ކޮމަންޑޫ

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން އާރްސީސީއާ ހަވާލުކޮށްފި

May 31, 2023

ށ. ކޮމަންޑޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 30 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އަށެވެ.

އާރްސީސީ އިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު 300 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 40.9 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހިމަނާފައިވާ 1.5 ބިލިއަން ރުފިޔާގެ ތެރެއިންނެވެ.

ކޮމަންޑޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ އެވެ. މިތަންތަން ހެދުމަށް ނިންމާފައިވަނީ ކޮޓަރިތަކާއި، ފާޚާނަތަކާއި، ސިޓިން ރޫމު، ބަދިގެ، ކާގެ، ލޯންޑަރީ ސްޓޯ ރޫމު ހިމަނައިގެން ކޮންމެ ތަނެއްގައި ކޮންމެވެސް ވަރެއްގެ ހުސް ޖާގައެއް ވެސް ހިމަނައިގެންނެވެ.