ދުނިޔެ

ޔުކްރޭންގެ މަސްލަހަތު ބޯޑަރުން ބޭރުގައި ވެސް އޮންނާނެ: އިނގިރޭސިވިލާތް

ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދިން ޑްރޯން ހަމަލާތަކެއްގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓްތަކަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ. މިއީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިއާގެ އިމަށް ބަޔަކު ވަދެ ދިން އެންމެ ގަދަފަދަ ހަމަލާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މޮސްކޯގެ ވެރިން ބުނާ ގޮތުން މިހަމަލާ އަކީ ވެސް ޔުކްރޭންގެ ރޭވުމެކެވެ. ޔުކްރޭނަށް ވާގިވެރިވާ އިނގިރޭސިންނާއި އެމެރިކާއިން ވެސް މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ވެސް ވަނީ ބުނެފަ އެވެ.

މިއީ އުކްރޭނުން ދިން ހަމަލާއެއް ކަމަށް ކީޔެވް އިން އިގުރާރު ނުވި ނަމަވެސް، އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖޭމްސް ކްލެވާލީ ވަނީ މޮސްކޯއަށް ހަމަލާދިނީ ޔުކްރޭން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ.

ޖޭމްސް ކްލެވާލީ ވިދާޅުވި ގޮތުގައި ޔުކްރޭންގެ މަސްލަހަތު އޮތީ ހަމައެކަނި ބޯޑަރު ކަނޑައެޅި ރޮނގުދަމާފައި އޮތް ހިސާބުގައެއް ނޫނެވެ. އޭނާ އެ ވިދާޅުވަނީ މޮސްކޯއަށް ހަމަލާދިނުމަކީ ވެސް ޔުކްރޭނަށް ލިބިގެންވާ ސައްހަ ހައްގެއް ކަމަށެވެ.

ޔުކްރޭންގެ މަސްލަހަތު މޮސްކޯގައި އޮތުމުން އަމިއްލަ ގައުމުގެ ދިފާއުގައި ރަޝިއާ ފަސްގަނޑަށް ހަމަލާދެވިދާނެ ކަމަށް ކްލެވާލީ ވިދާޅުވި ނަމަވެސް، މޮސްކޯ ބުނާ ގޮތުން ހުޅަނގާ ގުޅިގެން ޔުކްރޭނުން މިހާރު ދަނީ ޓެރަރިސްޓް ހަރަކާތްތައް ހިންގަމުންނެވެ.

ރަޝިއާގެ އިމަށް ކޮންމެ ހިސާބަަކަށް ހަމަލާދިން ނަމަވެސް ބަލާނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް މޮސްކޯ އިން ވަނީ ބުނެފަ އެވެ.

ކްލެވާލީ ވިދާޅުވި ގޮތުގައި ބޯޑަރަށް ވުރެ ދުރަށް -- އެހެން ގައުމަކަށް ހަމަލާދިނުމަކީ، އަމިއްލަ ގައުމުގެ ދިފާއުގައި ދެވޭ ހަމަލާއެއް ނަމަ އެއީ ބައިނަލްއަގްވާމީ ގާނޫނުތައް ހުއްދަކުރާ ކަމެއް ކަމަށެވެ. އެހެންކަމުން، ޔުކްރޭނުން މޮސްކޮއަށް ދިން ހަމަލާ އަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް އިނގިރޭސިވިލާތް ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ އުދުވާނީ ހަމަލާތައް ދެމުން ގެންދާއިރު، ޔުކްރޭން ސިފައިންނަށް ރަޝިއާއަށް ހަމަލާނުދެވޭންވީ ސަބައެއް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ކްލެވާލީ ވިދާޅުވި އެވެ.

މޮސްކޯއަށް ދިން ހަަމަލާގައި ކިޔޭވް އިން އަށް ޑްރޯން ބޭނުންކުރި ކަމަށް ރަޝިއާ ބުނެ އެވެ. އޭގެ ތެރެއިން ފަސް ޑްރޯނެއް ވައްޓާލައި ހަމަލާގެ ބާރު ދަށްކުރުވި ކަމަށްވެސް ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

ބިމަށް ވައްޓާލި ފަސް ޑްރޯން ވައްޓާލީ ސިގްނަލް ޖޭމްކޮށްގެން ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.