އިންޑިއާ

އިންޓަކޮންޓިނެނަލް ކަޕް ފަށާނީ އިންޑިއާ އާއި މޮންގޯލިއާ އިން

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ އިންޓަކޮންޓިނެންޓަލް ކަޕްގައި މިރޭ އިންޑިއާ އާއި މޮންގޯލިއާ ބައްދަލުކުރާނެ އެވެ.

މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އޮޑިއްސާ ސްޓޭޓްގެ ބުބަނޭޝްވަރްގެ ކަލިންގާ ސްޓޭޑިއަމްގައި އިންޑިއާ ގަޑިން މިރޭ 7:00 ޖަހާއިރު އެވެ.

އިންޑިއާ އިން މި މުބާރާތް އިންތިޒާމްކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އޭޝިއަން ކަޕަށް އިންޑިއާގެ ޓީމު ތައްޔާރު ކުރުމުގެ ގޮތުންނެވެ.

އިންޓަކޮންޓިނެންޓަލް މި ކަޕްގައި ވަދަކުރަނީ އިންޑިއާ (ފީފާ ރޭންކިން 101)، މެދުއިރުމަތީގެ ލެބަނަން (ފީފާ ރޭންކިން 99) އާއި ސައުތް ޕެސިފިކްގެ ވަނުއާޓޫ (ފީފާ ރޭންކިން 164)ގެ އިތުރުން އިރުމަތީ ބިތުން މޮންގޯލިއާ (ފީފާ ރޭންކިން 185) އެވެ.

މި މުބާރާތުގެ ފުރަތަމަ މުބާރާތުގައި މުމްބާއީގައި ކުޅެ އިންޑިއާ ވަނީ ކެންޔާ ބަލިކޮށް ތަށި ހޯދާފަ އެވެ. އަދި ގުޖްރާތުގެ އަހުމަދުއާބާދުގައި 2019ގައި ބޭއްވުނު މީގެ ދެވަނަ މުބާރާތުގައި ނޯތް ކޮރެއާ ވަނީ ތަޖިކިސްތާން ބަލިކޮށް ތަށި ހޯދާފަ އެވެ.

އިންޑިއާގެ އަމާޒަކީ އޭޝިއާ ސަރަހައްދުގައި ހިމެނޭ އެންމެ ގަދަ ދިހަ ޓީމުގެ ތެރޭގައި 2026 ވާއިރަށް ހިމެނުމެވެ.

މިމުބާރާތް ނިމުމާއެކު މިމަހު 21 ގައި ސާފް ގޭމްސްގައި އިންޑިއާ ވާދަކުރާއިރު އިންޑިއާއަށް މި މުބާރާތް ވެގެންދާނީ ތަޖުރިބާ ދެނިވި ރަނގަޅު ތައްޔާރު ވުމަކަށެވެ. މިފަހަރުގެ ސާފް ގޭމްސްގައި ރާއްޖޭގެ އިތުރުން ލެބަނަން އަދި ކުވައިތު ވެސް ވާދަކުރާނެ އެވެ. ލެބަނަން އާއި އިންޑިއާ އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކުރާއިރު ސާފް ގޭމްސްގައިވެސް މި ދެޓީމު ނޮކް އައުޓްގައި ފަހަރުގައި ކުޅެން ދިމާވެދާނެ އެވެ.

އިންޓަކޮންޓިނެންޓަލް މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.