ކްރިކެޓް

މެދުނުކެނޑި ވެހުނު ވާރެއާ ގުޅިގެން އިންޑިއަން އައިޕީއެލް ކްރިކެޓް ފައިނަލް މިރޭ

ރޭ އިރާކޮޅު ކުޅެން އޮތް އިންޑިއާގެ ފޯރިގަދަ އައިޕީއެލް ކްރިކެޓް ފައިނަލް މިރޭ ހަތެއް ޖަހާއިރު ކުޅޭ ގޮތަށް އައިޕީއެލް އިން ނިންމައިފި އެވެ.

މެހެންދްރަ ސިންގް ދޯނީގެ ޗެންނާއި ސުޕަކިންގްސް (ސީއެސްކޭ) އާއި ގުޖްރާތް ޓައިޓަންސް (ޖީޓީ)ގެ ފައިނަލް މެޗް މިރެއަށް ބަދަލުކުރީ ރޭ މެޗް ކުޅެން އޮތް ގަޑީގައި ތިން ހަތަރު ގަޑިއިރަށް ދެމިގެންދިޔައިރުވެސް ބޯކޮށް ވެހެމުންދިޔަ ވާރޭ ހުއްޓާ ނުލުމުންނެވެ.

ރޭގައި އަހުމަދު އާބާދްގެ ގުޖްރާތްގައި ވެހުނު 41 މިލިމީޓަރުގެ ބޯ ވާރެއަކީ މިހާތަނަށް އެ ސްޓޭޓަށް ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވާ މިންވަރެވެ.

"އައިޕީއެލް މެޗް ވަނީ ރިޒާވް ޑޭ އަށް ފަސްކުރެވިފައި. 29 މެއި، 19:30. މިއަދު ގަތް ޓިކެޓް މާދަމާ ބޭނުންކުރެވޭނެ. ރައްކާތެރިކަމާއެކު ޓިކެޓް ބާއްވާ،" މެޗް ގްރައުންޑްގައި ހުރި ސްކްރީނަށް އަރުވާފައިވެ އެވެ.

ބޯކޮށް ވެހުނު ވާރެއާ ހެދި މެޗް ފަސްކޮށްފައިވަނީ ސީއެސްކޭގެ ކޯޗް ސްޓެފަން ފްލެމިން އާއި ޖީޓީގެ ކޯޗް އަޝިޝް މެހެރާ އާއި މަޝްވަރާކުރުމަށްފަހު އެވެ.

ޓީމް ކޯޗުންނާ މަޝްވަރާ ކުރުމުގެ ކުރިން އޮފިޝަލުން ވަނީ ގްރައުންޑްސްމަނުންނާ ވާހަކަ ދައްކާފަ އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރަނީ މިއަދުވެސް މޫސުން ގޯސްވާނެ ކަމަށެވެ. މިއަދު މޫސުން ގޯސްވެ މެޗް ނުކުޅޭވޭނަމަ ގުޖްރާތް ޓައިޓަންސް އަށް މެޗް ނުކުޅެ ޗެމްޕިއަންކަން ލިބިގެންދާނެ އެވެ. އެއީ ލީގު ޓޭބަލްގައި ސީއެސްކޭ އަށް ވުރެ ކުރީގައި ޖީޓީ އޮތުމުންނެވެ.

އިއްޔެ ވާރޭ ވެހެން ފަށައި މޫސުން ގޯސްވެގެން ދިޔައީ މުބާރާތް ނިންމުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު ފައްޓަން ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށެވެ. ނަމަވެސް އޭރު އަދި ފައިނަލް މެޗު ނުފަށަ އެވެ.