ހައިކޯޓް

ޝަރުތު ކަނޑައަޅާފައި ދޫކޮށްލި ބައެއްގެ ޝަރުތުތައް ހައިކޯޓުން ބާތިލްކޮށްފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ތާއީދުކުރާ ބަޔަކު މުޒާހަރާއަކުން ހައްޔަރުކޮށް ރޭގަނޑު ބޭރަށް ނިކުތުން ވަކި ގަޑިތަކެއްގައި މަނާކޮށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް ހައިކޯޓުން ބާތިލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ޝަރުތު ކަނޑައެޅި އަށް މީހުން މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ފުލުހުން ކޯޓުގައި އެދުނީ އެ މީހުން 15 ދުވަހަށް ބަންދުކުރުމަށެވެ. ފުލުހުން އެގޮތަށް އެދުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އަމަލުކޮށް، އަދި އާންމު ދަތުރުފަތުރަށް ދަތިކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މި އަށް މީހުންގެ ތެރެއިން އެކި މީހުންނަށް އެކި ގޮތަށް އަމަލުކޮށްފަ އެވެ. އެގޮތުން އެއްވެސް ޝަރުތެއް ނުކޮށް ދެ މީހަކު ދޫކޮށްލިއިރު ފަސް މީހަކު ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް އަދި އެކަކު ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް ދޫކޮށްލި އެވެ.

ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ ޝަރުތުތަަކަކާ އެކު މީހަކު ދޫކޮށްލެވޭނީ ތުހުމަތުކުރާ މައްސަލައިގައި ހެކި ހުރެގެން ކަމަށެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ އަމުރުގައި ހެއްކާ ގުޅޭ ކަމެއްއ ފާހަގަކޮށްފައި ނުވާތީ ދަށު ކޯޓުގެ ޝަރުތުތައް ބާތިލްކުރީ ކަމަށްވެސް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

ހައިކޯޓުން މިމައްސަލަ ނިންމީ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަހްމަދު ޝަކީލްގެ އިއްތިފާގުންނެވެ.