އާބަންކޯ

ރާއްޖޭގެ އެންމެ ބޮޑު ފުޑް ކާނިވަލް އަންނަ މަހު ބާއްވަނީ

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް -- އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށް އޮތް ޖޫން މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ޖޫން 20 އިން 24 އަށް ހުޅުމާލެ ސެންޓްރަލް ޕާކް ގައެވެ.

ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބޭއްވޭ ކާނިވަލެކެވެ.

އާބަންކޯ އިން ބުނީ މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

ކާނިވަލުގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯ އެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ތިންކް އެސޯސިއޭޓްސް އާއި އާބަންކޯއިން ސޮއިކޮށްފަ އެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި ތިންކް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދީލް އިސްމާއިލް އެވެ.