ކްރިކެޓް

އިންޑިއަން ކްރިކެޓް ލީގް އައިޕީއެލްގެ ބޮޑު ފައިނަލް މިރޭ

އިންޑިއާގެ އެންމެ ބޮޑު ކުޅިވަރު އީދު ފޯރިގަދަ އައިޕީއެލް ކްރިކެޓް މުބާރާތުގެ ފައިނަލް މިރޭ ހަތެއް ޖަހާއިރު އިންޑިއާގެ އަހުމަދު އާބާދުގައި ކުޅޭނެ އެވެ.

މަސްދުވަހަށް ދެމިގެންދާ އަދި އިންޑިއާގެ ސްޓޭޓްތަކަށް ނިސްބަތްވާ މި ބޮޑު ކްރިކެޓް މުބާރާތުގެ ފައިނަލަށް އެއްކޮޅުން ހޮވިފައިވަނީ އިންޑިއާގެ މަޝްހޫރު މޮޅު ބެޓްސްމަން އެމްއެސް ދޯނީގެ ޗެންނާއީގެ ސުޕަކިންގްސް އެވެ. އަނެއްކޮޅުން ހޮވިފައިވަނީ އިންޑިއާގެ ބާރު އުކުންތެރިޔާ އަދި މަޝްހޫރު ހަޅްތިކް ޕާންޑިޔާގެ ގުޖްރާތަށް ނިސްބަތްވާ ގުޖްރާތް ޓައިޓަންސް އެވެ.

އައިޕީއެލްގެ މުބާރާތް ނިމުމަކާ ހަމައަށް އައިސްފައިވާއިރު މި މުބާރާތް ފެށީ ވެސް މި ދެ ޓީމުންނެވެ. އެފަހަރުގެ ކުރިމަތިލުން ކާމިޔާބުކޮށްފައިވަނީ ހަޅްތިކްގެ ގުޖްރާތް ޓައިޓަންސް އެވެ. ނަމަވެސް މިހަފްތާގެ ކުރީކޮޅު ކޮލިފަޔަ އެކެއްގައި މި ދެޓީމު ބައްދަލުކުރި މެޗް އަމިއްލަ ދަނޑުގައި އެމްއެސް ދޯނީގެ ޗެންނާއި ސުޕަކިންގްސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އަހުމަދުއާބާދުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ޗެންނާއި ސުޕަކިންގްސް ބަލިވެފައި އޮތް ބަލިވުމެވެ. އަހްމަދުއާބާދުގެ ދަނޑަކީ ބެޓްސްމަނުންނަށް ފަހި ދަނޑެއްކަމުން ބެޓިންގެ ހުނަރު އެދުވަހަކު ދައްކާލެވޭ ބަޔަކު އަބަދުވެސް މޮޅުވުމުގެ ފުރުސަތު ބޮޑު ދަނޑެކެވެ.

އެހެންކަމުން މިރޭގެ މެޗަކީ ޗެންނާއީ ސުޕަކިންގްސްގެ ފުރަތަމަ މޮޅު މި ދަނޑުގައި ހޯދުމަށް ވަރުގަދަ ހަނގުރާމައެއް ކުރާނެ ރެއެކެވެ. އަނެއްކޮޅުން މިހާތަނަށް ޓައިޓަންސް މި ދަނޑުގައި ކުޅުނު ނުވަ މެޗުން ހަމެޗް ވަނީ ކާމިޔާބް ކޮށްފަ އެވެ. އެހެންކަމުން އެ ޓީމުގެ އިތުބާރު ހުރީ ނިކަން މަތީގަ އެވެ.

ޗެންނާއީ ސުޕަކިންގްސް އަކީ އައިޕީއެލްގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމަށްވާއިރު އެ ޓީމުން ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު ހޯދާފަ އެވެ. މިމުބާރާތް ފަސް ފަހަރު ހޯދި ޓީމަކީ މުމްބާއީ އިންޑިއަންސް އެވެ. އެހެންކަމުން މިރޭގެ މެޗް ކާމިޔާބްކޮށް މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ކަމުގައިވާ މުމްބާއީ އިންޑިއަންސާއި އެއްވަރަކަށް ތަށި ހޯދުމަށް ދޯނީގެ ޓީމުން ވަނީ ފެންބޮވައިގެންފަ އެވެ.

އަނެއްކޮޅުން ގުޖްރާތް ޓައިޓަންސް މި މުބާރާތަށް މިދިޔަ އަހަރު މުޅިން އަލަށް ނިކުމެ ވަނީ ޑޭބިއުގައި އާދަޔާއި ހިލާފް މޮޅަށް ކުޅެ އެފަހަރުގެ ތަށި އުފުލާލާފަ އެވެ. އެހެންކަމުން މިރޭގެ ފައިނަލުން މޮޅުވެ ޖައްސަ ޖައްސައިގެން ދެވަނަ ފަހަރު ތަށި ހޯދުމުގެ އަޒުމް ހަޅްތިކް ޕާންޑިޔާގެ ޓީމްގައި ވަރަށް ބޮޑުކޮށް އެބައޮތެވެ.

މި ދެ ޓީމުގެ ކުރިމަތިލުން ދޯނީއާއި ހަޅްތިކްގެ ކުރިމަތިލުމެއް ކަމަށް ސިފަވެގެންދާއިރު ހަޅްތިކަކީ ކްރިކެޓްގައި ދޯނީގެ ދަރިވަރެކެވެ. އެމްއެސް ދޯނީ އަކީ އިންޑިއާގެ އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާއަށް ވެފައިވާއިރު މި މުބާރާތުގެ 11 ފައިނަލުގެ ތެރެއިން 10 ފައިނަލުގައި ދޯނީ ވަނީ ކުޅެފަ އެވެ. އަނެއްކޮޅުން ހަޅްތިކް ފަސްފަހަރަށް މި މުބާރާތުގެ ފައިނަލް ކުޅެފައިވާއިރު އެއިން އެއްވެސް ފަހަރަކު ބަލިވިކޮޅުގައި ލައްވާލާފައެއް ނުވެ އެވެ.

އެމްއެސް ދޯނީގެ ކިބައިން އަބަދުވެސް އެތައްކަމެއް ކްރިކެޓްގައި ދަސްވެފައިވާ ކަމަށް ބުނެފައިވާއިރު، އަދި މިރޭގެ ފައިނަލް އެހާމެ ފޯރިގަދަ މެޗަކަށްވާނެ ކަމަށް ބެލެވޭއިރު، މިރޭގެ މެޗް ވެގެންދާނީ ހަޅްތިކަށް ދޯނީގެ ފަރާތުން މިހުރިހާ ދުވަހެއްގައި ދަސްވި އެއްޗެހީގެ ވަރުގަދަ ޓެސްޓަކަށެވެ.