ފިނިޕޭޖް

ކޭޓް ބޮސްވޯތް އާއި ޖަސްޓިން ލޯން ކައިވެނިކޮށްފި

އެކްޓްރެސް ކޭޓް ބޮސްވޯތް އާއި އެކްޓަރު ޖަސްޓިން ލޯން އެންގޭޖްވީތާ އެއްމަސް ތެރޭ ކައިވެނިކޮށްފި އެވެ.

މި ދެމަފިރިންނާ ގާތް މީހަކު ދަ ޕީޕަލްއަށް މަޢުލޫމާތު ދިން ގޮތުގައި އެންގޭޖް ވުމަށްފަހު ކޭޓް މާގިނަ ދުވަހު ކައިވެނި ނުކޮށް މަޑުކުރަން ބޭނުން ނުވި ކަމަށާއި ކުއްލި ގޮތަކަށް ކައިވެނި ކުރީ އެހެންވެ ކަމަށެވެ.

"ކޭޓް ބޭނުމެއް ނުވޭ ބޮޑު ވެޑިންއެއް ބާއްވާކަށްވެސް. ދެމީހުން ފިލައިގެން ގޮސް ކައިވެނިކުރަންވެސް ވިސްނި. އެންމެ ފަހުން މީގެ ދެތިން ހަފްތާކުރިން ކުއްލި ގޮތަކަށް ސާދާ ކައިވެންޏެއް ކުރީ. އެ ވެޑިން ވަރަށް ޕާފެކްޓް އަދި ކޭޓް ޖަސްޓިންއާ ކައިވެނި ކުރެވުނީތީ ހުރީ ވަރަށް އުފަލުން،" އޭނާ ބުންޏެވެ.

ޕޭޖް ސިކްސް އިން ރިޕޯޓްކުރި ގޮތުގައި މި ދެމަފިރިން ކައިވެނިކޮށްފައިވަނީ ނިއު ޔޯކްގެ ކުއީންސްގެ ރޮކަވޭ ހޮޓެލް ގައެވެ.

މޭ 9 ގައި ޖަސްޓިންގެ ޕޮޑްކާސްޓް "ލައިފް އިޒް ޝޯޓް ވިތް ޖަސްޓިން ލޯން"ގެ އެޕިސޯޑްގައި ކީރާ ސެޖްވިކްއާ އެކު ޝޫޓިންއެއްގެ ވާހަކަދައްކަމުން ޖަސްޓިން ވަނީ ކޭޓްއަށް "މިހާރުގެ އަނބިމީހާ"ގެ ގޮތުގައި މުހާތަބްކޮށްފަ އެވެ. އަދި މަދާސް ޑޭގައި ކޭޓް ހިއްސާކުރި ފޮޓޯއެއްގައި ދެމީހުން ކައިވެނީގެ އަގޮޓި އަޅާފައިވާކަން ވަނީ ފާހަކުރެވިފަ އެވެ.

މިދެމަފިރިންގެ ފަރާތުން މިކަމަށް ބަހެއް ލިބިފައެއް ނުވެ އެވެ.