ފިނިޕޭޖް

ވަޅިއެއް ހިފައިގެން ވަދެ ބެނެޑިކްޓްގެ ގެއަށް ގެއްލުން ދީފި

މާވެލްގެ ސިނަމެޓިކް ޔުނިވާސްގެ "ޑރ. ސްޓްރޭންޖް" ބެނެޑިކްޓް ކަމްބާބެޗްގެ ގެއަށް މީހަކު ވަޅިއެއް ހިފައިގެން ވަދެ އެގެއަށް ގެއްލުންތަކެއް ދީފި އެވެ.


އޭރު ބެނެޑިކްޓް، 46، އާއި އަންހެނުން ސޯފީ އާއި ތިން ކުދިން ތިބީ ގޭގައެވެ.

ބެނެޑިކްޓްގެ ގެއަށް ހަމަލާދިނީ މޭފެއާ ހޮޓެލްގައި ޝެފެއްގެ ގޮތުގައި 2020 އާ ހަމައަށް މަސައްކަތްކުރި ޖެކް ބިސެލް، 35 އެވެ.

ޖެކް ވަނީ ބެނެޑިކްޓްގެ ގޭގެ ދަނގަޑު ގޭޓުގައި ފައިން ޖަހައި ގޯތިތެރެއަށް ވަދެފަ އެވެ. ޖޯން ދެން ބަގީޗާގައިވާ ގަހެއް އުފުރާލައިވާ އެއްލާލައި "އަހަރެންނަށް އެނގޭ މިގެއަށް ބަދަލުވީކަން. މިތަން އަނދަންދޭ" ގޮވަމުން އިންޓަކޮމްއަށް ކުޅު ޖަހައި، ވަޅިއަކުން އެ ނައްޓާލާފައިވެ އެވެ. އެގެއާ ދިމާލަށް ދިއުމުގެ ކުރިން ބޭކަރީއަކަށް ގޮސް ޕީޓާ ބްރެޑް ގަނެ، އެގޭ އަންދާލަންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕޮލިހުން އޭނާ ހައްޔަރުކޮށްފައިވަނީ އިންޓަކޮމްއަށް ޖެހި ކުޅުން ޑީއެންއޭ ނަގައި ޓެސްޓުކޮށްގެންނެވެ.

ކޯޓުގައި ޖެކް ވަނީ އޭނާގެ ކުށަށް އިއުތިރާފް ވެފަ އެވެ. އަދި 250 ޕައުންޑުން ޖޫރިމަނާކޮށް ކޯޓުން ވަނީ ތިން އަހަރު ވަންދެން ބެނެޑިކްޓް އާއި އޭނާގެ އާއިލާ އަދި އެމީހުން ދިރިއުޅޭ ހިސާބަށް ދިއުން މަނާކޮށް، ރެސްޓްރޭނިން އޯޑާއެއް ނެރެފަ އެވެ. ޖެކް، ބެނެޑިކްޓްއަށް އަމާޒުކޮށް މިފަދަ އަމަލެއް ހިންގާފައިވަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި ކޯޓުގައި ޖެކް އަމިއްލަ ދިފާއުގައި އެއްވެސް ވާހަކައެއްވެސް ދައްކާފައެއް ނުވެ އެވެ.

ޖެކް އަށް ބެނެޑިކްޓްގެ ގޭގެ އެތެރެއަށް ނުވަދެވުނު ނަމަވެސް ބެނެޑިކްޓްގެ ދެމަފިރިން ތިބީ ބޮޑު ބިރެއްގައެވެ. އަދި މިފަދަ ކަމެއް އަނެއްކާވެސް ހިނގާފާނޭ ކަމުގެ ބިރާ ހެދި ނުނިދެ އެވެ. ބެނެޑިކްޓް އާއި ސޯފީ އެގެއަށް ބަދަލުވެފައިވަނީ 2015 ގައެވެ.

ޖެކް އަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން ވައްކަންކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، އާންމު ތަންތަނުގައި ސުލްހަ ގެއްލުވުމުގެ ކުށުގެ ތުހުމަތުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޒާރު ދިން މައްސަލަ އެއްވެސް އޮވެެ އެވެ.

ބީބީސީގެ "ޝާލޮކް"ގައި ޝާލޮކް ހޯމްސްގެ ރޯލުން މަޝްހޫރުވި ބެނެޑިކްޓް އަކީ ފިލްމް އަދި ތިއެޓާ އެކްޓަރެކެވެ. ޕްރައިމްޓައިމް އެމީ އެވޯޑާއި ދެ ބަފްޓާ އެވޯޑާއި ހަތަރު ގޯލްޑަން ގްލޯބް އެވޯޑް އާއި ދެ އެކަޑަމީ އެވޯޑް ނޮމިނޭޝަންސް ފަދަ ކާމިޔާބީތައް ހޯދާފައިވާ ބެނެޑިކްޓްގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ހޯކިން"، "އިމިޓޭޝަން ގޭމް"، "އެޓޯންމަންޓް"، "ދަ ޕަވާ އޮފް ދަ ޑޯގް"، "12 އިޔާސް އަ ސްލޭވް"، "1917" ފަދަ ފިލްމުތައް ހިމެނެ އެވެ.