ކްރިކެޓް

އައިޕީއެލްގެ ޗެމްޕިއަންކަން ޗެންނާއީ ސުޕަ ކިންގްސްއަށް

ކްރިކެޓް ދުނިޔޭގައި ކުޅޭ އެންމެ ފޯރިގަދަ އެއް މުބާރާތް ކަމުގައިވާ އިންޑިއަން ޕްރޭމިއާ ލީގް (އައިޕީއެލް)ގެ ޗެމްޕިއަންކަން ރޭ ކުޅުނު ފޯރިގަދަ މެޗުން މޮޅުވެ ޗެންނާއި ސުޕަކިންގްސް ހޯދައިފި އެވެ.

އެންމެ ފަހު އޯވަރުގައި އެންމެ ފަހު ދެ ބޯޅައިން 10 ލަނޑު ހަދަން ހަމަ ކޮންމެހެން ޖެހިފައި އޮވެމެ އެކަން އާދައިޔާޚިލާފް މޮޅަށް ސްޓާ ޕްލޭޔަރު ރަވިންދްރަ ޖަޑޭޖާ ކޮށް، ފަސްވަނަ ފަހަރަށް ސުޕަ ކިންގްސް އިން ވަނީ ތަށި އުފުލާލާފަ އެވެ.

އެމްއެސް ޑޯނީގެ ޗެންނާއި ސުޕަ ކިންގްސް އިން ހަޅްތިކް ޕާންޑިއާގެ ގުޖްރާތް ޓައިޓަންސް މި މެޗުން ބަލިކޮށްފައިވަނީ ފަސް ވިކެޓުންނެވެ.

މެޗްގެ ކުޅުން ރޭ އިރާކޮޅު ފަށައި ގުޖްރާތް ޓައިޓަންސް ވަނީ އޯޕަނިންއަށް އެރި ސައި ސުދަރްސަން ހެދި 96 ލަނޑުން ބޮޑު ސްކޯއާއެކު ހަތަރު ވިކެޓަށް 214 ލަނޑު 20 އޯވަރުގެ ތެރޭގައި ހަދާފަ އެވެ.

ދެވަނަ އިނިންގްސްގައި ޗެންނާއީ ކުޅެން އެރީ ވާރެއާ ހެދި މެޗް ލަސްވުމުން ޑަކްވާތް-ލުވިސް އުސޫލުން 15 އޯވަރަށް މަދުކޮށް ރަން ރޭޓަށް ބަލައި 171 ލަނޑު އެޓީމުން ހަދަން ޖެހޭ ގޮތަށެވެ.

މެޗްގެ ފަހުވަގުތުކޮޅުގައި ރަވިންދްރަ ޖަޑޭޖާވަނީ ކްރިކެޓްގައި ދެއްކޭނެ އެންމެ މޮޅު ކުޅުން ދައްކައި ފަހު ދެ ބޯޅަ އިން 6 އަށް އަދި 4 އަށް ޖަހައި ދަނޑުގައި ތިބި މީހުން ހައިރާންކޮށްލާފަ އެވެ.

"އަހަރެން ބެލީ ބެޓް ބާރަށް ހޫރާލަން. އެއީ ކޮންމެ ބޯޅަ އެއްވެސް މުހިންމު ވީމަ. އަހަންނަށް އެނގޭ ކޮންމެ ގޮތެއްވެސް ވެދާނެކަން. އެހެންވީމަ ބެލީ ބާރަށް ސީދާ ހޫރާލާފައި ޖަހާލަން،" ފޯރިގަދަ ފައިނަލާއި ބެހޭގޮތުން ޖަޑޭޖާ ބުނެފައިވެ އެވެ.

ޗެންނާއި ސުޕަ ކިންގްސް އަށް މެޗް ގެއްލުނީ އޭ ހީވީ ކެޕްޓަން އެމްއެސް ޑޯނީ ޕްރެޝަރު ވަގުތެއްގައި އަރައި ފުރަތަމަ ބޯޅައިން ގޯލްޑަން ޑަކަކަށް ނުބައިވުމުންނެވެ. ނަމަވެސް ދެން ޖަޑޭޖާ އަރައިވަނީ ހަމަޖެހުން ގެނެސްފަ އެވެ.

އާދީއްތަ ދުވަހު ކުޅެން އޮތް ފައިނަލް ހޯމަ ދުވަހުގެ ރެއަށް ފަސްކުރީ އަހުމަދުއާބާދަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެންނެވެ.

ގުޖްރާތް ޓައިޓަންސްގެ އުމުރުން އެންމެ 21 އަހަރުވީ ސުދާރްސަން އެންމެ 47 ބޯޅައިން 96 ލަނޑު ހެދިއިރު އޭނާވަނީ ހަ ހަޔަކަށް ޖަހައި ގުޖްރާތުގެ ސްކޯ ރަނގަޅު ހިސާބަކަށް ގެންގޮސްފަ އެވެ.

ގުޖްރާތުން އޯޕަނިން އަށް އެރި ރިދިމަން ސަހާގެ 54 ލަނޑާއި މުބާރާތުގެ އެންމެ ގިނަ ލަނޑު ހަދާފައިވާ ގިލް މިމެޗްގައި ހެދި 39 ލަނޑު ފާހަގަ ކުރެވުނުއިރު، ޗެންނާއީގެ އުކުންތެރިޔާ މަތީޝާ ޕަތިރަނާ ވަނީ 44 ލަނޑަށް ދެވިކެޓް ނަގާފަ އެވެ.

ޗެންނާއީ ސުޕަ ކިންގްސް އިން އެޓީމުގެ އިނިންގްސް ކުޅެން އަރަންވީއިރު ވާރޭގެ މައްސަލަ ކުރިމަތިވެ މެޗް ތިން ގަޑި އިރަށް ލަސްވުމަށްފަހު އަލުން ކުޅުން ފެށި އިރު ވަނީ ރޭގެ މެންދަން ވެފަ އެވެ. ނަމަވެސް ކުޅިބަލަން ވަދެ ތިބި 75،000 މީހުން ކެތްތެރިކަމާއެކު ތިބެމެ ފަހުވަގުތުގައި ވަނީ ފޯރިގަދަ މޮޅު ކްރިކެޓް ބެލުމުގެ ފުރުސަތު ލިބިގެން ގޮސްފަ އެވެ.

ޗެންނާއިން މި މެޗްގައި އެންމެ ރަނގަޅަށް ކުޅުނު އޯޕަނިން އަށް އެރި ޑެވޮން ކޮންވޭ 47 ލަނޑު ހެދި އިރު ޑޫބޭ ވަނީ ނުބައި ނުވެ 32 ލަނޑު ހަދާފަ އެވެ. ގުޖްރާތްގެ އުކުންތެރިޔާ މޯހިތް ވަނީ 36 ލަނޑަށް ތިން ވިކެޓް ނަގާފަ އެވެ.

މިފަހަރުގެ ޗެމްޕިއަން ކަމާއެކު ޗެންނާއި ސުޕަ ކިންގްސް ވެފައިވަނީ މުބާރާތުގެ އެންމެ ގިނައިން ތަށި ހޯދާފައިވާ މުމްބާއީ އިންޑިއަންސްއާ އެއްވަރުކޮށް ފަސް ފަހަރު މިތަށި ހޯދާފަ އެވެ.