އެމްޑީޕީ

އެމްޑީޕީން ވަކިވި ބައެއް ބޭފުޅުން ސަރުކާރު މަގާމުތަކުން ވަކިކޮށްފި

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކޮށްފައިވާ ބައެއް ބޭފުޅުން ސަރުކާރުގެ މަގާމުން ވަކިކޮށްފި އެވެ.

ސަރުކާރުގެ މަގާމުތަކުން ބައެއް ބޭފުޅުން ވަކިކުރީ އެމްޑީޕީން އެބޭފުޅުން ވަކިކުރަން އެދުނު ބޭފުޅުންނެވެ.

ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާ ބޭފުޅުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރާތީ ސަރުކާރަށް ދަނީ ފާޑުކިޔުންތައްވެސް އަމާޒުވަމުންނެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަކިކުރެއްވި ބޭފުޅުންނާ ގުޅޭގޮތުން ޝަކުވާތަކެއް ލިބޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން އެބޭފުޅުން ވަކިކުރާ ހިސާބަށް މިދިޔައީ ޕާޓީ ދޫކޮށް، ސަރުކާރަށް ފާޑުވެސް ކިޔާ ހިސާބަށް ދިޔައީމާ،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ މަގާމުތަކުން ވަކިކުރި ބޭފުޅުންގެ އަދަދު އެނގޭ ގޮތެއް ނުވެ އެވެ. އެމްޑީޕީން ވަކިވެގެން ދިޔަ ބައެއް ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކުރި ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ބައެއް މެންބަރުން ސަރުކާރު މަގާމުތަކުން ވަކިނުކުރާތީވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެ އެވެ.