ރައީސް އަބްދުﷲ ޔާމީން

ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން އެދިއްޖެ

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ޔާމީންގެ ފަރާތްޕުޅުން މިއަދު އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ކުރީގެ ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ ހުށަހެޅުއްވީ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ބޭންކް ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށް ރައީސް ޔާމީން އާއި ރިޒާގެ ފަރާތުން ފާހަގަކުރެއްވި އެވެ.

ޔާމީން ވިދާޅުވީ ދައުލަތުން ހޯދި ބޭންކް ސްޓޭޓްމަންޓްގެ ތެރޭގައި 2010 ވަނަ އަހަރުގެ މުއާމަލާތްތައްވެސް ހިމެނޭ ކަމަށާއި އެ ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހެކި ބޭންކް ސްޓޭޓްމަންޓް ހޯދޭނެ ތިން ހާލަތެއް ބޭންކިން ގާނޫނުގައި ބަޔާންކުރާ ކަމަށެވެ.

އެގޮތުން ކޯޓު އަމުރަކާއެކު ނޫނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލިޔުމަކުން ނުވަތަ ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިގެން މައުލޫމާތު ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.