އެންސީއައިޓީ

ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރަން އެންމެންނަށް ފުރުސަތު ހުޅުވާލައިފި

ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ ފުރުސަތު އާންމުކޮށް އެންމެންނަށް މިއަދު ހުޅުވާލައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހު ހަފްތާގެ ތެރޭގައި "ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ޓެސްޓްކުރަން 530 މީހަކަށް އޭރު ފުރުސަތު ހުޅުވާލި އެވެ. އެކަމަކު އެއީ ހަމައެކަނި އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތެކެވެ. ނަމަވެސް މިއަދު އާންމުކޮށް ހުޅުވާލީ އައިއޯއެސް ގެންގުޅޭ ފަރާތްތަކަށްވެސް ޓެސްޓް ކުރެވޭ ގޮތަށެވެ.

އަލަށް ބޭނުންކުރަން ފަށާ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ފީޗާތައް ގިނަ ކާޑެކެވެ. އަދި މިހިދުމަތް ރަސްމީކޮށް ބޭނުންކުރަން ފެށުމުން ހިދުމަތްތައް ހޯދުމަށް ޕްރިންޓްކޮށްފައި އޮތް އައިޑީކާޑެއް ބޭނުމެއް ނުވާނެ އެވެ. ނަމަވެސް ޕްރިންޓް ކޮށްފައިވާ އައިޑީ ކާޑު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭނެ ގޮތްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެ އެވެ. އަދި އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމުކުރުންވެސް ހިމެނެ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފްކުރުމާއި، ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި، ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.