ލައިފްސްޓައިލް

ހަނދާން ނެތެނީތަ؟ ކެއުމުގައި މި ތަކެތި ހިމަނާލާ

ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް ކެއުމުގައި ބައެއް ކަހަލަ ބާވަތްތައް އިތުރުކޮށްލައިގެން ރަނގަޅު ހައްލެއް ހޯދިދާނެކަމަށް ސައިންސްވެރިން ބުނެފި އެވެ.

އެގޮތުން ގްރީން ޓީ، އާފަލު އަދި ބެރީޒް އަކީ ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވާ މީހުން ކާން ރަނގަޅު އެއްޗެތި ކަމަށް ސައިންސްވެރިން ކުރި ދިރާސާއަކަށްފަހު ބުނެފައިވެ އެވެ.

ސައިންސްވެރިން މިފަހަރު މި ހެދި ދިރާސާއިން ދެއްކި ގޮތުގައި ސިކުނޑި ރަނގަޅަށް ފަންކްޝަން ކުރުން ހުއްޓުމުން ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެ އެވެ. މިކަން ރަނގަޅު ކުރުމަށް ފްލެވްނޯލްސް ކިޔާ ނިއުޓްރިއަންޓްސް ލިބުން ހަށިގަނޑަށް މުހިއްމެވެ. މި ނިއުޓްރިއަންޓްސް ލިބެނީ ތަރުކާރީ އާއި މޭވާ އިންނެވެ.

ފްލެވްނޯލްސް ވަރަށް ގިނަ ކާނާގައި ހުންނައިރު ފެހިކުލައިގެ ފަތްގިނަ ތަރުކާރީ އާއި ބްލެކްކަރަންޓްސް، ފިޔާ، އާފަލު، ބެރީޒް، ޗެރީޒް، ޕީޗް، ސޯޔާބީންސް، ހުތް މޭވާ، ސައި، ޗޮކްލެޓް، ލެޓޫސް، ޕެޕާސް އަދި މޭބިސްކަދުރު ހިމެނެ އެވެ.

އުމުރުން ދުވަސްވާ ވަރަކަށް ވަރަށް ގިނަ ބަޔަކަށް ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެ އެވެ. އެހެންކަމުން ފްލެވްނޯލްސް ފަދަ ނިއުޓްރިއަންޓްސް ލިބާ ކާނާތައް މި އުމުރުގައި ގިނަ ކުރުމުން ހަނދާން ނެތޭ މައްސަލަ ރަނގަޅުވާނެ ކަމަށްވެސް މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މުސްކުޅިވަމުންދާ ސިކުނޑިއެއް ރަނގަޅަށް ފަންކްޝަން ކުރުމަށްޓަކައި ވަކި ބާވަތްތަކެއްގެ ނިއުޓްރިއަންޓްސް މުހިއްމުވާ ފަދައިން ކުޑަކުދިންގެ ސިކުނޑި ހެދިބޮޑުވެ ރަނގަޅަށް ތަރައްގީވުމަށްވެސް ވަކި ބާވަތެއްގެ ނިއުޓްރިއަންޓްސް މުހިއްމެވެ.

ޖަނަވާރުން ޓެސްޓްކޮށްގެން މީގެ ކުރިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ސިކުނޑީގެ ބައިތަކުގެ ތެރެއިން ދަސްކުރުމާއި އާ ހަނދާންތައް ތަރައްގީކުރަން ބޭނުންކުރާ ރީޖަން ކަމަށްވާ ހިޕޮކެމްޕަސްގައިވާ ނިއުރޯންސް އާއި ލޭ ހޮޅިތަކުގެ މަސައްކަތް ރަނގަޅުކުރުމަށް ފްލެވްނޯލްސްގެ ދައުރު ބޮޑެވެ.

މި ސްޓަޑީގައި 3،500 އަށް ވުރެ ގިނަ މީހުން ބައިވެރިކުރި އެވެ. މިއީ އުމުރުން ދުވަސްވެފައި ތިބި ބައެކެވެ. މި މީހުންގެ ތެރެއިން އެއްބައި މީހުންނަށް ކޮންމެ ދުވަހަކު ގަވާއިދުން ފްލެވްނޯލް ސަޕްލިމެންޓް ބޭސްގުޅައެއް ކާން ދިނެވެ. ދެން ތިބި މީހުންނަށް ދިނީ ޕްލެސީބޯ އެވެ. މާނައަކީ އަސްލު ބޭހުގެ ނަމުގައި އެމީހުންނަށް ދިނީ އެހެން ކަހަލަ ބޭސް ގުޅައެކެވެ. މި އެންމެންނަށް ތިން އަހަރު ވަންދެން ގަވާއިދުން ބޭސް ކާންދީފައިވެ އެވެ.

ފްލެވްނޯލްސް ސަޕްލިމެންޓްގެ ގޮތުގައި ދީފައިވަނީ 500 މިލިގްރާމް ފްލެވްނޯލްސް އެވެ. މިއީ ބޮޑު މީހަކަށް ދުވާލަކަށް މި ނިއުޓްރިއަންޓްސް ބޭނުންވާ މިންވަރެވެ. މިވަރުގެ ޑޯޒެއް ބޭސް ކެއުމަކާ ނުލާ ސައި ޖޯޑަކާއި ޑާކް ޗޮކްލެޓްގެ ހަ އެތިކޮޅު އަދި ބެރީޒް އާއި އާފަލު ކައިގެން ވެސް ހަށިގަނޑަށް ލިއްބައި ދެއެވެ.

ދިރާސާގެ ބައިވެރިން ތިން އަހަރު ފަހުން ޓެސްޓްކޮށް ބެލިއިރު ވަރަށް އުއްމީދީ ރަނގަޅު ނަތީޖާތަކެއް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.