ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި މިރޭ އިތުރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ ނައީމާގެ މަރުގެ މައްސަލައިގައި މިރޭގެ ވަގުތެއްގައި މާލެ އިން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިމަހުގެ 26 ވަނަ ދުވަހުވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް މި ތިން މީހުންގެ ވަނަވަރުވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އިން މިރޭ ހައްޔަރުކުރީ ނައީމާ މަރާލި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ދުއްވި ކާރުގެ ވެރިޔާ އެވެ.
ހައްޔަރުކޮށްފައިވާ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ނައީމާ މަރާލި ކަމަށް މިހާރު އެއްބަސްވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ނައީމާ މަރާލި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވަނީ ނައީމާގެ މަރާލާފައި އޮއްވާ ފެނުނު ދުވަހު ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލޭ އިން މަނަދޫއަށް ގޮސް އެރަށުގައި ދިރިއުޅޭ އެތައް ސަތޭކަ ބައެއްގެ ފިންގަޕްރިންޓް އަދި ޑީއެންއޭ ސާމްޕަލް ނެގިފަހުންނެވެ. ނަމަވެސް ހައްޔަރުކުރި ދެ މީހުން އަތުލައިގަނެވުނީ ނައީމާ މަރާލާފައި އޮތް ތަނުން ފެނުނު ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ދިމާވެގެން ކަމެއް އަދި ނޭނގޭ އެވެ.
ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ -- ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.