ފިނިޕޭޖް

"ދަ ލިޓްލް މާމެއިޑް"ގައި އޮރިޖިނަލް އޭރިއަލްގެ ކެމިއޯއެއް

ޑިޒްނީން 1989 ގައި ނެރުނު އެނިމޭޓަޑް ފީޗާ ފިލްމް "ދަ ލިޓްލް މާމެއިޑް"ގެ ލައިވް-އެކްޝަން ފިލްމް މޭ 26ގައި ނެރެ، ކާމިޔާބު ކަމާއެކު ހިނގަމުން އެބަދެ އެވެ.

މި ފިލްމުން ފާހަގަވީ އެއްކަމަކީ 1989 ގެ އެނިމޭޓަޑް ފިލްމުގައި އޭރިއަލްގެ އަޑު އަޅާފައިވާ ޖޯޑީ ބެންސަން، 61، ކެމިއޯއިން ފެނިގެންދިއުމެވެ.

މި ކެމިއޯއާ ގުޅިގެން ޖޯޑީ ބުނީ ލައިވް-އެކްޝަން ފިލްމުގެ ޑައިރެކްޓަރު ރޮބް މާޝަލް އޭނާއާ ގުޅުމުން، އެކަންވީ ބޮޑު އުފަލަކަށް ކަމަށާއި އެސެޓަށް ގޮސް އެންމެން މަސައްކަތް ކުރާތަން ބަލަން ކެތް މަދުވެފައިވާ ކަމަށެވެ.

ޖޯޑީ މި ފިލްމުގައި ފެންނަނީ އޭރިއަލް އިންސާނަކަށް ބަދަލުވުމަށްފަހު މާރުކޭޓަށް ޒިޔާރަތް ކުރާ ތަނުންނެވެ. މާރުކޭޓްގައި ކާތަކެތި ވިއްކަން ހުންނަ ޖޯޑީ އޭރިއަލްއަށް ކާތަކެތި ހުރި ބޯތަށްޓެއް ދިއްކޮށްލަ އެވެ. އަދި އެ ކާން އުލެއް ދިއްކޮށްލަ އެވެ. އޭރިއަލް އަށް އޭނާގެ ރަހްމަތްތެރިޔާ ސްކަޓަލް ކިޔާދީފައިވާ ގޮތުގައި އުލަކީ "ޑިންގަލްހޮޕާ" އެކެވެ. އަދި ބޯފުނާ އަޅާ އެއްޗެކެވެ. އެހެންކަމުން އޭރިއަލް އުލުގައި ހިފާފައި، އިސްތަށިގަނޑު ސްޓައިލްކުރަން ފަށަ އެވެ.

އެނިމޭޓަޑް ފިލްމުގައި އޭރިއަލް މިހެން ހަދަނީ ޕްރިންސް އޭރިކްގެ ގަނޑުވަރުގައި ކާން އިންނަ ވަގުތުގަ އެވެ.

ޖޯޑީ އޭރިއަލްގެ އަޑު 1989ގެ ފިލްމަށް އެޅުމަށްފަހު، ޑިޒްނީން ނެރުނު ސިކުއެލް އަދި ޕްރީކުއެލް "ދަ ލިޓްލް މާމެއިޑް 2: ރިޓާން ޓު ދަ ސީ" އަށާއި "ލިޓްލް މާމެއިޑް: އޭރިއަލްސް ބިގިނިން" އަދި "ދަ ލިޓްލް މާމެއިޑް"ގެ ސީރީޒް އާއި އެކި ކަންކަމުގައި އެ ރޯލަށް އަޑު އަޅާފައިވެ އެވެ. އެހެންކަމުން ޖޯޑީ ބުނީ އޭރިއަލް ރޯލަކީ އޭނާގެ ބައެއް ކަމަށް އިހްސާސްވާ ކަމަށެވެ.

އޭރިއަލްގެ ރޯލް ލައިވް-އެކްޝަންގައި އަދާކުރި ހެއިލީ ބެއިލީގެ އަޑާއި ލަވަކިއުމާއި އެކްޓިން އަށް ޖޯޑީ ތައުރީފްކުރަމުން ބުނީ އޭރިއަލް ކެރެކްޓާ ދެކެ ހެއިލީ ވާލޯބި ސާފުކޮށް ފެންނަ ކަމަށެވެ. އަދި 1986 ގައި ފަށައި 1989 ގައި ނެރުނު އެނިމޭޓަޑް ފިލްމް ހެދުމުގައި ހުރި ގޮންޖެހުންތަކާ އަޅާބަލާއިރު 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އައިސްފައިވާ ބަދަލުތަކާއި ކަންތައްތައް ލައިވް-އެކްޝަން ފިލްމުގައި ހިމަނާފައިވާތީ، އެކަން ފާހަގަކޮށް ތައުރީފްކުރި އެވެ.