( 30 މެއި 2023 އާ ގުޅޭ )
ލޮނުގަނޑުތެރެއިން ކުދި ބޮކިތައް އަރާތީ އަހަރެން ދުށީމެވެ. މަޑުމަޑުން އެއްޗެއް ތިލަވަމުން އައެވެ. ކޯއްޗެއްކަން ވަކިވާވަރަށް ތިލަވީހިނދު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެވުނީތީ އަހަރެންގެ ހަމަގެއްލި އަރި ވެސް އަޅާލައިފިއެވެ. ފައިސަލްއަށް ބާރަށް ގޮވާލީމެވެ. ނަމަވެސް ބޯކޮޅުވަތަށް އަހަރެން ކަނޑަށް ވެއްޓުނީއެވެ. އެއާއެކު ހީވީ ލޮނުގަނޑުގެ އަޑިން މީހަކު އަހަރެންގެ ދެފައިގައި ހިފީހެންނެވެ. އަހަރެން އަޑިއަށް ދާންފެށީއެވެ. ގެބެނީކަން އެނގި ހާސްކަމާއެކު ހަތަރެސްފައި ތަޅުވަމުން އަހަރެންދިޔައީމެވެ. މައްޗަކަށް ނާރައެވެ. ނޯށުން ލޮނުވަނުމާއެކު އަހަރެންގެ އަނގަ ވެސް ހުޅުވިއްޖެއެވެ. ލޮނުގަނޑު ތެރޭ ތެޅިފޮޅެމުން ދިޔައިރު ކައިރިން އެއްޗެއް ސޫރަވެލިއެވެ. ދިގު ހިޔަންޏެއް ފަދައެވެ. ލޮނުގަނޑުގެ ތެރޭ ލޮލަށް އެއްޗެއް ސާފުވާވަރެއް ނުވެއެވެ. މައްޗަށް އެރުމުގެ ބަދަލުގައި އަހަރެންގެ ހަށިގަނޑު ހައްތަހާ އަޑިއަށް ދަނީއެވެ. އޭރު ލޮނުބޮވެން ފަށައިފިއެވެ. އަރުތެރެއާއި ނޭފަތް ލޮނުން ފުރެމުން ގޮސް އަހަރެންނަށް ނޭވާލާން ދަތިވެ ލޯ މައްޗަށް އަނދިރިވާން ފެށުމުން އަހަރެންގެ ލޯ މެރިއްޖެއެވެ. ހަރަކާތްކުރުން ވެސް އަހަރެންނަށް ދަތިވީއެވެ. އެހިނދު މަރުވަނީއެ ޔަގީންވިއެވެ. ކޮންމެވެސް އެއްޗެއް އަހަރެންގެ ގައިގަ ޖެހުނެވެ. ނަމަވެސް ލޯ ހުޅުވާލާނޭ ވަރެއްނެތެވެ. އަދި ދެންވީގޮތެއް ވެސް އަހަރެންނަކަށް ނޭނގެއެވެ.
ދުރުން އިވޭ އަޑެއް ފަދައިން އަހަރެންގެ ނަމުން ގޮވާއަޑު އިވެންފެށިއެވެ. ފަހަރަކަށްވުރެ ފަހަރެއް އެ އަޑު އަހަރެންނާ ކައިރިވަމުންދިޔައެވެ. އަހަރެންގެ މޭގައި އަތްއަޅައި އޮބާކަމުގެ އިޙްސާސް ކުރެވުނެވެ. ލޯ ހުޅުވާލަން އަހަރެން މަސައްކަތްކުރީމެވެ. އަނގައިތެރެއަށް ވައިއެރިހެން ހީވިއެވެ. ނިކަން ބޮޑަށް އަހަރެން ކޮށިއެރީ އެވަގުތެވެ. އެހިނދު އަހަރެންގެ ހަށިގަނޑު އަރިއަކަށް އަނބުރާލައިފިއެވެ. ހޮޑުލެވޭފަދައިން ލޮނުތައް ބޭރުވިއެވެ.
"ތޭންކްގޯޑް." ނުހަނު ގާތުން ފައިސަލްގެ އަޑު އިވުނެވެ.
އަހަރެންގެ ކައިރީ އިނީ ފައިސަލްއެވެ. އެހެންވީމަ އަހަރެން ސަލާމަތްމިވީ ފައިސަލްގެ ސަބަބުންތާއެވެ. އެވަގުތުކޮޅު އަހަރެންނަށް ކުރެވެމުންދިޔަ ޖަޒުބާތުތައް ބަޔާންކުރަން ފަސޭހައެއްނުވިއެވެ. ގެނބެމުންދިޔައިރު ކުރެވުނު ބިރުވެރި އިޙްސާސްގެ އަސަރު ހަނދާނުގައި ހުއްޓެވެ. ފައިސަލްގެ ގައިގާ ބައްދާލުމާއެކު އަހަރެންނަށް ރޯންފެށިއްޖެއެވެ. މިވަގުތު ކޮންމެވެސް މީހެއްގެ ހިމާޔަތް ލިބުމަށް އަހަރެން ބޭނުންވީއެވެ. ހަޔާތުގައި މަރާ އެހާ ކައިރިޔަށް އާދެވުނު މީ ފުރަތަމަ ފަހަރެވެ.
"ޔޫ އާ ސޭފް ނައު." އަހަރެންގެ ކަންފަތްދޮށުގައި ފައިސަލް މަޑުމަޑުން ބުންޏެވެ. އަދި އަހަރެންގެ ބޮލުގައި އެއް އަތުން ފިރުމާލިއެވެ.
އަހަރެންގެ ނަފްސު ހަމައަކަށް އެޅެންދެން ފައިސަލްގެ އަތުގެ ހިމާޔަތް ދިނެވެ. އަހަރެންގެ ރުއިން ހުއްޓުމުން އޭނާ މަޑުމަޑުން އަހަރެން ދުރުކޮށްލީއެވެ. އަދި އަހަރެން އަތުލަފިކޮށްގެން ގެނެސް ހުންގާނުސަރަކައާ ދިމާ ސީޓުގައި ބޭންދިއެވެ. އަނބުރާލާފައި ރަށަށް ދާންކަން މިއުޅެނީ ފައިސަލްގެ ހަރަކާތްތަކުން އަހަރެންނަށް އެނގުނެވެ. އޭނާގެ އަތުގައި ހިފަހައްޓާލައިގެން އަހަރެން އިނީމެވެ. އަހަރެން ފުރިއިރަށްވުރެ ދުނިޔެމަތި އަނދިރިވެއްޖެއެވެ. ދެންމެދެންމެ ވިލާގަނޑުން އޮހެންފަށާފާނޭ ހީވެއެވެ. ކަނޑުން ނަގާ ރޯޅިތައް ބީހިލާއިރު ހީކަރުވައިގަނެގެން މަރުވާވަރުވެއެވެ. މުޅި މީހާ ތެމިފޯވެފައި އިނުމުން ވަކިން ފިންޏެވެ.
ފައިސަލް ޑިންގީ ދުއްވީ ބާރަށްހެން ހީވެއެވެ. ރަށުން ނައްޓާލިއިރަށްވުރެ އަވަހަށް އެނބުރި އާދެވިއްޖެއެވެ. ނިކަން އަވަހަށް ގެސްޓްހައުސްއާ ދިމާ އަތިރިމައްޗަށް ޑިންގީ ކައިރިކޮށްލައިފިއެވެ. ޑިންގީ އައްސާފައި ފައިސަލް މޫދަށް ފުންމާލިއެވެ. އޭނާގެ ހަރަކާތްތައް ހަލުވިއެވެ. އަހަރެން އެއްފަރާތުގައި އިށީނދެ މޫދަށް ފައިކޮޅު ބާލަން އުޅުނީމެވެ. އެވަގުތު އަހަރެންގެ އަތަށް ދަމާލުމާއެކު ފައިސަލްގެ އަތްދަނޑިމައްޗަށް އަހަރެން ލައިފިއެވެ. އެއްގަމަށް އަހަރެން ގޮވައިގެން ފައިސަލް އަރައިގެން އައެވެ.
"އަހަންނަށް ހިނގޭނެ." ފައިސަލްގެ ސަމާލުކަން އަތުލަން އެ މޫނުގައި އަތްޖައްސާލަމުން އަހަރެން ބުނީމެވެ.
"ޔަގީންތަ؟." ފައިސަލް އަހާލިއެވެ. އަހަރެން އާނއެކޭ ބުނެ ބޯޖަހާލީމެވެ. އެއާއެކު ހުރި ދިމާ ފަސްގަނޑު މައްޗަށް ފައިސަލް އަހަރެން ތިރިކޮށްލައިފިއެވެ.
"ވަރަށް ފިނިވެފަ ތިހުރީ. އަވަހަށް ގޮސް ހޫނުފެނުން ފެންވަރާލީމަ އޯކޭވެދާނެ." އަހަރެންނާ އެއްވަރަށް ހިނގަމުން އައި ފައިސަލް ބުންޏެވެ. އަހަރެން ހަމައެކަނި ބޯޖަހާލީއެވެ.
ކޮޓަރިއާ ހަމައަށް ފައިސަލް އައެވެ. އޭނާ ވެސް ފެންވަރާލައިގެން އަންނާނަން ކަމުގައި ބުންޏެވެ. އޭގެ ކުރީން އިހަށް އޭނާ ދާނީ ޑިންގީގައި ހުރި އޭނާގެ ދަބަހާއި ދޮށިތައް ނަގަންކަމުގައި ވެސް ބުންޏެވެ. އަހަރެން ބޭނުމިއްޔާ ކޮޓަރީގައި މަޑުކޮށްލުމުގެ އިޚްތިޔާރު ފައިސަލް ދިނެވެ. ނޫނީ ވެއިޓިން އޭރިޔާގައި އޭނާ އަންނަންދެން އިނަސް އެންމެ ރަނގަޅުކަމެވެ. ޔަގީނުން ވެސް ގިނައިރެއްނުވެ އޭނާ އަންނާނެކަމުގެ ޔަގީންކަން ދިނެވެ.
ފައިސަލް ދިއުމުން ކޮޓަރި ތަޅުލާފައި އަހަރެން އައިސް ވަނީ ފާޚާނާއަށެވެ. ޓީޝާޓުބާލައި މޫނު ދޮންނަ ތަށި ހުރި ފުޅާ ހިލަ މަތީ ބޭއްވީމެވެ. ހަމައެގޮތަށް ސޯޓު ވެސް ބާލާފައި ބޭއްވީމެވެ. ސޯޓުގައި ތަފާތު ބަރުކަމެއް ހުރިކަން އިޙްސާސްވިއެވެ. އަދި ހިލަމަތީ ބޭއްވި ވަގުތު ހަރު އެއްޗެއް ޖެހުނު އަޑު އިވުނެވެ. ފޯނުގެ މަތިން ހަނދާންވީ ދެނެވެ.
"އޯ ނޯ... ނޯ... ނޯ..." ތެޅިގަނެވުމާއެކު ފާޑަކަށް އަހަންނަށް ރޮއެގަނެވުނީއެވެ.
ސޯޓުގެ އަރިމަތީ ޖީބުތައް ޒިބު އެޅުވޭ ގޮތަށް ހުރިކަން ނަސީބެކޭ ހިތަށް އެރިއެވެ. އެހެންނޫނީ ފޯނު ލިބޭނެކަމުގެ ޔަގީންކަމެއްނެތެވެ. މުޅި ސޯޓު ފޯވެފައި އޮތްއިރު އަހަރެންގެ ފޯނު ނުތެމިއެއް ނޯންނާނެކަން އެނގެއެވެ. އަވަހަށް ފޯނު ނެގީމެވެ. ނަސީބަކުން ނުއެއް ނިވެއެވެ. އެކަމަކު ފޯނަށް ފެންވަދެފައިކަން އޮންނާނީ އެނގޭތީ އަވަހަށް ފޯނު ނިއްވާލީއެވެ. އަދި އެއަށް ލައްވާފައި އޮތް ކަވަރު ނައްޓާލައި "ޓޮއިލެޓް ޕޭޕަރ" ފަތުރާލައި އޭގެ މަތީ ފޯނާއި ކަވަރު ބޭއްވީމެވެ. ދެން އަވަސްއަވަސްކޮށްލައިގެން ފާޚާނާއިން ނުކުތީއެވެ. ހެދުން ލެވުމާއެކު ޓިޝޫތަކުތެރޭ އޮޅާލާފައި އޮތް ފޯނު ހިފައިގެން ކޮޓަރިން ނުކުތީމެވެ. ތެތްކޮށް އިސްތަށިގަނޑުން އޭރު ވެސް ފެންތިކިތަޅައެވެ. އިސްތަށިގަނޑު ހިއްކަން ވަގުތު ނަގާނެއެވެ. އެއަށްވުރެ ފޯނު މާ މުހިންމެވެ. ފޯނު ހަލާކުވެއްޖެއްޔާ އަހަރެންނަށް ވަރަށް ގެއްލުންވާނެއެވެ. ދުވަމުން ސިޑިން ފޭބި ގޮތަށް އަހަރެން މިސްރާބު ޖެހީ ބީޗްހައުސްއަށެވެ. އަހަރެންގެ ފޯނަށް ނުގުޅިއްޖެނަމަ މަންމަ އުޅޭނޭ ގޮތް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދެން ހުރީ އިތޫއެވެ. އޭނާ ވެސް ހާސްވެގެން އުޅޭނެކަން ޔަގީނެވެ.
"ފައިސަލް." ބީޗްހައުސް ދޮރުގައި ޖަހާލަމުން އަހަރެން ގޮވާލީމެވެ. އަޑެއްބަޑެއް އެތެރެއިން ނީވުނެވެ. އެހެންވެ ތަންކޮޅެއް ބާރަށް އަލުން ގޮވާލީމެވެ. ދޮރުގައި ވެސް ތަޅައިގަތީމެވެ.
"އާ..ނަ..." ދޮރު ހުޅުވާލި ފައިސަލްގެ ފުށުން ފެނުނީ ހައިރާންކަމެވެ. އަހަރެންނަށް ހުއްޓުން އަރާގޮތްވީއެވެ. އުނުގައި އޮތް ތުވާލީގައި އެއް އަތުން ހިފަހައްޓާލައިގެން ފައިސަލް ހުރި ގޮތުންނެވެ. އެ ހަށިގަނޑުގައި ފެންތިކިތައް ވިދަވިދާ ހުރިއިރު އަނެއްބައި ފެންތިކިތައް އެ ހަށިގަނޑުގައި ބޮސްދެމުން ތިރިއަށް ފައިބައިގެންދާތީ ފެނެއެވެ. ލަންބާލާފައި ފަހަތަށް އައްސާފައި އޮންނަ ފައިސަލްގެ އިސްތަށިގަނޑު އެއްވެސް ތަރުތީބެއްނެތި ވަނިކޮށް ފެނުނީ އަދިކިރިޔާއެވެ. އޭނާގެ ފަން އިސްތަށިގަނޑުގެ ކޮޅުތައް ކަނދުރާއާއި ކޮނޑާ ހިސާބުން ކުޑަތަންކޮޅެއް ތިރިއަށް ވާނޭހެން ގައިގާ ތަތްލާފައި ވިއެވެ.
"ކަމެއްވީތަ؟." ފައިސަލް ސުވާލުކޮށްލިއެވެ. އަހަރެން އަތުގައި އޮތް ފޯނު ދައްކާލީމެވެ.
"އަހަރެން ފެންވަރައިލައިގެން ނުކުތިއްޔާ ލަސްވާނެތަ." ފައިސަލް އަހާލިއެވެ. އޭނާ އެ ނުކުތީ ފެންވަރަން ހުރެފައިކަން އެނގުނީ ދެނެވެ. އަހަރެންނަށް ވިސްނާލެވުނީ ދެނެވެ.
"ސޮރީ..." އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.
"އިޓްސް އޯކޭ. ޓީޝާޓުއެކީ ތިއޮއް ތެމެނީނު" ފައިސަލް ބުންޏެވެ. ދެން އޭނާ ނިކަން އަވަހަށް އެތެރެއަށް ވަދެފައި ނުކުތް ގޮތަށް އަތުގައި އޮތް ތުވާލީގެ ތެރެއަށް އަހަރެންގެ އިސްތަށިގަނޑު ލައި އޮޅާލައިފިއެވެ. އެއަށްފަހު ފައިސަލް އަންނަން ދެން މަޑުކޮށްލަން އަހަރެން ކައިރީ ބުންޏެވެ. އަހަރެން ހިނގައިގަތުމުން ފައިސަލް ނިކަން އަވަހަށް ދޮރުލައްޕައިފިއެވެ. އަހަރެން އައިސް ވަނީ ހަޓުތެރެއަށެވެ. އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު މޫނުގައި ދެއަތުން ފިރުމާލީމެވެ.
"ފައިސަލް ހީކުރާނީ ކީކޭ. އެކަމަކު އެއީ ގަސްދަކާނުލާ ބެލި ބެލުމެއް." ފައިސަލް ފިރިހެންވަންތަ ސޫރަ ހިތުގެ ހިނގުން އަވަސްކުރުވައިފިކަން ގައިމެވެ. އެފަދަ މަންޒަރެއް އެހާ ގާތުން ދުށުމުގެ ނަސީބު ލިބިފައި ނެތީމަ ކަމަށްވެދާނެ ހެއްޔެވެ. ނޫނީ ހަޤީޤަތުގައި ވެސް ފައިސަލްގެ ޚާއްޞަ ގޮތެއް ހުރީ ހެއްޔެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. އަނެއްކާ ވެސް މޫނުގައި ދެއަތުން ފިރުމާލީމެވެ. މިކުރެވެނީ އަހަރެންނާ ހާދަ ނުގުޅޭ ޚިޔާލެކެވެ. ލޯބިވެރިޔަކު ކީއްކުރަން ދެން އަލުން ލޯބިވާކަށް ވެސް އަހަރެން ބޭނުމެއްނޫނެވެ. އެހެންވީއިރު އަހަރެންގެ ސަމާލުކަން ފައިސަލްއަށް ދެވިގެން ނުވާނޭކަން ހިތަށް ވިސްނާދިނީމެވެ. އެހެންވިޔަސް އަހަރެންނަށް ފައިސަލްގެ ފުށުން ކަމުދާ ސިފަތައް ފެންނަންވީ ކީއްވެކަމެއް ނޭނގެއެވެ. ފައިސަލް އަހަރެން ކައިރީ އެތެރެއަށް ވަންނަން ނުބުނީތީ އެކަން އަހަރެންނަށް ފާހަގަކުރެވުނެވެ. ނަސީބެކޭ ވެސް ހިތަށް އެރިއެވެ. ގަސްދަކާނުލާ ވެސް އަންހެނަކާއި ފިރިހެނެއްގެ ދޭތެރޭ ކިތަންމެ ކަމެއް ރުހުމުގައި ހިނގައިފާނެކަން އަހަރެންނަށް އެނގެއެވެ.
ޚިޔާލުތަކުގައި އިންދާ އަހަންނަށް ފައިސަލް ފެނުމުގެ ކުރީން އޭނާ ޖަހާފައި ހުރި ފިރިހެން ސެންޓުގެ ވަސް ނޭފަތުގައި ޖެހިއްޖެއެވެ. ފަހަތައް އެނބުރި ބަލާލިއިރު ފައިސަލް އަންނަނީއެވެ.
"ފޯނު ނުހުޅުވުނީތަ؟." އަހަންނާއި ނަޒަރު ސީދާވެލުމާއެކު ފައިސަލް ވާހަކަދެއްކިއެވެ. އޭނާގެ ފުށުން ކުޑަ ވެސް ބަދަލެއް ނުފެނެއެވެ. އަހަރެން ފަދައިން އޮބިއަޅަންޖެހޭ ފަދަ ޚިޔާލުތަކެއް އޭނާ ކުރިހެން ހިޔެއްނުވެއެވެ. ކުރެވުނުނަމަ އެހާ ހަމަޖެހިފައި އަހަރެންނާ ކުރިމަތިލާން ކެރޭނެބާއެވެ. ފައިސަލްގެ ހުންނަ އަބުއި ގޮތް ފެނިފައި ހުރީމައެވެ.
"ނޫން. އެކަމަކު ފެންއެޅިފަކަން އެނގޭ އޮތީ. އިތުރު ޑެމޭޖެއްވުމުގެ ކުރީން އަވަހަށް ނިއްވާލީ. އެތެރޭގައި ފެނުގެ އަސަރު އެބަހުރި." ޓިޝޫ ތެމިފައި ހުރިތަން ދައްކާލީމެވެ. ފައިސަލް އަހަރެންގެ ފޯނު ނެގިއެވެ. އަހަރެން ވެސް ބެލީ އޭނާއެކޭ އެއްފަދައިން އިހު ފެނުނު މަންޒަރަކީ ނުފެންނަ މަންޒަރަކަށް ހަދާށެވެ.
"އާނަ އޯކޭތަ؟. ނޭވާލާން އުނދަގޫވާ ކަހަލަ ގޮތެއްވޭތަ؟." ފަރުވާތެރިކަމާއެކު ފައިސަލް އަހަރެންނަށް ބަލާލިއެވެ.
"ނަސީބަކުން އަހަރެން ރަނގަޅު. ނުވޭ އުނދަގުލެއް... ފޯނު ނެތިއްޔާ އަހަރެންނަށް ވަރަށް ދަތިވާނެ. މިކޮޅުގައި ނުހުންނާނެތަ ފޯނުގެ މަސައްކަތް ކުރާތަނެއް." އަހަރެން ބުނީމެވެ.
"ހުންނާނެ. އެކަމަކު އިހަށް ކާނީކީ ނޫންތަ؟." ފައިސަލް ޚިޔާލު ފާޅުކުރިއެވެ.
ފައިސަލް ތައްޔާރުކޮށްލަ ދިން ސޭންޑްވިޗްއެއް ކާންތިބިއިރު އަހަރެން ބޭލި ތެތް ހެދުމަށް ހެދީ ކިހިނެއްތޯ އޭނާ ސުވާލުކުރިއެވެ. އެއްޗެހި ދޮންނަން ތިރީގައި މެޝިނު ހުންނާނެކަމާއި އަމިއްލައަށް ނުވަންޏާ އަބްދުލްއާ ހަވާލުކޮށްލަން ބުންޏެވެ. އަމިއްލަ ގޭގައި އުޅޭއިރު ބައެއްފަހަރު މަންމަ އަހަރެންގެ ދާވަށިގަނޑު ފުރިގެން ބަންޑުންދިޔައިމަ ބޮލަށް ނުކުޅަދާނަވެގެން އެއްޗެހި ދޮވެދޭނެއެވެ. އެކަމަކު މިކަހަލަ ތަނަކަށް އައިސް، އެވެސް ފިރިހެނަކު ލައްވާ އަހަރެން އެއްޗެހި ދޮއްވާކަށް ލާހިކު ނުކުރޭނެއެވެ. އެހެންވެ ކައިނިންމާފައި ފުރަތަމަ ކަމަކަށް އަހަރެން ކޮޓަރިއަށް ގޮސް ތެތް އެއްޗެހި ހިފައިގެން އައިމެވެ. ފައިސަލް އަހަންނަށް މެޝިނު ހުރި ދިމާ ދެއްކިއެވެ. އަދި އެއްޗެހި ހިއްކަން އަޅުވަންވީ ހަރުގަނޑު ވެސް ދެއްކިއެވެ. ފައިސަލްއާއެކު ކާރުގައި ފޯނު ފިހާރައެއް ހޯދަން އަހަރެމެން ނައްޓާލީ ދޮންނަން އެއްޗެހި އަޅާފައެވެ. އަންނަންވާއިރަށް އެކަން އޭރުން ހުންނާނީ ނިމިފަތާއެވެ.
އަހަރެން ގޮވައިގެން ފައިސަލް ވަން ފިހާރައަކީ މާލޭގައި ވެސް ނަންމަޝްހޫރު ފޯނު ފިހާރައެއްގެ ގޮތްޕެކެވެ. އެއްފަހަރު ފޯނުގެ އިސްކުރީނު ތަޅައިގެން ގޮސްގެން އަހަރެން އާ އިސްކުރީނެއް އެޅުވީ އެމީހުންގެ ފިހާރައިންނެވެ. ނުވަ މަސްވީއިރު ފޯނު އަދިވެސް ބަރާބަރެވެ. ކައުންޓަރުގައި ހުރި ފިރިހެން ކުއްޖާއާ ވާހަކަދެއްކީ ފައިސަލްއެވެ. ފޯނަށް ވީގޮތް ކިޔާދީ އަދި އަހަރެންގެ އަތުން ފޯނު ނަގައި ފިހާރައިގެ ކުއްޖާއާ ހަވާލުކުރީ ވެސް ފައިސަލްއެވެ. ފޯނަށް ގެއްލުމެއް ލިބިފައި ހުރިނަމަ ގުޅާނެކަމަށްބުނެ ފައިސަލްގެ ނަންބަރު ފިހާރައިން ނޯޓުކުރިއެވެ. މައްސަލައެއް ފޯނުގައި ނެތްނަމަ މާދަމާ މެންދުރު ފޯނު ލިބޭނެކަން ބުންޏެވެ. އަހަރެމެން ފިހާރައިން ނުކުމެގެން އައިސް ކާރަށް އެރީމެވެ. ފައިސަލް ކާރު ދުއްވާލީ އެނބުރި ގެސްޓްހައުސްއަށް ދާށެވެ.
"އިތޫއަށް އަންގާލެވޭނެ ގޮތެއްވާނަމަ." އިތޫއަށް ގުޅާލަން ފައިސަލްގެ ފޯނު ލިބިދާނެތޯ ނާހަންވެގެން އަހަރެން ބުނީމެވެ.
"ހަވީރު އަންނާނެއޭ ބުނީމެންނު. އެނގޭނެއެއްނު ގެސްޓްހައުސްގަކަން އާނަ ހުންނާނީ. ފޯނަށް ނުގުޅުނަސް ހޯދަން އަންނަންވީ ކޮންތާކަކަށް އެނގޭނެ ދޯ." ފައިސަލް ބުންޏެވެ.
"ދެޓްސް ޓްރޫ." އަހަރެން ބުނެލީމެވެ. ފައިސަލް ފޯނުދޭން ބޭނުންނޫނީކަން އޭނާގެ ވާހަކައިން އަހަރެން ޤަބޫލުކުރީމެވެ.
ގެސްޓްހައުސްއަށް ވަދެފައި ފައިސަލް އެބަ އަންނަމޭ ބުނެ ދިޔައީ އޭނާ ދިރިއުޅޭ ބީޗްހައުސްއަށް ވަންނާށެވެ. ގެސްޓްހައުސް ތެރެއަށް އަހަރެން ވަދެގެން އައީ އެކަންޏެވެ. ބަދިގެ އިން ނުކުތް އަބްދުލްއަށް އަހަރެން ފެނިގެން "ބޮސް" ކޮބާތޯ އަހާލިއެވެ. އޭނާއަށް ޖަވާބުދީފައި އަހަރެން އައީ މެޝިނު ކައިރިއަށެވެ. އޭރު އަދި އެއްޗެހީގައި ފެންލެވެނީއެވެ. އެހެންވެ މަޑުމަޑުން ބިއްދޮށަށް ނުކުމެވެން ހުރި ދޮރު ހުޅުވާލައި ދޮރުކައިރީ މަޑުކޮށްލައިގެން ހުރީމެވެ. ވާރޭ އޮއްސާނުލަނީސް އިތޫއަށް އާދެވޭނެބާއޭ އަހަރެން ހިތަށް އަރަމުންދިޔައެވެ. ދުނިޔެމަތި އަނދިރިކޮށްލާފައި އޮތްވަރުންނެވެ. އެހެން ހުއްޓާ ލޮލުގެ ހިމަކޮޅުން ވަލުތެރޭ އެންމެ ޖަންގަލި ބޯ ހިސާބުން އެއްޗެއް ފެނުނުހެން ހީވިއެވެ. އިޚްތިޔާރަކާއި ނުލާ އަހަންނަށް ބަލާލެވުނެވެ. އަހަންނަށް ފެނުނީ ގަސްތަކުތެރެއަށް ވަދެގެންދިޔަ މީހެއްގެ ހެދުމުގެ އެއްފަޅިއެވެ.
"މިހިސާބަށް ބަޔަކު އައިސްގެން އުޅެނީތަ؟." ހިތާހިތުން އަހަންނަށް ސުވާލުކޮށްލެވުނެވެ. ކަނޑުމަތީގައި ހުއްޓާފައި ވެސް ގޮނޑުދޮށުން އަންހެނަކު ފެނުނު ހަނދާން ވާތީއެވެ.
އެއްޗެހި ދޮވެވި ނިމެންދެން އަހަރެން ހުރީމެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންވެ ދޮރުލައްޕާފައި އެނބުރި މެޝިނު ކައިރިޔަށް އައީއެވެ. އަދި ދޮވުނު އެއްޗެހި ހިއްކަން އަޅާފައި އަހަރެން ނުކުތީ ބޭރަށެވެ. ގެސްޓްހައުސްގެ ދޮރުމަތީ ހިޔާކޮށްފައި ހުރި ބަޔަށެވެ. އެތަނުގައި ހުރި ދޮގު ގޮނޑީގައި އިށީނދެލައިގެން އިނީ އިތޫގެ ޚަބަރެއް ވާނެ އިރަށް ނޭނގިފައެވެ. ގަޑިތަކުން ފަހެއް ޖަހަން ދަނީއެވެ. ހަވީރު ދެނެއްނުވާނެއެވެ. ދެން އިރު އޮއްސޭނީއެވެ. މިކަހަލަ ޚިޔާލުތަކެއްގައި އިންދާ ގެސްޓްހައުސް ދޮރުން ވަންތަން ފެނުނީ އިތޫއެވެ. އޭނާ އައީ އެކަންޏެއް ނޫނެވެ. އިތޫގެ ފަހަތުން ވަދެގެން އެތިބަ އަންނަނީ ޒަފަރުއާއި ހޫދުއެވެ. އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އިތޫ ބުނި ގޮތުން އަހަރެން ހީކޮށްގެން ހުރީ އަންނާނީ އޭނާ އެކަނިކަމަށެވެ. ފައިސަލް ކައިރީ ވެސް އަހަރެން ބުނީ އިތޫ އެކަނި އަންނަ ވާހަކައެވެ.
(ނުނިމޭ)