ވާހަކަ

ގަހަނާ ފޮށި

( 25 މެއި 2023 އާ ގުޅޭ )

"ގުޑްމޯނިން." ފައިސަލް ބުންޏެވެ. އެ ޖާދުވީ ހިނިތުންވުމުގައި އަހަރެން ޖެހުނެވެ.

"ގުޑްމޯނިން. ކިހާއިރެއް ވެގެން އެ އުޅެނީ." ހިނިތުންވުމެއް ބަދަލުކޮށްލާފައި ތެދުވަމުން އަހަރެން އަހާލީމެވެ.

"ހެނދުނު ހަތެއް ޖަހައިފި." ފައިސަލްގެ އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ބުންޏެވެ.

"ވަޓް. އެހާއިރު ވެއްޖެ." ދެ ލޯ ތަންމިންނަށް ހުޅުވިގެން ދިއުމާއެކު އަހަރެން ބުނީ އަޖައިބުވެގެންނެވެ.

"ފޯނު." ރިންގުވަމުންދިޔަ ފޯނަށް ފައިސަލް ބޮލުން އިޝާރާތްކޮށްލިއެވެ. އަހަރެން އަވަސް އަވަހަށް ފޯނުކޯލު ނަގައި ހެލޯއޭ ބުނެލީމެވެ.

"އަދި ނުހޭލަނީތަ؟." ފޯނުން އިތޫގެ އަޑު އިވުނެވެ.

"މި ހޭލީ." ސޯފާގައި އިނދެ އަހަރެން ވާހަކަދެއްކީމެވެ.

"ކޮންއިރަކުން އަންނާނީ." އިތޫ އަހާލިއެވެ. އަހަންނަށް ޖަވާބުދޭން އުނދަގުވިއެވެ. ރޭގައި ކަންތައްވީގޮތް ހަނދާންވީއެވެ. ހޫދުގެ ކުރިމައްޗަށް އަރާކަށް ބޭނުމެއްނޫނެވެ. އެ ސޫރަ ފެނުނަސް އަހަރެންގެ މޫޑު ހަރާބުވާނެއެވެ. އަނެއްކޮޅުން ހަޤީޤަތް އިތޫއަށް ހާމަކޮށްފިނަމަ އަހަންނާއި އޭނާއާ ދެމެދު މިއޮތް ރަޙުމަތްތެރިކަމަށް ހިޔަނި އެޅިދާނެއެވެ. އެކުވެރިކަން ޚިޔާރުކޮށް އަހަރެންގެ ކޮޅަށް އޭނާ ޖެހިއްޖެނަމަ ޢާއިލާއާ އޮތް ގުޅުމަށް ހީނަރުކަން އަންނާނެއެވެ. ޢާއިލާދެކެ އިތޫ ލޯބިވާވަރު އަހަރެންނަށް އެނގެއެވެ. ހަމަނުޖެހުމެއް އުފެދެން ފުރުޞަތު ދިނުމަށްވުރެ އެއްފަހަރެއް ކަމަށް ބަލައި ހޫދުގެ އެ ޢަމަލުގެ ވާހަކަ ނުދެއްކިއްޔާ މާ ރަނގަޅުވާނޭ އަހަރެންނަށް ވިސްނުނެއެވެ.

"އާނަ. ނިދުނީތަ." އަހަރެންގެ އަޑެއް ނީވެގެން އިތޫ ވާހަކަދެއްކިއެވެ.

"އިރުކޮޅަކުން ގުޅަންތަ؟." އަހަރެން ބުނީމެވެ.

"އޯކޭ. ރަނގަޅަށް ހޭލާފައި ހަނދާންކޮށް ގުޅާތި." އިތޫ ހިނިއައިސްފައި ހުރި އަޑަކުން މިހެން ބުނެފައި ކޯލު ކަނޑާލައިފިއެވެ.

ކަންފަތާ ފޯނު ދުރުކޮށްލާފައި އަހަރެން ފުންނޭވާއެއް ލީމެވެ. އަހަރެން ގެންގުޅުނު ރަޖާ ކޮނޑުގައި އަޅުވާލައިގެން ސޯފާއިން ތެދުވީ ކޮޓަރިއަށް ދާށެވެ. އޭރު ވެސް ގެސްޓްހައުސްގެ މައި ދޮރުކައިރީ ފައިސަލް ހުއްޓެވެ. އެއްފައި މައްޗަށް ބުރަވެ އަހަންނަށް ބަލާށެވެ.

"ފްރެންޑު ދޯ ގުޅީ. އެގެއަށް ގެންގޮސްދޭންވީތަ؟." ފައިސަލް އަހާލިއެވެ.

"އަދި ފަހުން." އަހަރެން ބުނީމެވެ.

"އާނަ." އަހަރެން ސިޑިއާ ދިމާއަށް ހިނގައިގަތް ފަހުން ފައިސަލް ގޮވާލިއެވެ. އެހެންވެ ފަސްއެނބުރި އޭނާއަށް ބަލާލީމެވެ.

"މިއަދު... އަހަންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން ކިހިނެއްވާނެ. އާނަ ފޫހިވިޔަ ނުދޭނަން... އެކަމަކު... މިހެންބުންޏަސް... އާނަ ބޭނުމިއްޔާ އިނގޭ." ފައިސަލް ބުންޏެވެ. ވިސްނާކަމަށް ހެދިގެން އަހަރެން ހުރީމެވެ.

"އެޓްލީސްޓް އަހަރެންނާއެކީ ބްރެކްފަސްޓްގައި ބައިވެރިވެލަންވީނު. މިކޮޅުން ސައިބޮއެގެން ދާނީ. އަހަރެން އާނަ ގެންގޮސްދޭނަން." އަހަރެން އެއްޗެކޭ ނުބުނުމުން ފައިސަލް ވާހަކަދެއްކިއެވެ.

"މައްސަލައެއްނެތް." އަހަރެން ބުނީމެވެ.

"ބްރެކްފަސްޓްތަ؟. ނޫނީ މުޅި ދުވަހު އަހަރެންނާއެކީ އުޅޭންތަ؟." ފައިސަލް އަހާލިއެވެ.

"މިއަދުގެ ހުރިހާ ވަގުތެއް ފައިސަލްއަށް ދީފިން. މިހާރު ރަނގަޅުތަ؟." ކުޑަކޮށް ހިނިއައިސްފައި އަހަރެން ބުނީމެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކު ފައިސަލް ބޯޖަހާލިއެވެ.

އަހަރެންނަށް ވިސްނުނު ގޮތުގައި އިތޫމެން ގެއަށް ގޮސް ހޫދުއާ ކުރިމަތިލުމަށްވުރެ ފައިސަލްއާއެކު ވަގުތު ހޭދަކޮށްލުން މާ ރަނގަޅެވެ. އަހަރެން ފޫހިވާ ގޮތަކަށް ފައިސަލް ނޫޅެއެވެ. އަހަރެންގެ ގައިގާ އަތްލާކަށް ނޫނީ މާބޮޑަށް ގައިގޯޅިވާކަށް އޭނާ ނޫޅެއެވެ. ނުރައްކާތެރި ސިއްރު ބެލުންތަކުން އަހަންނަކަށް އޭނާ ނުބަލައެވެ. ހޫދު ކިތަންމެ ރީތި ނަމަވެސް ފައިސަލް ވެސް ނުހަނު ފިރިހެންވަންތައެވެ. ޚާއްޞަކޮށް ފައިސަލްގެ ފުށުން ފެންނަ ހިމޭންކަމާއި އަބުއިގޮތް އަހަރެންނަށް ކަމުދެއެވެ.

"ނިދަންތަ ތިދަނީ." ފައިސަލް އަހާލިއެވެ.

"ދެން ނުނިދާނަން. ރެޑީވެލައިގެން މިއަންނަނީ." އަހަރެން ބުނީމެވެ. ފައިސަލް ބަދިގޭގައި އުޅޭނެކަން ބުންޏެވެ.

އަހަރެން އައިސް ކޮޓަރިއަށް ވަނީމެވެ. ރަޖާގަނޑު އެނދު މައްޗަށް އެއްލާފައި އެނދުއަރިމަތީ އަހަރެން އިށީނީމެވެ. ރޭގައި އަހަރެންނާއި ފައިސަލްއާ ދެމެދުގައި ބައެއް ވާހަކަތައް ދެއްކުނެވެ. އަހަރެންނަކީ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެކެވެ. އެއާ ޚިލާފަށް ފައިސަލްއަކީ އެކަނި އުޅޭ ހިތްވާ ޒުވާނެކެވެ. މީހުން ގިނަ ތަންތަނަށް އޭނާ ނުދެއެވެ. ގެސްޓްހައުސް ހެދުމަށްފަހު އެ ތަނުގައި އޭނާ ދިރިއުޅޭނެ ކުޑަ ގެއެއް އެޅީ އެހެންވެއެވެ. އެކަހެރި މާޙައުލު އޭނާއަށް މާބޮޑަށް ވެސް ކަމުދެއެވެ. އަހަރެންގެ ޢާއިލާގެ ވާހަކަތައް ފަޒީލަށް ކިޔާދިން ފަދައިން ފައިސަލްއަށް ވެސް އޮޅުންފިލުވާ ދިނީމެވެ. އަދި އަހަރެން މަސައްކަތް ކުރާ ދާއިރާ ވެސް މެއެވެ. އޮފީހުގައި ކުރިމަތިވި ބައެއް ކަންކަމުގެ ވާހަކަތައް ފައިސަލްއާ ޚިއްޞާކުރީމެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ހަޔާތާ ގުޅިފައިވީ ޒާތީ ކަމެއްގެ ވާހަކަ ކިޔައެއް ނުދެމެވެ. މިހެންބުންޏަސް އަހަރެންގެ ހަޔާތުގައި މިވަގުތު ލޯބިވެރިއެއް ނެތްކަން ފައިސަލް އެހީތީ ބުނީމެވެ. ހަމައެގޮތަށް ފައިސަލް ވެސް ކުއްޖަކާ ރައްޓެހިނުވާތާ އަހަރުތަކެއް ވެއްޖެކަން ބުންޏެވެ. ވާހަކައިގައި ތިއްބާ ކުރީން ނިދުނީ އަހަންނަށްކަން ޔަގީނެވެ. ދެ ކޮޅަށް ހުރި ދެ ސޯފާގެ ދިގަށް އަހަރެމެން ތިބީ އޮށޯވެއެވެ. ގަޑިންވީ ކިހާއިރެއްކަމެއް ބުނާކަށް އަހަރެންނަކަށް ނޭނގެއެވެ. އެކަމަށް ފަރުވާލެއް ދެވިފައި ނެތީއެވެ. އެކަމަކު ރޭގައި އަހަރެންނަށް ބިރުވެރި ހުވަފެނެއް ނުފެނެއެވެ. ނިދުނީ ވަރަށް ގަދައަށެވެ. ހައިރާންވަނީ އެކަމާއެވެ. އެހާ ގަދައަށް ނިދުނީމައެވެ. މި ރަށަށް އައިފަހުން މާޙައުލު ބަދަލުވީމައާއެކު ކުރިއަށްވުރެ ވެސް އަހަރެންގެ ނިދިވަނީ މަޑުވެފައެވެ. އިރުނާރަނީސް ފަތިހާ އަހަންނަށް ހޭލެވެއެވެ.

އެނދުން އަހަރެން ތެދުވީމެވެ. ބޭކާރު ވިސްނުންތަކުން ސިކުނޑިއަށް ހާސްކަން ލިބޭކަށް ބޭނުމެއްނޫނެވެ. ކޮންމެ ކަމަކާ ސުވާލު އުފެއްދުމަކީ ކަންކަމާ މާބޮޑަށް ވިސްނާ ފިކުރުކުރާން މީހާއަށް މަޖުބޫރުކުރާ ކަމެކެވެ. އެއްވެސް ކަމަކާ އެ ދަރަޖައަށް ވިސްނަންވެއްޖެނަމަ ރަނގަޅެއްނުވާނެކަން އަހަރެން ވެސް ޤަބޫލުކުރަމެވެ. ޝުކުރުކުރަންވީ ކުރީން ރޭގައި އެ ދިމާވި ފަދަ ބިރުވެރި ކަމަކާ ދިމާނުވެ ހަމަނިދި ލިބުނީތީއެވެ. އެހާ ގިނައިރު ފައިސަލް އިންތިޒާރު ކުރާން ޖައްސާކަށް ނުވާނެތާއެވެ. އަވަހަށް ފާޚާނާއަށް ވަނީ އެހެންވެއެވެ.

މުޅި ބަދިގެ ތެރޭގައި ހިފާލާފައި ހުރި ވަހުން އަހަރެން ބަނޑުހައިވީ ކުއްލިއަކަށެވެ. ފައިސަލް ހުރީ ކާމޭޒު ކައިރީއެވެ. އޭނާގެ ވައަތުގައި ތަވާ އޮތްއިރު ކަނާއަތުގައި އޮތް ރަބަރު ދޭފަތުން އޭގައި އޮތް ބިސްގަނޑު ތަށްޓަށް ލަނީއެވެ. އޭނާގެ ވައަތު ކޮނޑުމަތީ ކުޑަ ތުވާލިކޮޅެއް އެއްލާފައި އޮތެވެ.

"މި ނިމުނީ. އިށީނދޭ." އަހަރެން ފެންނަ އިރަށް ފައިސަލް ބުންޏެވެ.

"ޕްރޯ ޝެފެއްހެން ހީވަނީ." ހިނިއައިސްފައި އަހަރެން ބުނީމެވެ. ފައިސަލް ޖަހާލީ ހިނިގަނޑެކެވެ. އޭނާ އުނދުން ކައިރިޔަށް ގޮސް ތަވާ ބެހެއްޓިއެވެ. އަދި ކޮނޑުމަތީ އޮތް ތުވާލި ކޮޅުން ދެ އަތް ފުހެލާފައި އެ ވެސް ތިރީ ކަބަޑުސެޓު މަތީ ބޭއްވިއެވެ. ދެން ކޮފީމެޝިނުގައި އިން ޖޯޑު ނަގައިގެން އައިސް އަހަރެންނާ ކުރިމަތިވާނެހެން ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ.

"ކޯއްޗެއް މިއަށް އަޅާފައި މިހުރީ." އަހަރެންގެ ތަށީގައި އޮތް ބިސްގަނޑަށް އިޝާރާތްކޮށް ސުވާލު ކުރީމެވެ.

"މުރަނގަފަތް. މީރުވާނެ... ރަހަ ބަލާލަބަލަ." ފައިސަލް ބުންޏެވެ.

ބިސްގަނޑުން އެތިކޮޅެއް ނައްޓާލައި ރަހަ ބަލާލީމެވެ. ނުބައެއް ނޫނެވެ. އަހަންނަކީ އާންމުކޮށް ބިސްގަނޑަށް މާގިނަ އެއްޗެހި އަޅާމީހެއްނޫނެވެ. ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ބުރުވާލީމާ އަހަރެންނަށް ފުދޭނެއެވެ. އެހެންވިޔަސް ތަފާތު ކޮށްލުން ގޯހެއްނޫނެވެ. ތަށީގައި ދެން ހުރީ ސޮސެޖާއި ޕާނުގެ އިތުރުން ދެ "ޕޭންކޭކްސް" އެވެ. ނަޓެއްލާއާއި ޕީނަޓްބަޓާގެ އިތުރުން ޖޭމާއި ބަޓަރު ވެސް މޭޒުމަތިން ފެންނަން ހުއްޓެވެ.

"ކައްކަން ދަސްކުރީ ކިހިނެއް." އަހަރެން ސައިބޮމުން އަހާލީމެވެ.

"މިކޮޅުގައި ގެސްޓުން ތިބޭއިރު ބައެއްފަހަރު ބްރޭކްފަސްޓް ނަގަން ބޭނުންވާނެ. އަބްދުލް މިކޮޅަށް ގެނައުމުގެ ކުރީން އަހަރެން އެކަން ކުރާނީ. ދެން އެކަނި އުޅޭތީ ބޮޑަށް ދަސްވީ. އަމިއްލައަށް އެކި އެއްޗެހި ޓްރައި ކުރަނީ. އަހަރެން ވެސް ފުރަތަމަ މިހާ މޮޅެއްނޫން." ހިނިއައިސްފައި އިނދެ ފައިސަލް ފަހު ޖުމްލަ އިއްވާލިއެވެ.

އިރުގެ އަލި ބިމަށް ފޯރާވަރަށްވުރެ ވިލާތައް ބޯވެ އުޑުމަތި ފެންނަނީ ބަނަކޮށެވެ. ނަމަވެސް ހެނދުނު ވާރޭއެއް ނުވެހެއެވެ. ފަޒާގައިވާ ފިނިކަމަށް ބަދަލެއް ނާދެއެވެ. އަހަރެން ނުކުމެ މަޑުކޮށްލީ ގެސްޓްހައުސްގެ ދޮރުމަތީ ހިޔާކޮށްފައި ހުރިތަނުގައެވެ. އެތާ ހުރި ދިގު ގޮނޑީގައި އިށީނދެ އިތޫއަށް ގުޅީމެވެ. މިއަދު މިކޮޅުގައި މަޑުކޮށްލަން ގަސްދުކުރާކަން ބުނުމުން އިތޫ ސުވާލު އުފެދުނެވެ. ފައިސަލް އަހަންނަށް ޓަކައި ކަންކަން ރާވާފައި އޮތްކަން އިތޫއަށް ކިޔާދިނީ އެހެންވެއެވެ.

"އެހެންވީރު ހަވީރު އަހަރެން ތިކޮޅަށް ދާން ބޭނުން." އިތޫ ބުންޏެވެ. ބާބިކިއު ހަދަން އުޅޭކަން އެނގުމާއެކު އިތޫ ބައިވެރިވާން ބޭނުންވިއެވެ.

"ފައިސަލް ކައިރީ އަހަރެން ބުނާނަން." ފައިސަލް ކައިރީ ނާހާ އިތޫ ގެންނަން އަހަރެން ބޭނުންނުވީ ރޭގައި ފައިސަލް ކިޔާދިން ވާހަކަތަކުންނެވެ. ފަޒީލުއާއި ފައިސަލްއަކީ މުޅިން ތަފާތު މިޒާޖުގެ ދެބެންނެވެ. ޒަފަރުގެ ރަޙުމަތްތެރިއަކީ ފަޒީލެވެ. އަހަންނާއި އިތޫއާ ގާތްކަން ފަޒީލު ބޭއްވީ އެ ރައްޓެހިކަމުގައެވެ. އެކަމަކު ފައިސަލްއަށް އިތޫއެއް އަދި ޒަފަރެއް ވެސް ނޭނގެއެވެ. ބޮޑު ގުރޫޕަކާއެކު މަޖާކުރާކަށް ފައިސަލް ބޭނުމެއްނުވާނެއެވެ.

އަހަރެންގެ ނިންމުން އަހާފައި އިތޫ މައްސަލައެއް ނުޖެއްސިއެވެ. އެކަމަކު އަހަރެމެންގެ ކޯލު ނިންމާލުމުގެ ކުރީން އޭނާ އަހަންނާ ބައްދަލުކޮށްލަން މިއަދު ބޭނުންވެފައި ހުރިކަން ބުންޏެވެ. އަހަންނާ ވާހަކައެއް ދައްކާލަންވެފައި އޮތްކަން އިތޫ ބުންޏެވެ. އަހަރެންގެ ބޮލުގައި އެވަގުތު ވެސް ރިއްސާލިއެވެ. ހޫދުއާ ގުޅުމެއް ހުރި ވާހަކައެއްބާއެވެ. އަހަރެން ކިޔާކިޔާ ވެސް ފޯނުން އެ ވާހަކައެއް ދައްކާކަށް އިތޫ އެއްބަހެއްނުވިއެވެ.

ބީޗްހައުސްއިން ނުކުމެގެން ގެސްޓްހައުސްއާ ދެމެދު އަޅާފައި ހުރި ގާތައްމަތިން ފައިސަލް އަންނާތީ ދުށީމެވެ. މުށިކުލައިގެ ސޯޓަކާއި އަތްކުރު ހުދު ޓީޝާޓެއްގައެވެ. ރަސްމީ ހެދުމެއްގައި އޭނާ ފެނުމަކީ ނާދިރުކަމެކޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންނާ އަރާ ހަމަކޮށް ދާން ރެޑީތޯ ފައިސަލް އަހާލިއެވެ. އަހަރެން ބޯޖަހާލާފައި ތެދުވެ ފައިސަލްއާ އެކީ ހިނގައިގަތީމެވެ.

"އިތޫ ގެންނަންތަ ބާބިކިއުއަށް... އިތޫ އެކަނި." ފައިސަލް ކާރު ދުއްވާލި ވަގުތު އަހަރެން އަހާލީމެވެ.

"އާނަ ވަރަށް ބޭނުން ދޯ." އަހަންނަށް ބަލާނުލާ އިރުކޮޅަކު އިނދެފައި ފައިސަލް ބުންޏެވެ.

"ހޫމް. އަސްލު މިކޮޅަށް އާދެވުނީ އިތޫގެ ސަބަބުން. އަހަރެން އިންޖޯއިކުރާއިރު އޭނާ ވެސް ބައިވެރިކުރާ ހިތްވީ. އަހަރެން މިކޮޅަށް އައީ އަހަރެންގެ ޗުއްޓީ އެއްކޮށް އިތޫއާއެކު ސްޕެންޑްކުރާން ނިންމައިގެން." އަހަރެން ބުނީމެވެ.

"އެންމެ ރަނގަޅު." ފައިސަލް ބުންޏެވެ.

ރަށުތެރެ ދައްކާލަން ފަޒީލާއެކު ނުކުތްއިރު ނުފެންނަ އެތައް ތަނެއް ފައިސަލްއާއެކު ނުކުތުމުން ފެނުނެވެ. ކާރުން ފައިބައިގެން ހިނގާފައި ވެސް އަހަރެމެން ވަރަށް ގިނަ ތަންތަނަށް ދިޔައީމެވެ. ވާގަނޑުތެރޭގައި އޮތް ކަނޑޫފާ ވެސް އަހަރެން ދުށީ އަލަށެވެ. މީހުން ދިރިއުޅޭ ސަރަޙައްދާ ވަރަށް ދުރަށް އަހަރެމެން އައީމެވެ. މަރުފަދަ ހިމޭންކަމުގެ ތެރެއިން ރާޅުމުގުރާ އަޑު އިވިއިވި ހުރި ފުއްޓަރު ފަރާތުގައި ހުރި ބޮޑެތި ގާތަކުން ގަލެއްގެ މައްޗަށް އަހަރެން އެރީ ފައިސަލްގެ އެހީގައެވެ. އޭނާ އެއްގާމަތިން އަނެއްގަލަށް ފުންމާލާއިރު ނުހަނު ފަރިތައެވެ. ފައިސަލް ލައްވާ އަހަރެންގެ ފޮޓޯއެއް ނެގުވީމެވެ. ހުރިހާ ފޮޓޯއެއް ވަގުތުން ޢާއިލާގެ ގުރޫޕަށް އަހަރެން ލަމުންދިޔައީމެވެ. ޔަގީނުން ވެސް މަންމަ ބަލާނެކަން އެނގޭތީއެވެ. މަޖާ ހިތްހަމަޖެހޭ ވަގުތުކޮޅަކަށް ފައިސަލްއާއެކު ހޭދަވި ވަގުތުތައް ވިއެވެ. ރަށުގައި ހިންގާ އެމީހުންގެ ދެ ފިހާރައާއި އޭނާގެ މަންމަ ދިރިއުޅޭ މުސްކުޅިގެ ދައްކާލަން އަހަރެން ގެންދިޔައެވެ. އެކަމަކު އެތަންތަނަކަށް އަހަރެމެން ނުއެއް ވަންނަމެވެ. އެންމެ މަޖާވީ ވަލުތެރޭގައި ހުރި ޖޯލިފައްޗެއް ދައްކާފައި އެއީ ރަށުގެ ޒުވާން ޖޯޑުތަކުގެ މައިޒާންކަން ފައިސަލް ބުނި ގޮތުންނެވެ. އެކަހަލަ ސިއްރު މައިޒާންތައް އެ ނޫނަސް ހުންނާނޭ ފައިސަލް ބުންޏެވެ. އެކަމަކު މުޅީން ވެސް ހުންނާނީ ރަށުގެ މީހުން އާންމުކޮށް ގޮސް ނޫޅޭ ހިސާބުތަކުގައިކަން ބުންޏެވެ.

"ފައިސަލް ވެސް ބިޓުން ގޮވައިގެން އައިސް އުޅެނީ މިތަންތަނަށް ދޯ. އެހެންވެ ތިހާ ރަނގަޅަށް އެނގޭނީ." އަހަރެން ބުނެލީމެވެ.

"އަދި ނުވޭ އަހަންނާއެކީ މިކަހަލަ ތަނަކަށް އަންނާނެ ކުއްޖަކު." ހީނލާފައި ފައިސަލް ބުނެލިއެވެ.

"ދެން ނުވާނެ އަންހެންކުއްޖަކަށް ބަލާލާ ކަމަށް ވެސް." އަހަރެން ދިމާކޮށްލީމެވެ. ފައިސަލް ރަކިވެ ލަދުގަންނާނޭ ހިޔެއްނުކުރަމެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ހިނިއައިސްފައި ހުރީއެވެ.

މެންދުރަށް ގެސްޓްހައުސްއަށް އެނބުރި އައުމުގެ ކުރީން ރަށުތެރެއިން ޖޫސްޕެޓީ ވިއްކާކަމަށް ޖަހާފައި ހުރި ގެއެއް ފެނި އެ ގަންނަން އަހަރެން ފައިސަލް ކައިރީ ކީމެވެ. ޖޫސްޕެޓީއެއް ބުއި ހަނދާނެއް ވެސް އަހަރެން ނެތެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީމަ ބޯލާހިތްވީ އެހެންވެއެވެ. ކާރުގައި އަހަރެން ބައިދާފައި ފައިސަލް އައީ ޖޫސްޕެޓީ ގަނެދީގެންނެވެ. ފޮނިކަމުން ގެރިކިރު ދަޅެއް ބޯލުމެކޭ ތަފާތެއްނެތެވެ. އެހެންވިޔަސް އެހާ މީރުވީ ފޮނިގަދަވީމައެވެ.

މެންދުރުގެ ކެއުމަށް ފައިސަލް ތައްޔާރުކުރީ ސްޕެގެޓީއެވެ. އަހަރެމެން ކާންތިބީ ގެސްޓްހައުސްއާ ވަކިން ހުރި ބާބިކިއު ގްރިލް ބަހައްޓާފައިވާ ހަޓުގައެވެ.

"މިތާ އަލިފާން ރޯވި ވާހަކަ އަޑުއެހިން." އަހަރެން ކާން އިނދެ ބުނީމެވެ.

"ތެދެއް އެއީ." ފައިސަލް ބުންޏެވެ. އެހެން ބުނިއިރު އެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.

"އާދަޔާ ޚިލާފުކަމެއް އެކަމުގެ ފަހަތުގައިވެޔޭ މީހުން ކިޔަނީ ކީއްވެ." އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ.

"އާދަޔާ ޚިލާފުވީމަ." ފައިސަލްގެ އަޑުގައި ހާސްކަމެއް ނެތެވެ. އޭނާ ބުނެލީ ނިކަން އާދައިގެ ކަމެއްހެންނެވެ.

"ކިހިނެއް؟." އަހަރެން އަހާލީމެވެ.

"ހޮނުއަޅައިގެން ރޯވި ރޯވުމެއް އެއީ. އިންސާނީ ޠަބީޢަތް އެއީ ހަޤީޤަތަށްވުރެ ކަންކަން ބޮޑުކުރުން. ރަށުތެރޭން އަދި ތިކަހަލަ ކިތަންމެ އަޑެއް އިވޭނެ." ފައިސަލް ބުންޏެވެ. އޭނާ އެފަދަ ކަންކަމާ ހާހެއްނުވެޔޭ ބުނާ ކަހަލައެވެ. އެވެސް ފަޒީލާއި އޭނާގެ ވިސްނުމުގައި ހުރި ތަފާތުކަމެއްކަން ފާހަގަވިއެވެ. ފަޒީލު ރަށު މީހުން ކުށްވެރިކުރާއިރު ފައިސަލް އެކަންކަމާ ވިސްނަން ބޭނުންނުވާ ކަހަލައެވެ.

"އާނަ ކީއްވެ ސިންގަލްކޮށް ހުންނަނީ. އަހަރެން ގޮތަށް ރައްޓެހިވާން ނުކެރިފަތަ. އެކަމަކު އެހެންވެދާނޭ ހިތެއް ނުބުނޭ." ކައި ނިމިގެން ފައިސަލް ގޮނޑީގައި ހަށިގަނޑު ދަމާލައިގެން އިނދެ ވާހަކަދެއްކިއެވެ. އޭނާ އެ ބުނި އެއްޗަކާމެދު ފުންކޮށް އަހަރެންނަށް ވިސްނާލެވުނެވެ. ފައިސަލް ކުއްޖަކާ ރައްޓެހިނުވެ އެ ހުންނަނީ އޭނާގެ އެ ހިތްވަރު ނެތިގެންބާއެވެ. ފައިސަލް ދެންމެ އެ ބުނި ވާހަކައިން އަހަރެންނަށް ދޭހަވީ އެފަދައިންނެވެ.

"ރައްޓެހިވީން. ވޯކްއައުޓް ނުކުރީމަ ބްރޭކްއަޕްވީ." އަހަރެން އިސްޖަހާލައިގެން އިނދެ ބުނީމެވެ. އަހަރެންގެ ޚިޔާލުތަކުގައިވީ ޒިޔާނެވެ. އަހަރެންގެ ހަޔާތަށް އައި ހަމައެކަނި ބައިވެރިއަކީ އެއީއެވެ. ރައްޓެހިވާން ކުދީން އަހައެވެ. ނަމަވެސް ޒިޔާންއަކީ އަހަރެންގެ އިޚްތިޔާރެވެ. އަހަރެންގެ ހޮވުމެވެ.

"ކީއްވެ ވޯކްނުކުރީ." ފައިސަލް އަހާލިއެވެ.

"ވަފާތެރިކަން ނެތީމަ. ހަޤީޤީ ލޯތްބެއް ވެވުނުނަމަ ވަފާތެރިކަން ދެމިއޮތީސް." އަހަރެން ބުނީމެވެ. ހިތުގައި ރިއްސާލިއެވެ. އެހެންވިޔަސް ފައިސަލްއާ ޚިއްޞާ ކުރާން މިފަހަރު އަހަރެން ޖެހިލުމެއްނުވިއެވެ.

އިތުރަށް ފައިސަލް ސުވާލެއް ނުކުރިއެވެ. އޭނާ އަބްދުލްއަށް ގުޅާފައި ތަށިތައް ގެންދަން ބުންޏެވެ. އަދި އެއަށްފަހު އަހަރެން ކައިރީ ބުނީ މޫދަށް އެރެން ތައްޔާރުވެގެން އައުމަށެވެ. މިފަހަރު އަހަރެން ވެސް އައީ ސޯޓުބުރިއަކާއި ޓީޝާޓެއް ލައިގެންނެވެ. އަހަރެން އައިއިރު ފައިސަލް ވެސް ހުރީ އެއްޗެހި ބަދަލުކޮށްލައިގެންނެވެ. ލާފައި ހުރި ކޮނޑުކެނޑިން އޭނާގެ ދެއަތް ހާމައަށް އޮތްއިރު އަތުގެ މަސްތައް ވަރުގަދައެވެ. ހަށިގަނޑުގެ ހުރަހަށް ދަބަހެއް އަޅުވާލައިފަ އޮތެވެ. އަދި އޭނާގެ އަތުގައި ޕްލާސްޓިކު ފޮށްޓަކާއި ދެ ދޮށި އޮތެވެ. އަހަރެމެން އަތިރިމައްޗަށް ފޭބީމެވެ.

"އާނަ މަޑުކުރޭ. ޑިންގީ ކައިރިކޮށްލާނަން." މިހެންބުނެ ފައިސަލް މޫދަށް ފައިބައިގެން ދިޔައެވެ.

އުނަގަނޑާ ހަމައަށް މޫދަށް އެރި ހުރި ފައިސަލް ޑިންގީ އައްސާފައި އޮތް ވާ މުހޮލާފައި ގޮނޑުދޮށާ ޑިންގީ ކައިރިކޮށްލިއެވެ. އަދި އަހަރެން އެއަށް އަރުވާފައި އޭނާ އެރިއެވެ. ހުންގާނުސަރަކަ ކައިރީއާއި ފަހަތުން އިންޖީނު ކައިރީ އިށީނދެވެން ސީޓު ހަދާފައި ހުއްޓެވެ. ފައިސަލް އަހަރެން ގެނެސް ބެހެއްޓީ އޭނާގެ ކައިރީގައެވެ. ހުންގާނުސަރަކައިގައި އޭނާ ހިފަހައްޓާލައިގެން ކޮޅަށް ހުރިއިރު އެތަނުގައި ހުރި ސީޓުގައި އަހަރެން ބޭންދިއެވެ. ދެ މީހުންނަށް އެ ގޮނޑީގައި ތިބެވޭނެއެވެ. އެހެންނަމަވެސް ޖެހިފިތިގެންނެވެ. ފައިސަލް ކޮޅަށް ހުންނަން ނިންމީ އެހެންވެ ކަންނޭނގެއެވެ.

"އަހަންނަށް ފަތާކަށް ނޭނގޭ." ފައިސަލްގެ ބުރަކަށިން ކޮނޑުކެނޑީގައި ހިފާލަމުން އަހަރެން ބުނެލީމެވެ.

"އަހަންނަށް އެނގޭ. އެހެންވީމަ ހާސްނުވޭ." ފައިސަލް ބުންޏެވެ.

ޑިންގީ ފަޅުން ބޭރަށް ނުކުންނަން ފެށުމުން އަހަރެން ކަންބޮޑުވިއެވެ. އޮފީހުގައި ބާއްވާ "ނައިޓްފިޝިން" ދަތުރު ތަކުގައި އަހަރެން ބައިވެރިވަމެވެ. އަހަރެންހެން ފަތަން ނޭނގޭ ދެތިން މީހުން އުޅޭނެއެވެ. އަހަރެމެން ތިބޭނީ ލައިފްޖެކެޓް އަޅުވާފައެވެ. އަދި މަސްބާނަން ނޭނގުނަސް އެންކޮޅުލާފައި އެއްލާފައި އޮންނަ ކަންވާރުގައި ހިފަހައްޓާލައިގެން އިންނަން އަހަރެންނަށް އެނގެއެވެ. އެފަދަ ދަތުރުތަކުގައި އަހަރެން މަސްބާނަނީ އެހެންނެވެ. ދުވަހަކުވެސް ދޮށީގައި މަހެއް ބާނާފައެއް ނުވާނެއެވެ. ޖެހިލުންވެފައި އިނީތީ އަހަންނަށް ފައިސަލްގެ އަތުން ދޫކޮށެއް ނުލެވުނެވެ. ޑިންގީ ހުއްޓާލާފައި އޮތް އިރު ވެސް ރާޅާ ޖަހާތީ އަހަރެންގެ ހަމަގެއްލި ވެއްޓިދާނޭތީ ބިރުން ފިޔަވަޅެއް އަޅަން ވެސް ހުރީ ނުކެރިފައެވެ. ނަމަވެސް ފައިސަލް އަހަރެން ގެނެސް އިންޖީނު ކައިރީ ސީޓުގައި ބޭންދިއެވެ. އޭނާ ދޮށިތައްޔާރު ކުރިއެވެ. ދޭތެރެއަކުން އަހަރެންނަށް ބަލާލާފައި މަޖާ އެއްޗެއް ބުނެ ހީނލައެވެ. އަހަރެމެން ތިބި ހިސާބުން ރަށުގެ ގޮނޑުދޮށް ފެނެއެވެ. އަހަރެމެން ފޭބި ދިމާގައި މީހަކު ހުރިތަން އަހަރެން ދުށީމެވެ. ދުރުވީމާ ސިފަވަކިކުރަން ނޭނގުނަސް އަންހެނެކޭ ހިތްބުންޏެވެ. ބޮޑު ހެދުމެއް ވިހުރުވޭހެން ހީވާތީއެވެ.

"އެހެރީ ކާކު." އުޑުފައި އަހަރެން ކައިރީ އިނދެ ދޮށިތައް ތައްޔާރު ކުރަމުންދިޔަ ފައިސަލްއާ ސުވާލުކުރީމެވެ. އޭނާ އެ އިންގޮތަށް އިނދެ އެނބުރިލިއެވެ. އަހަރެން ބަލަން އިން ދިމާލަށް އޭނާ ވެސް ބެލިއެވެ.

"ކޮބާ." ފައިސަލް ބުންޏެވެ.

"އަންހެނެއް ކަންނޭނގެ." އަހަރެން ބުނީމެވެ. އެކަމަކު ހައިރާންވާން ޖެހުނީ ފައިސަލްއާ ނަޒަރު ސީދާކޮށްލާފައި ދެން ބަލާލަންވީއިރު ގޮނޑުދޮށުގައި އެކަކު ވެސް ނެތީމައެވެ. އެވީގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ.

"ކޮންތާކަށް އެ ދިޔައީ." އަހަރެންނަށް އެ ދިމާއަށް ގެއްލި އިނދެ ބުނެވުނެވެ.

"އެވާނީ އަބްދުލް ނުކުމެ ހުރީކަމަށް." ފައިސަލް ބުންޏެވެ. އަދި އޭނާ ތެދުވެ ނިކަން ފަރިތަކަމާއެކު ދޮށި އުކިއެވެ. ދެން އަހަރެންގެ އަތަށް ދޮށި ދިއްކޮށްލިއެވެ. މަހެއް ހިފުމުން ރީލު އަނބުރާނެ ގޮތް އޭނާ ކިޔާދިނެވެ. އެހިސާބުން ގޮނޑުދޮށުން އެ ފެނުނު މީހެއްގެ މަތިން އަހަރެމެން ހަނދާންނައްތާލީއެވެ.

އަހަންނަށްވުރެ ކުރީން ފައިސަލް މަހެއް ބާނައިފިއެވެ. އޭނާ ފޮނިވެލިގޮތުން އަހަރެން ކައިރިޔަށް ހިނިއައެވެ. އަހަރެން ވެސް މަހެއް ބާނަން ބޭނުންވެ ފައިސަލްގެ ގައިގާ ހިފަހައްޓައިގަނެގެން ތެދުވީމެވެ. ހަށިގަނޑު އެއްހަމައެއްގައި ހިފެހެއްޓިއްޖެހެން ހީވުމުން ފައިސަލްގެ އަތުން ދޫކޮށްލާފައި ދޮށީގައި ދެއަތުން ހިފާލީމެވެ. އަހަރެންނަށް ފާހަގަވީ ރާޅާ ޖަހަޖަހާ އޮތް ޑިންގީއަށް ލޮޅުން އެރުން ކެނޑިއްޖެކަމެވެ. އެކަމަކު ފައިސަލްއަށް އެކަން ފާހަގަވީހެން ހިޔެއްނުވެއެވެ. ވައިރޯޅި ހިނދި ކަނޑުގައި ބާންޏެއްނެތި އޮމާންވެފައި އޮތެވެ. ފައިސަލްގެ ދޮށީގައި މަހެއް ޖެހުމުން އޭނާގެ ސަމާލުކަން ހުރީ އެކަމަށް ދެވިފައެވެ. އަހަރެން އަޖައިބުވެފައި ލޮނުގަނޑަށް ބަލާލީމެވެ. ކުއްލިއަކަށް އެހާބޮޑު ބަދަލެއް އަތުވެދާނެބާއޭ ހިތާ ސުވާލުކުރެވެނީއެވެ. ލޮނުގަނޑުތެރެއިން ކުދި ބޮކިތައް އަރާތީ އަހަރެން ދުށީމެވެ. މަޑުމަޑުން އެއްޗެއް ތިލަވަމުން އައެވެ. ކޯއްޗެއްކަން ވަކިވާވަރަށް ތިލަވީހިނދު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެވުނީތީ އަހަރެންގެ ހަމަގެއްލި އަރި ވެސް އަޅާލައިފިއެވެ. ފައިސަލްއަށް ބާރަށް ގޮވާލީމެވެ. ނަމަވެސް ބޯކޮޅުވަތަށް އަހަރެން ކަނޑަށް ވެއްޓުނީއެވެ. އެއާއެކު ހީވީ ލޮނުގަނޑުގެ އަޑިން މީހަކު އަހަރެންގެ ދެފައިގައި ހިފީހެންނެވެ. އަހަރެން އަޑިއަށް ދާންފެށީއެވެ.

(ނުނިމޭ)