އެމްޑީޕީ

މުދަލަށް ގެއްލުންދީ ހަރުގެ ހިސޯރުކުރި މީހުންނަށް ފިޔަވަޅު އަޅާނަން: އެމްޑީޕީ

އެމްޑީޕީގެ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރުމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައި މިވަނީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ އެމްޑީޕީގެ މައި ހަރުގެއަށް "ދަ ޑިމޮކްރެޓްސް"ގެ ބަޔަކު މިއަދު ވަދެ އެތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތަނަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މި ޕާޓީން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެކެވެ،" ބަޔާނުގައިވެ އެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުން އެތަނަށް ވަދެގެންއިރު ހަރުގެ ހަދާފައި ހުރި ބިމުގެ ވެރިޔާ -- ޝަފިއްޔާ ޒުބައިރު އެތަނުގައި ހުންނެވި އެވެ. ޝަފިއްޔާ އަކީ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ޝަފިއްޔާ މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ހަރުގެ ހުރި ބިމުގެ ވެރިފަރާތާ އެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ އެއްބަސްވުމުގެ ދަށުން ޕާޓީއަށް ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް ޕާޓީގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައިވެސް އެދިފައިވާނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން މި ޕާޓީން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ." ޝަފިއްޔާއާ އެކު ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަމުން ބަޔާނުގައި ބުނެފައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްޑީޕީ އަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެއް ކަމަށެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމުގައި އެމްޑީޕީން ދެކޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެ އެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އެމްޑީޕީގެ މައި ހަރުގެއަށް "ދަ ޑިމޮކްރެޓްސް"ގެ މެންބަރުން މިއަދު ހަވީރު ވަދެ އެތަނުގައި ހުރި އެމްޑީޕީގެ ޕޯސްޓަރުތަކާއި ބައެއް ތަކެތި އެތަނުން ނަގައި "ދަ ޑިމޮކްރެޓްސް"ގެ ސިޔާސީ ހަރަކާތް މިއަދު ވަނީ ފަށާފަ އެވެ.