ފިނިޕޭޖް

ފްލޮރެންސް ޕިއުގެ އާ ފިލްމަށް ބޯބާލައިފި

މާވެލް ސިނަމެޓިކް ޔުނިވާސްގައި ޔެލީނާ ބެލޯވާގެ ރޯލު އަދާކުރާ ފްލޮރެންސް ޕިއު، އޭނާގެ އާ ފިލްމަށް ބޯ ބާލައިފި އެވެ.

ފްލޯރެންސް ބޯ ބާލާފައިވަނީ "ސި އެމޭޒިން ސްޕައިޑަމޭން" އެންޑްރޫ ގާފީލްޑްއާ އެކު ކުޅޭ "ވީ ލިވް އިން ޓައިމް" ގައި އޭނާ އަދާކުރާ ރޯލަށެވެ.

މިފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި އަދި އިޓަލީގެ ރޯމްގައި އޭޕްރިލް އިން ފެށިގެން ކުރިއަށް އެބަދެ އެވެ.

މީޑިއާތަކުގައި ދައުރުވާ ފޮޓޯތަކަކުން ފެންނަނީ އެންޑްރޫ އާއި ފްލޯރެންސް މަގުމަތީގައި ހިނގާފައިދާ ތަނެވެ. އަދި ފްލޯރެންސް އާންމުކޮށް ހުންނަ ބްލޮންޑް އިސްތަށިގަނޑުގެ ބަދަލުގައި ބޯބާލައި، ކުޑަކޮށް އިސްތަށި ފަޅަން ފަށާފައިވާކަން ފޮޓޯއިން ފާހަގަކުރެވެ އެވެ.

ނިކް ޕޭންގެ ސްކްރިޕްޓަކަށް ޖޯން ކްރޯލީ ޑައިރެކްޓް ކުރާ މި ފިލްމުގައި ބެނެޑިކްޓް ކަމްބާބެޗް އެގްޒެކްޓިވް ޕްރޮޑިއުސަރެއްގެ ގޮތުން މަސައްކަތް ކުރެ އެވެ. ރޮމޭންސް ޖޮންރާގެ މި ފިލްމުގެ ޕްލޮޓްގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

"ބްލެކް ވިޑޯ"، "ހޯކްއައި"، "ޕުސް އިން ބޫޓްސް: ދަ ލާސްޓް ވިޝް"، "ޑޯންޓް ވޮރީ ޑާލިން" ފަދަ ފިލްމު ކުޅެފައިވާ ފްލޯރެންސްގެ ދެން އެންމެ އަވަހަށް ނިކުންނާނީ "ޑިއުން: ޕާޓް 2" އާއި "އޯޕަންހައިމާ" އެވެ. އެންޑްރޫ އެންމެ ފަހުން ފެނިފައިވަނީ "އަންޑާ ދަ ބެނާ އޮފް ހެވަން" ސީރީޒްއިންނެވެ.