ވެމްކޯ

ކުނީގެ ބިލް ނުދައްކާ ތިންމަސްވުމުން ހިދުމަތް މެދުކަނޑާލަނީ

އެއްވެސް ގޭބިސީއަކުން ކުނީގެ ބިލް ނުދައްކާ ތިން މަސް ވެއްޖެނަމަ ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލުމަށް ވެމްކޯ އިން ނިންމައިފި އެވެ.

ސްޓެލްކޯ އިން ވެމްކޯ މަޝްވަރާކުރުމަށްފަހު މިހާރު ވަނީ ގޭބިސީތަކުގެ ކަރަންޓް ބިލްގައި ވެމްކޯގެ ކުނީގެ ބިލް ހިމެނުމަށް ނިންމާފަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރު ދުންޔާ އިބްރާހީމް ވިދާޅުވީ ވެމްކޯގެ ކުނީގެ ބިލް ކަރަންޓް ބިލްގައި ހިމަނަން ނިންމާ އެކަން އިއުލާން ކުރީ އޭޕްރީލް މަހުން ފެށިގެން ކަމަށްވާތީ ކުނީގެ ބިލް ހިމެނޭނީ މެއި މަސް ނިންމާފައިވާ ލިބޭ ކަރަންޓް ބިލްގައި ކަމަށެވެ.

ވެމްކޯ އިން ނިންމާފައިވަނީ އެޕާޓްމަންޓްތަކަށް ވަދެ ކުނި ނަގާނަމަ ދުވާލަކަށް 4.93 ރުފިޔާ ޗާޖުކުރުމަށެވެ. އޭރުން މަހެއްގެ މައްޗަށް 150 ރުފިޔާ ނަގާނެ އެވެ. އަދި ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާ ގޭބިސީއެއްނަމަ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ބަލައި އެ ގެއެއްގެ ކުނި ބިލް، ކަރަންޓް ބިލްގައި ނުހިމެނޭނެ އެވެ.

ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީކުރުމާއި ބިލްކުރުމާ ބެހޭ ގަވައިދެއް އިއްޔެ ގެޒެޓްކޮށްފައިވާއިރު ގަވައިދުގައި ވަނީ ގޭބިސީ ތަކުގެ ކުނީގެ ބިލް ނުދައްކައިފިނަމަ އަޅާނެ ފިޔަވަޅުތައް ހިމަނާފަ އެވެ.

ގަވައިދުގައިވާ ގޮތުން ކުނީގެ ބިލް ލިބޭ ދުވަަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ބިލް ދެއްކުމަށް ލިބޭނެ އެވެ. މިމުއްދަތުގެ ތެރޭގައި ބިލް ނުދައްކައިފިނަމަ ހަތް ދުވަސް ތެރޭގައި ބިލް ދެއްކުމަށް އަންގާ ނޯޓިސް ދޭނެ އެވެ. ނޯޓިސް ފޮނުވުމުންވެސް ފައިސާ ނުދައްކައިފިނަމަ މަހަކު ފަސް ރުފިޔާ އިން އެފަރާތެއް ޖޫރިމަނާ ކުރުމުގެ ބާރު ވެމްކޯއަށް ލިބިފައިވެ އެވެ. އަދި ބިލް ނުދައްކާ ތިން މަސް ވުމުން އެފަދަ ގޭބިސީތަކުން ކުނި ނެގުން ހުއްޓާލެވިދާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.

ގަވައިދުގައި ބުނެފައިވަނީ ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލާފައިވާ ގެއަކަށް އަލުން ހިދުމަތް ދޭނީ ބިލް ދެއްކުމަށްފަހު 50 ރުފިޔާގެ އިތުރު ފީ އެއްވެސް ދެއްކުމުން ކަމަށެވެ.