ފަހި ދިރިއުޅުން ކޯޕަރޭޝަން

އެފްޑީސީ 1،200 ފްލެޓްގެ ފިނިޝިން މަސައްކަތް ފަށައިފި

މި ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން އަޅަމުންގެންދާ 1،200 ފްލެޓެއްގެ ފިނިޝިން މަސައްކަތް ކުރިއަށްދާ ކަމަށް އެފްޑީސީން ބުނެފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހްމަދު ޝަމޫލް އަބްދﷲ ވިދާޅުވީ މިހާރު ފިނިޝިންގެ މަސައްކަތް ކުރިއަށްދާ ފްލެޓްތަކަށް މިއަހަރުގެ ތެރޭގައި މީހުންނަށް ވަދެވޭނެ ކަމަށެވެ. މި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކުރިއަށް އޮތް ޖޫން މަހު އިއުލާންކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

"ފިނިޝިން މަސައްކަތް ހިނގަމުންދާތީ ފްލެޓްތައް ނިމޭއިރު ދޮރުތަކާއި، ލައިޓްތަކާއި، ފަންކާތައް ހަރުކޮށް، ތަށިމުށި ޖަހައި، ކުލަލުމުގެ މަސައްކަތް ނިންމާ، ފާޚާނާ ފިޓިންގްސް ފުރިހަމަކުރުމާއި، ފިނިޝިންއާ ގުޅޭ އެހެން މަސައްކަތްތައް ވެސް ހުންނާނީ ނިމިފައި،" ޝަމޫހް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފިނިޝިން މަސައްކަތް ކުރަމުންދާ ފްލެޓްތައް ލިބޭ މީހުންނާ އެ ތަންތަން ހަވާލުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ވަރަށް ގިނަ އިދާރީ މަސައްކަތްތައް ކުރަން ހުރި ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރުމަށް އިންޓާންޝިޕަށް ހޯދާފައިވާ ކުދިންނާ އެކު ކުރިއަށް އޮތް ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުންދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

މިއީ މިސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ.

ކޮންމެ ޓަވަރެއް ވެސް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެ އެވެ.

މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވެ އެވެ.