ރާއްޖޭގެ އާބާދީގެ 25.7 ޕަސަންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
އެޗްޕީއޭގެ ބައިވެރިވުމާ އެކު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ނެގުނު ތަފާސްހިސާބަތަކުން 25.7 ޕަސަންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. މިއީ މުޅި ރާއްޖޭގެ އާބާދީ އަށް ބަލާއިރު ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކެވެ.
ރާއްޖޭގެ އާބާދީގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ 30 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންނެވެ.
ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން ބެހިފައިވާ ގޮތް
- 35.6 ޕަސަންޓް ފިރިހެނުން
- 7.6 ޕަސަންޓް އަންހެނުން
- 48 ޕަސަންޓް ފިރިހެން ކުދިން (13 އަހަރާއި 15 އަހަރާ ދެމެދު)
- 43.2 ޕަސަންޓް އަންހެން ކުދިން (13 އަހަރާއި 15 އަހަރާ ދެމެދު)
ސިނގެރޭޓް ދުމުގެ އަސަރު ކައިރީގައި ތިބޭ މީހުންނަށް ކުރާނަމަ، އެ މީހުންނަށްވެސް އެކަމުގެ ސަބަބުން ތަފާތު ގެއްލުންތަކާއި ބަލިތައް ތަހައްމަލް ކުރަންޖެހެ އެވެ. އެގޮތުން މިފަދަ ގެއްލުން ތަކަށް ގޭތެރޭގައި ހުށަހެޅިގެންދާ މީހުން 24.9 ޕަސަންޓަށް އަރާއިރު، ބޭރުތެރޭގައި 47 ޕަސަންޓް މީހުންނަށް މި މައްސަލަ ދިމާވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
ކުޑަކުދިންގެ މެދުގައި މަޝްހޫރު ވެފައިވާ އީ-ސިނގެރޭޓް ނުވަތަ ވޭޕް، 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން 17.1 ޕަސަންޓް ބޭނުންކުރަން ފަށާފައިވާ ކަންވެސް ތަފާސްހިސާބުތަކުން ހާމަވެ އެވެ.
ސިނގަރޭޓަކީ އޭގައި ސިއްހަތަށް ގެއްލުން ހުރި އެތައް މާއްދާތަކެއް އެކުލެވޭ ނުރައްކާތެރި އެއްޗެކެވެ. އެގޮތުން ބެޓަރިއާއި ލައިޓަރާއި ދަވާދު އަދި މަދިރި ބޭހުގައި ހިމެނޭ އެތައް ވިހަ ކެމިކަލެއް ސިނގިރެޓްގައި ހިމެނެ އެވެ. ނަމަވެސް ސިނގެރެޓާއި ދުންފަތުގެ އެކި ބާވަތްތައް އަދިވެސް ދަނީ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެކުރަމުންނެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެތެރެކުރެވުނު ދުންފަތުގެ ބާވަތްތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން އެތެރެކޮށްފައިވަނީ:-
- 474،054،419 ބިޑި، ސިގަރެޓް
- 11،467،398 އީ-ސިގަރޭޓް ނުވަތަ ވޭޕް
- 872،206 ޝީޝާގެ ވައްތަުރުތައް
ސިނގިރެޓާއި ދުންފަތަކީ ރާއްޖޭގައި އެންމެ ގިނަ މީހުން މިހާރު މަރުވާ އެއް ބަލި ކަމަށްވާ ކެންސަރަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ އެކައްޗެވެ. އަދި މި ނޫނަސް ނުރައްކާތެރި އެތަކެއް ބަލިތަކަކާ ވެސް ސިނގެރެޓާ ގުޅުންވެ އެވެ.