ދަ ޑިމޮކްރެޓްސް

ރައީސް ސޯލިހަކީ ތަފާތުކުރުން ގެންގުޅޭ ފިނޑިއެއް: ދަ ޑިމޮކްރެޓްސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ފިނޑިއެއް ކަމަށާއި އަނިޔާވެރިކަމާއި، ތަފާތުކުރުމާއި، ނަހަމަ ގޮތް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ބުނެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް މަސައްކަތް ކުރަމުން ގެންދާ "ޑަ ޑިމޮކްރެޓްސް" އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުން އިއްޔެ ވަކިކުރި އާސިޔަތު އަލައިކާ އަދުނާނާއި، މުހައްމަދު ހަމްދާންގެ އިތުރުން އަންސޯރު އަބްދުއްސައްތާރަކީ އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވާފައިވާ ބޭފުޅުންނެވެ.

މި ބޭފުޅުން މަގާމުތަކުން ވަކިކުރުން ކުށްވެރިކޮށް "ދަ ޑިމޮކްރެޓްސް" އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައިވަނީ މިސަރުކާރު ވެރިކަމަށް ގެނައުމަށާއި، ކުރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަދަދު ނުކުރެވޭހައި ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުންތަކެއް ކަމަށެވެ. ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި ބޭފުޅުންތަކެއް ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރީ ދަ ޑިމޮކްރެޓްސްގެ ތާއީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށާއި އެ ޕާޓީއަށް ތާއީދުކުރުން ހުއްޓުވުމުގެ ނިޔަތުގައި ކަމަށްވެސް ބުނެފައިވެ އެވެ.

"ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހަރަކާތްތެރިވާ ޒުވާނުންނާއި އާންމުންނަށް އެކިގޮތްގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކޮށް ހިންގާ ނާއިންސާފު އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ މަގާމުތަކުން ވަކިކުރެއްވި ބޭފުޅުންނަކީ ރައީސް ސޯލިހްގެ ކެމްޕޭންގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ އިތުރުން ކެމްޕޭން ރޭވުމާއި ހިންގުމުގެ އިސް ހަރަކާތްތެރިން ކަމަށެވެ. އަދި އެބޭފުޅުންނަކީ ފަންނީގޮތުންނާއި، އިލްމީގޮތުން ގާބިލު، ހީވާގިކަމާއެކު މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުއްލަވަމުން ގެންދެވި ބޭފުޅުން ކަމަށެވެ. ސިޔާސީގޮތުން ހިޔާލު ތަފާތުވުމުން ތައުލީމާއި ތަޖުރިބާގެ ގޮތުން ގަބިލް މީހުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ގައުމުގެ މުސްތަގުބަލަށް އެޅޭ ހިޔަންޏެއް ކަމަށާއި އަދި އެއީ މިވެރިކަމުގައި ނުކުރައްވާނެ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި ވައުދެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ރައީސް ސޯލިހަށް ތާއީދު ނުކުރަން ނިންމާފައިވާއިރު މޯލްޑިވްސް ރިފޯމް މޫވްމަންޓުންވެސް އަދި ރައީސް ސޯލިހަށް ތާއީދުނުކުރާއިރު ވެސް އެ ޕާޓީތަކުގެ މެންބަރުން ސިޔާސީ މަގާމުތަކުގައި ބައިތިއްބާފައި އެމްޑީޕީން ވަކިވި ބޭފުުޅުންނަށް އެއްވެސް އިންޒާރެއް ނުދީ ވަކިކޮށްފައިވާތީ އެއީ ތަފާތުކުރުން ކަމަށް ބަޔާނުގައި ސިފަކޮށްފައިވެ އެވެ.

"ދަ ޑިމޮކްރެޓްސް ދެކޭ ގޮތުގައި މިމަގުން މަގާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފިނޑިކަމެވެ. މިޕާޓީގެ މެންބަރުންނާ މެދު ޒާތީވެ ތައައްސުބު ގެންގުޅޭ ކަމެވެ. ސަރުކާރުގެ އަނިޔާވެރިކަމާއި، ތަފާތުކުރުމާއި، ނަހަމަ އެވެ." ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރި "ދަ ޑިމޮކްރެޓްސް" އަށް ހިތްވަރު ވެސް ދީފަ އެވެ.

"އިންސާފާއި ޑިމޮކްރަސީގެ މަގުގައި ތިޔަ ދެއްކެވި ހިތްވަރަށް ދަ ޑިމޮކްރެޓްސް މަރުހަބާ ކިޔަމެވެ. އަދި ތިޔަފަދަ ހިތްވަރުގަދަ އަދި ޑިމޮކްރެޓިކް އަސާސްތަކުގެ ވަކާލާތުގައި ޖެހިލުމެއްނެތި ތެދުވާ ޒުވާން ލީޑަރުންނަށް މި ޕާޓީގެ ދޮރުތައް ތައްމިނަށް އަބަދުވެސް ހުޅުވިގެންވެ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.