ރައްޔިތުންގެ މަޖިލިސް

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ގަރާރުތައް ބޭރުކޮށްލައިފި

މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކޮށް ދަނޑުވެރިންގެ ސަބްސިޑީ އިޔާދަކުރުމަށް ގޮވާލާ ހުށަހެޅި ގަރާރުތައް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަސްވެރިކަމުގެ ސިޔާސަތު ރަނުން ރަނަށް ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ. ދަނޑުވެރިންގެ ސަބްސިޑީ އިޔާދަކުރުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިކަމުގެ ގަރާރު ބަލައިގަތުމާ ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވިއިރު އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.

ދަނޑުވެރިންގެ ސަބްސިޓީ ގަރާރާ ދެކޮޅަށް 42 މެންބަރުން ވޯޓު ދެއްވިއިރު އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.

މެންބަރު ފިރުޝާންގެ ގަރާރުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން ހުށަހެޅި މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކެމްޕެއިންގައި އެތައް ފަހަރަކު ވައުދުވެވަޑައިގެންނެވި ކަމަށެވެ.

"(މަސްވެރިކަން) މި ސިނާއަތު ކުރިއަރުވަން އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން، މަހަށް ފުރާ އުޅަނދުފަހަރާއި، މަސްވެރިކަމުގައި ހަރަކާތްތެރިވާނެ ދިވެހީން މަދުވަމުން ދިޔުމާއި، ދިވެހީންގެ އިގުތިސާދުގެ ލޭނާރު ކެނޑި ހިނގައިދާނެ ކަމުގެ ބިރު،" ފެންނަ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ދަނޑުވެރިންގެ ސަބްސިޑީ އިޔާދަކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ސޯލިހްގެ އެ ވައުދުފުޅާއެކު ވަރަށް ގިނަ ދަނޑުވެރިން އެމަނިކުފާނަށް ވޯޓު ދެއްވި ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމަށް އިންޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ އެއްކޮށް މާފު ކުރެވުނު ނަމަވެސް ގާނޫނުން ކަނޑާލި ޑިއުޓީގެ ލުއިކަން ދަނޑުވެރިންނަށް ފެންނަން ނެތް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.