލް ޖަހައި އިތުރު ހާސްކަމަކަށް ޑޯޓްމަންޑް ވައްޓާލާފަ އެވެ. މި ހާފްގައި ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ރޭގެ މެޗްގައި ހުރިހާ ގޮތަކުން ޑޯޓްމަންޑަށް ޕްރެޝަރު ބޮޑުވެ ނަސީބު އަތުގައި ނުހިފި ޗެމްޕިއަން ކަމަށް އަލްވަދާއު ކީއިރު ފަހުވަގުތު ބެޔާނަށް ވަނީ ޖާމަނީ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުކަން އަނެއްކާވެސް ތަކުރާރުވެ ކާމިޔާބަށް އިތުރު ބޮޅެއް ހާސިލްކޮށްފަ އެވެ.