ފަހި ދިރިއުޅުން ކޯޕަރޭޝަން

އެފްޑީސީގެ 4،000 ފްލެޓް ލިބޭ މީހުންނާއެކު ނޮވެމްބަރު 17ގެ ކުރިން ސޮއިކުރަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުންނާ އެކު ވެރިކަމުގެ މިދައުރު ނިމުމުގެ ކުރިން ސޮއިކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެގޮތުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓް ލިބޭ މީހުން ޕްލޭނިން މިނިސްޓްރީން އަދި ތަރުތީބުކޮށްފައެއް ނުވެ އެވެ.

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓަށް ސަރުކާރުން ހުޅުވާލުމުން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަމުންދާ 4،000 ފްލެޓް ހިމެނޭ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި ހަތަރު ޓަވަރުގެ ފިނިޝިން މަސައްކަތުގެ 60 ޕަސަންޓް ނިިމިފައިވާ ކަމަށެވެ. ފްލެޓް ހަވާލުކުރަން ނިންމާފައިވަނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު އެވެ.

ނިމުމުގެ މަރުހަލާގައިވާ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމާ އެކު އެެ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި މިހާރު ނިންމުމުގެ އެކި މަރުހަލާތަކުގައިވާ ފްލެޓްތަކުގެ އިތުރުން، އިތުރު 4،000 ފްލެޓް އެޅުމަށްވެސް މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ އެކު އެ ކޯޕަރޭޝަނުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެފްޑީސީ އިން ކުރިއަށް ގެންދާ މިމަޝްރޫއު ކޭޕީއައިއެލްއާ ހަވާލުކުރީ 37 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަަމަވެސް މި ފްލެޓްތަކަކީ ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ފްލެޓްތަކެއް ކަމަކަށް ސަރުކާރުން އަދި ބުނެފައެއް ނުވެ އެވެ.