ރައީސް އޮފީސް

މަނިކާއި އަމީލާ މަގާމުން ވަކިކުރަން ހުށަހަޅައިފި

ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެމްބަރު އާމިލާ ލަތީފް މަގާމުން ވަކިކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހަޅައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަންކުރައްވާ ބޭފުޅުންނާއި ވަކިކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ފޮނުވަނީ ރައީސް އޮފީހުންނެވެ. އެބޭފުޅުންގެ މަގާމާ މެދު ގޮތް ނިންމަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.

މަނިކާއި އާމިލާ މަގާމުން ވަކިކުރުމަށް ރައީސް އޮފީހުން އެދިފައި މިވަނީ މި ދެ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ.

މަނިކަކީ އެމްޑީޕީގެ އިންތިހާބުތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅެކެވެ. އަދި އޭނާ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިލިމާލެ ދާއިރާގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. އާމިލާއަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ދަ ޑިމޮކްރެޓްސްގެ މަސްއޫލުވެރިޔާ ހަސަން ލަތީފްގެ ކޮއްކޮ އެވެ.

އެމްޑީޕީން ވަނީ އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅޭ ބޭފުޅުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފަ އެވެ.

އެމްޑީޕީގެ ހުށަހެޅުމާ އެއްގޮތަށް ރައީސް ސޯލިހް ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރައްވާފަ އެވެ.