" ކިތައް ފަހަރު ބުނާނީ މިގެއަށް ނުވައްނާށޭ"
ހަސަންފުޅުގެ ގަމީހު ގިރުވާނުގައި ދެއަތުން ހިފަހައްޓައިގެންހުރެ ނިކަން ބާރަށް މަހުމޫދު ހަޅޭލަވައިގަތެވެ. އައިސްފައި ހުރި ގަދަ ރުޅިން މަހުމޫދުގެ، ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ ހަށިގަނޑު ރޫރޫއަޅަމުންދިޔައެވެ. ބިރުންގޮސް ހަސަންފުޅުވެސް ގުޑުގުޑު އަޅަމުންދިޔައެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ހުރީ ހަމަ ދެންމެ ދެންމެ ރޮއެގަންފާނެހެންނެވެ.
ކަރުގައި އަޅުވާފައިވާ ދިގު ނާށި ފައްޗާއެކު މުޅި މީހާވަނީ ފިއްލެޔޮލުން ތަތްތެޅިފައެވެ. ދުވާވަހުން ނޯއްދަމާލަން ނުކެރުނަސް ފުރަ މެންދަމުގެ އެގަޑީގައިވެސް ރަށުގެ ގިނަ ބަޔަކު މަހުމޫދުގެ ގޭދޮށަށް އެއްވެ ކުޅިބަލަން ތިއްބެވެ. ޖެހިފައިވާ 'ދަތުރު' ގެ ލަދުވެތިކަމުން ދިމާލަކަށް ކަޅި ހިންގާލަން ނުކެރި ބިރުން ވިރިވިރި ހުރީ ހަސަންފުޅެވެ. ކަށިފޮއްޗެއްފަދަ ހަސަންފުޅުގެ ތުނި ހަށިގަނޑުގައި ދައުރުވަމުންދިޔަ ތަދުގެ އޮއިވަރުގެ 'ވަރު'، ދިޔައީ އިރުކޮޅަކަށްވުރެ އިރުކޮޅެއް ގަދަވަމުންނެވެ.
ހަސަންފުޅުގެ ފައިބުޑަށް ވެއްޓިފައި އޮތް، ލަޓިބުރީގެ ހޫނު ޙަމަލާ އަމާޒުވި ތަންތަން، އޭނާގެ އާދައިގެ ވަރަށްވުރެ ކަޅު ހަމުގެ ތެރެއިންވެސް ލޭ ބޮތްކެއްހެން ފާޅުވަމުންދިޔައެވެ.
ނިކަން ބިރުން ހުރެވެސް، ވަރަށް ނޫންކަމަށް ހަދައި ހަސަންފުޅުގެ ލޮލުގެ ހިމަކޮޅުން، އޭނާގެ ކުރިމަތިން ގޭގެ އެތެރެއަށް ވާގޮތަށް އޭނާއަށް ފުރަގަސްދީގެންހުރި ހަސީނާއަށް ބަލައިލިއެވެ. އެއިރު، އެރީތި ދޮން ގޮމައެއްފަދަ ހަސީނާގެ ހަށިގަނޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރުލުމެއް ހުއްޓެވެ.
އެގޮތަށް ހުރެ ހަސަންފުޅުގެ ޙާލަތާމެދު ހަމްދަރުދީވެގެން ރޮނީކަމެއް، ނުވަތަ ހަސަންފުޅަށް ކޮށްފައިހުރި ވަރު ފެނިފައި ހެނީ ނޫންކަމެއްވެސް ނޭނގެއެވެ.
" އަދި އެބަ ބަލައެއްނު، ލަދުކުޑަ...!... ހަސީނާ!... ހަމަ މިހާރު އެތެރެއަށް ވަދޭ!.... "
ހަސަންފުޅު ފަހަތަށް ގަޅުވާލުމަށްފަހު، ހަސީނާއަށް ބަލައިލަމުން ރުޅިވެރިކަމާއެކު މަހުމޫދު އެހެންބުނެލުމާއެކު، ވިދުވަރެއްހެން ގޮސް ހަސީނާ އެތެރެގެއަށް ވަދެ ގެއްލިއްޖެއެވެ. އެ މަންޒަރު ފެނި ހަސަންފުޅުގެ ހިތަށް ކުރި އަސަރުން، ލޮލުގެ ތެރެއިން ނުކުތް ކަރުނަ ތިކި މަހުމޫދަށް ނުފެންނަނީސް، ނިކަން އަވަހަށް ފޮހެލައިފިއެވެ.
**** *** ****
މި ހަސީނާއަކީ ހާދަ އަނިޔާވެރި އަންހެނެކޭ ހަސަންފުޅުގެ ހިތަށް އެރިއެވެ. ދަޢުވަތު ލިބިގެންއައި މެހެމާނާއަށް ހަސީނާ އެއަދާކުރީ ކޮންކަހަލަ މެހެމާންދާރީއެއް ހެއްޔެވެ؟ ހަސަންފުޅު މިރޭގެ މިދަންވަރު މިގެއަށް އައީ ސީދާ ހަސީނާގެ ދަޢުވަތަކަށެވެ.
ހިތަކީވެސް އަޖައިބެއްފަދަ ގުނަވަނެކެވެ. ހަސީނާގެ ނުބައި އަޚުލާޤުގެ ސަބަބުން ހަސީނާއަށް އެންމެ ނަފުރަތުކުރި އެކަކީ ޚުދު ހަސަންފުޅެވެ. ނަމަވެސް މިއަދު މި ލަދެއްގައި ބެދިފައި އޭނާ އެހުރީ، ބިރު ކަނޑާލުމަށްފަހު ހަސީނާއަށްޓަކައި، އެޅި ކަސިޔާރު ފިޔަވަޅުންނެވެ. ރީތި އަންހެނަކު އައިސް ފިރިހެނެއްގެ ކުރިމަތީގައި އޭނާގެ ލަދުވެތިކަމުގެ ވަރަ ތިރިކޮށްލައިފިނަމަ، އެ އަންހެނާގެ އަވާގައި ނުޖެހި ހުންނާނީ ކޮން ފިރިހެނެއް ހެއްޔެވެ؟ އެރަށުގެ ޢާއްމު އުޞޫލަކީ ލޯބީގެ ދަޢުވަތާއިގެން ފިރިހެނާ، އަންހެނާގެ ކައިރިއަށް ދިއުން ނަމަވެސް، އަންހެނަކަށްވެ ހުރެ އެ ފިޔަވަޅު އިސްވެ ހަސީނާ އެޅީ، ހަސަންފުޅުދެކެ ހަމަ ޙަޤީޤަތުގައިވެސް ލޯބިވާތީ ކަމުގައި ހަސަންފުޅު ހީކުރިއެވެ.
ހަސަންފުޅަކީ މީގެ ކުރިން އޭނާގެ ފަސްބައިގައި މިފަދަ ލައްގަނޑެއްޖެހިފައިނުވާ، ރަށުގެ އެންމެންވެސް ޤަދަރުކުރި މާވަޑިއެކެވެ. އަތްމަތި ތަނަވަސް ޒިންމާދާރު ޒުވާނެކެވެ. އަވަސް ކައިވެންޏެއްގެ ޤަސްދާ އެކު ހަސީނާ ދިން ލޯބީގެ ދަޢުވަތު ޤަބޫލުކޮށް ކޮންމެ ރެއަކު ދަންވަރު މިގެއަށް ހަސަންފުޅު އަންނަތާ މަހެއްހާ ދުވަސްވީއެވެ. އަތުގައި އެއްވެފައިހުރި ފައިސާ ކޮޅު ޚަރަދުކޮށްފައި ހަސީނާއަށްދޭ އަގުބޮޑެތި ހަދިޔާތަކުން އޭނާ ހަސީނާގެ ހިތް އުފާކޮށްދިނެވެ. ހިލޭ ފިރިހެނުންނާ އަންހެނުންގެ ދެމެދުގައި ކައިވެނީގެ ބޭރުން އޮންނަ ގުޅުންތަކަކީ ދީނުގައި ޙަރާމްކުރައްވާފައިވާ ގުޅުންތަކެއްކަމުގައިވާތީ، ހަސަންފުޅާއި ހަސީނާގެ ގުޅުން ރަށުގެ އެންމެންނަށް ވަންހަނާކުރެވިފައިވިޔަސް މަހުމޫދުގެ ހުރި ހަމައެކަނި ދަރި، ހަސީނާއާއި ހަސަންފުޅުގެ މިގުޅުން މަހުމޫދަށް ސިއްރުވެފައެއް ނުވެއެވެ.
ހަސަންފުޅު ކޮންމެ ރެއަކު ދަންވަރުގެ ވަގުތު ލޯތަކަށް ސިއްރުން މިގެއަށް ވަންނަނީވެސް ޚުދު މަހުމޫދުގެ އެދުމުގެ މަތިންނެވެ. ބަދަލުގައި، ހަސަންފުޅުގެ ފަރާތުން ލިބެމުންދިޔަ މާލީ އެހީތަކާއެކު ހަސްފަސްވެފައިވާ މަހުމޫދުގެ ދިރިއުޅުންވެސް ތަންވަސްވަމުން ދިޔައެވެ.
**********
" އޭތް މަހުމޫދު...! ދޫކުރޭ ހަސަންފުޅުގެ ގައިން! "
އެއްވެފައިވާ މީހުންގަނޑު ދުރުކުރަމުން އައިސް އެގޭތެރެއަށް ވައިން ހަސަންފުޅުގެ މަންމަ ފާތުމާދީ ހަރުއަޑުން ހަޅޭއްލަވައިގަތުމުން ސިހިފައި މަހުމޫދަށް ހަސަންފުޅުގެ ގައިން ދޫކޮށްލެވުނެވެ.
ހަސަންފުޅަށް ހަދާލާފައި ހުރިނިކަމެތިގޮތް ފެނިފައި "މަގޭ ދަރިއަށް ހަދާފައި މިހިރިގޮތެއްދޯ އޭ" ކިޔައި ފާތުމާދީއަށް ނިކަން ބާރަށް ރޮއިގަނެވިއްޖެއެވެ.
" ކަލޭގެ ތިހުރި ނުބައި ނުލަފާކަމާއި، ކަލޭގެ ދަރި ލައްވާ ތިކުޅުވާ ކުޅިގަނޑު ބޭޒާރުވާނެ ދުވަހެއް އަދި އަންނާނެ! ... ނިކަން ބަލަން ހުރޭ "
ރުއިމާއި ނަފުރަތު އެކުލެވިފައިވާ ރާގެއްގައި މަހުމޫދާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނުމަށްފަހު ހަސަންފުޅުގެ އަތުގައި ހިފާ ދަމަމުން ފާތުމާދީ އެގެއިން ނިކުންނަން ހިނގައިގަތެވެ.
އެރޭ އޭނާ އެގެއިން ނުކުމެގެން ދިޔައީ މަހުމޫދާއި ހަސީނާއަށް ރަނގަޅު ލަގާއެއް ދިނުމުގެ ގަސްދާއެކުގައެވެ.
**********
އޭގެ އަހަރެއްހާ ދުވަސް ފަހެވެ. އަސުރުން އިރު ތިރިވެ، ހަވީރު އަތަށް އަޅަމުންދިޔައިރު، ރަށުގެ ސާފުމަގުތައް އެއްވަސް ވެފައިވަނީ ހުވަނދުމަލުގެ އަތަރުގެ ވަހުންނެވެ. ހަވީރު ފިންޏަށް މަގުތަކަށް ނުކުމެ އުޅޭ ކޮންމެ މީހެއްގެ މިސްރާބުވެސް ހުރީ ރަށުގެ އުތުރު ފަރާތާ ދިމާއަށެވެ. ހަސީނާވެސް ހަވީރު ފިންޏަށް ނިކަން ނަލަހެދިލައިގެން ރައްޓެހި ދެކުދިންނާއެކު ބޮޑުމަގު ކޮޅަށް ދިއުމަށްޓަކައި ހިނގަމުން ދިޔައެވެ. ވަކި ހިސާބަކަށް ދެވުނުފަހުން އެކި ދިމަދިމާއިން ދުވަމުން ދިޔަ މީހުންގަނޑު، ހަސީނާމެން ހިނގަމުންދިޔަ ދިމާ އިދިކޮޅުން ރަށުގެ އުތުރު ފަރާތަށް ދުވަމުން ދާތީ މިވަނީ ކީއްކަން ނޭނގިހުރެ މަގުން ދިޔަ ކުޑަ ސޮރަކު ހުއްޓުވައި ވެގެން އުޅޭގޮތް ހަސީނާ އޮޅުން ފިލުވައިފިއެވެ.
" އާ ވައްތަރެއްގެ އެއްޗެއް ގެނެސްގެން އުޅޭޔޯ އެބަ..."
އެހެން ބުނެލުމަށްފަހު އެސޮރު ދުވަމުންގޮސް އެދާ ދިމާއަކަށް ވަދެ ގެއްލިއްޖެއެވެ.
ގެނެސްގެން އުޅޭ އެއްޗަކީ ކޮން އެއްޗެއްކަން ބެލުމުގެ މަޤުޞަދުގައި ހަސީނާމެންގެ މިސްރާބުވެސް މަގުގެ އުތުރު ފަރާތަށް އަނބުރާލައިފިއެވެ. ރަށުގެ އުތުރުފަރާތަށް އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން ދެމެމުން އެތެރެއަށް ވަދެގެންގޮސް އެ އެއްޗެއް ފެންނަ ހިސާބަށް ހަސީނާ ހުއްޓިލިއެވެ. އެއިރު، ނިކަން ރީތި ފިރިހެނަކު ދުއްވާ އެއްޗެއްގެ މަތީ އިނދެ އަރިއަރި ލައްވަމުން އެއެއްޗެއް ދުއްވަމުން ދިޔައެވެ.
"އެއީ ކޮން އެއްޗެއްތަ؟"
އެއީ ކޮން އެއްޗެއްކަން ބެލުމަށްވުރެ ހަސީނާގެ ބެލުން އަމާޒުވެފައިވަނީ އެ ރީތި ޒުވާން ފިރިހެން ކުއްޖާއަށެވެ.
"އެއަށް ކިޔަނީ ބައިސްކަލޯ... އޭތި ދުއްވަން އެއިނީ މިއަދު މާލެއޮޑިން ރަށަށް އައި މާލޭގެ ޢިއްޒަތްތެރިއެއްގެ ދަރިއެކޯ.."
ހަސީނާ ބޭނުންވި ވަރަށް އެ ޒުވާނާއާ އާބެހޭމަޢުލޫމާތު އެނގުމުން ހަސީނާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
*** ** ****
އިރުގެ ދަޅަތަކުން އުދަރެހަށް ރީތި ކުލަތަކެއް ވެރިކުރުވަމުން ފެނަށް 'އޮބެމުން' ދިޔަ އިރަށް ބަލަހައްޓައިގެން ހުރިއިރު ހަސީނާގެ ތުންފަތުގައި ކުޅެމުންދިޔައީ އުންމީދުގެ ކުލަތަކަކުން ފެވެމުންދިޔަ ހިނިތުންވުމެކެވެ. މުޅިތަނަށް ވެރިވެފައިވާ އިރުގެ ރަތް ދަޅަތަކުގެ ތެރެއިން، ނިކަން ފަރިވެ ނަލަވެގެންހުރި ހަސީނާ ފެންނަނީ ރީތިކަމުގެ ހުރިހާ އިމެއް ހުރަސްކޮށްގެންހުރި، ފަތްމިންޏެއްފަދައިންނެވެ. ރަށުގެ އިރުމަތީ ފަރާތަށް ވާގޮތަށް ރަށުގެ ހޭޅިފަށާ އެންމެ ކައިރިންހުރިގޭގެ ފުރަގަހުންއޮތް ބޯ ގަސްތަކުގެ ތެރޭގައި ހަސީނާ ހުރިއިރު އިރު އިރުކޮޅުން އޭނާ މަގުގެ ދެކޮޅު ހޯދާ ބަލައިލައެވެ.
އޭގެ ކުޑައިރުކޮޅެއްފަހުން، މަޑު ހިނގުމެއްގައި ހަސީނާ ދިމާއަށް އެހެރަގެން އަންނަނީ މީގެ ދެދުވަސްކުރިން ބައިސްކަލު ދުއްވަން އުޅުނު ޒުވާނާއެވެ.
"ތިއީ ކޮން ކުއްޖެއް؟ މިތަނަށް އަންނަން ބުނީ ކީއްކުރަން؟"
ހަސިނާގެ ހެދިހުރި އިސްކޮޅާއި، ރީތި މޫނަށް ނިކަން ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލަމުން ޝައުޤުވެރި ރާގެއްގައި ޒުވާނާ ބުނެލިއެވެ.
ދެން ފާއިތުވެގެން ދިޔަ ހަމަހިމޭންކަމަށްފަހު، ހަސީނާ އަމިއްލައަށް ތަޢާރަފްވެލިއެވެ. އަދި އެޒުވާނާވެސް ހަސީނާއަށް ތަޢަރަފްވެލަމުން، އޭނާގެ ނަމަކީ ނައީމްކަމަށާއި، އޭނާ މިރަށަށް އައީ ދިވެހި ބޭސްކުރުމަށް ކަމުގައި ބުނެދިނެވެ. ހަސީނާވީ ނައީމްއަށް ވަރަށް ކަމުދާކަހަލަ ކުއްޖަކަށެވެ. އޭނާ އާއްމުކޮށް އަޑުއަހަނީ ރަށްފުށު އަންހެންކުދިންގެ ބަނިޔާދަން ކަމުގެ ވާހަކައެވެ. ނަމަވެސް ހަސީނާގެ ކިބައިގައިވަނީ އެސިފަކުރުމާ ޚިލާފު މިޒާޖެކެވެ.
ދުވަހަކަށްވުރެ ދުވަހެއް އެ ދެމެދުގެ ގުޅުންގާތްވެ، އެގުޅުން ލޯތްބާ ދިމާއަށް ދަތުރު ކުރަމުންދިޔައެވެ. އެންމެ ފަހުން ހަސީނާ، މަހުމޫދަށް ނަޢީމް ތަޢާރަފް ކޮށްދީފިއެވެ. އަދި މަހުމޫދު ފުރަ މެންދަމުގެ ވަގުތު ދެމީހުން ބައްދަލު ކުރުމުގެ ލަފާ ދީފިއެވެ. ސަބަބަކަށް ދެއްކީ ކައިވެނީގެ ބޭރުން ފާޅުގައި ލޯބީގެ ގުޅުން ބޭވުމަކީ މިރަށުގެ އާދަކާދަތަކާ ފުށުއަރާ މީހުންގެ ނުރުހުން ލިބޭ ކަމެއްކަމެވެ.
މަހުމޫދުގެ ދަޢުވަތު ޤަބޫލުކޮށް، ފުރަ މެންދަމުގެ ވަގުތުގައި ހަސީނާއާ ބައްދަލުކުރަން ކޮންމެ ރެއަކުހެން ނައީމު އެގެއަށް ދާންފެށިއެވެ. މިހެންދާ ކޮންމެ ރެއަކު، ހަސީނާއަށްދޭނެ ހަދިޔާ އާއި، މަހުމޫދަށް ދޭނެ ފައިސާ ނައީމް ގެންގޮސްދެއެވެ. ނައީމް ކުރަންއައި ބޭސްވެރިކަން ނިމި މާލެ ދިއުމުގެ ވާހަކަ ދައްކަން ފެށީ ހަސީނާ ކައިރިއަށް އެގެއަށް ދާންފެށިތާ ދެތިން މަހެއް ވީފަހުންނެވެ.
އެއީ ނަޢީމް މާލެ ފުރަންއޮތް ފަތިހުގެ މެންދަމުގެ ވަގުތެވެ. ނިކަން މީރު ވަސް ދުވާ އަތަރަކުން "ފެންވަރާ" ލައިގެން ހުރެ ނައީމް ހަސީނާއާ ބައްދަލުކުރަން އެގެއަށް ވަތްކަމެއްނޭނގެއެވެ. ފަހަތުން ބުރަކައްޓާ ދިމާލުން ހަށިގަނޑަށްއެރި ލަޓިބުރީގެ ހަމަލާޔާއެކު ނަޢިމް ބިންމައްޗަށް ތިރިވެއްޖެއެވެ.
"މިއޮތީ މަގޭ ދަރި ކައިރިއަށް ވަންނަ މީހާ އަތުޖެހިފަ.."
މަހުމޫދު ނިކަން ބާރަށް ހަޅޭ ލަވައިގަތުމާއެކު ކައިރި ގޭގެއިން މީހުންތައް އެގޭ ދޮށަށް އެއްވެއްޖެއެވެ.
އެއާއެކު އަތުގައިއޮތް ނާށި ފައްޗާއި، ފިއްލެޔޮ ދަޅު ނައީމްގެ ބޮލަށް އަޅާލަން ފަރިކޮށްލި ވަގުތު، ފަހަތުން އައިސް ހަސަންފުޅު އެތަކެތި މަހުމޫދުގެ އަތުން ޖަހައިގަނެފިއެވެ. އަދި ފިއްލެޔޮއެތި މަހުމޫދުގެ ބޮލަށް އަޅާލުމަށްފަހު ނާށިފަތި އޭނާގެ ކަރުގައި އަޅުވަމުން،" މީނާގެ ފެންވަރަކީ، މިހިރީއޭ، މީނަގެ ކަންކަން ތިއެންމެނަށް ފެނިއްޖެ ނޫންހޭ" ބުނެ އެއްވެފައިވާ އެއްމެންނާ މުޚާޠަބު ކުރިއެވެ.
އެވަގުތު ބޭރުގޭތެރެއިން މާ އަޑުގަދަވެގެން ހަސީނާވެސް ބޭރަށްނުކުމެއްޖެއެވެ. ހަސަންފުޅު،ނިކަން ރުޅިއައިސްފައިހުރެ، މަހުމޫދުގެ ލަފުގައި ހިފަމުން، ހަސަންފުޅު ފަދައިން ރަށުންނާއި ރަށުން ބޭރު އެތައް ބަޔަކަށް، ހަސީނާ އާއި މަހުމޫދު ބައިވެރިވެގެން މިފަދަ އޮޅުވާލުމެއް އޮޅުވާލަމުން ދިއުމުގެ ސަބަބު، އޮޅުންފިލުވައިދިނުމަށް އެދެފިއެވެ. ރަށުއެންމެންގެ ކުރިމަށްޗަށް ބޭޒާރުވުމުން، އެއްވެސް ފޮރުވުމެއްނެތި، މަހުމޫދު ހުރިހާ އެއްޗެއް ކިޔައިދީފިއެވެ.
މިހުރިހާ ކަމެއްގޮސް ގުޅެނީ، ރަށުގެ ކަންވެރިޔާގެ ދަރި އާދަނާއެވެ. ހަސީނާއަކީ ފޮނި އުންމީދަކާއެކު އާދަނާ ދެވަން މަހުމޫދު މުޑުވަށްކުރި އޮށެކެވެ. އާދަނުގެ އެދުމަކީ ބޯޓުދަތުރު ކުރަން ރާއްޖެއިން ބޭރަށް ދިއުމެވެ. މިކަމަށްޓަކައި ފުދޭވަރަކަށް ފައިސާ އެއްކުރަންޖެހޭތީ، ފަސޭހަ މަގެއް އާދަނު އިޚުތިޔާރުކުރީ ހަސީނާގެ ރީތި ބުރުސޫރައިގެ ފައިދާ ނާޖައިޒްގޮތުގައި ހިފައިގެންނެވެ. އޮޅުވާލުމުގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ މަހުމޫދަށް ލިބުނު ނަމަވެސް، ލިބެމުންދިޔަ ވަރަކަށް ދަހިވެތިކަން އިތުރުވެ، މިކަން އޭނާ ވިޔަފާރިއަކަށް ހެދީއެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން، ޙަޤީޤަތެއްނެތް ލަދުވެތިކަމަކާ ހަސަންފުޅު ކުރިމަތިލާން ނުޖެހުނު ނަމަ، މިއަދާހަމައަށްވެސް މަހުމޫދުމެން ބޭޒާރުނުވެ އެ ވިޔަފާރީގައި ކުރިއަށްދިޔައީހެވެ. ނައީމްއަކީ ހަސަންފުޅުގެ މިތުރެކެވެ. ނައީމް މިރަށަށް އައީ ހަސަންފުޅުގެ ދަޢުވަތަކަށެވެ. އޭނާއަށް ލިބުނު ބޮޑު ބަދުނާމުން އަރައިގަނެ، ރަށުގެ އެންމެނަށް ޙަޤީޤަތް އަންގައި ދިނުމަށެވެ. ހަސީނާ ނައީމްއާ ބައްދަލުކުރި ހިސާބުން، އެދެމެދުގައި ހިނގަމުން ދިޔަ ހުރިހާކަމެއް ދެކި އަޑުއަހަން، ރަށުގެ ހަރުފުރާގެ ހައެއްކަ ފިރިހެނަކު ފާރަވެރިވެ ބަލަން ތިއްބެވެ.
އަމިއްލަ ނަފުސުގެ މައުސޫމްކަން އެންމެނަށް ހާމަކޮށްދެވި ބޮލުގައި އެޅިފައިވާ ބޮޑު ބަދުނާމުން މިންޖު ވެވުމުން، ހަސަންފުޅު ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އެއަށްފަހު، މާބޮޑު ގެއްލުމެއްނުލިބި، ބިންމައްޗަށް ވެއްޓިފައިއޮތް ނައީމް ނަގައި، އެންމެ އުނދަގޫ ދަނޑިވަޅުގައި އެކުވެރިކަމުގެ ނަމުގައި ވެދިން އެހީތެރިކަމަށްޓަކައި، ޝުކުރު އަދާކުރަމުން ހިނިތުންވެލިއެވެ.
މީހަކަށް ދެރައެއްދީފައި، އުފަލުގައި އުމުރަށް އުޅެވެނީ ކާކަށްހެއްޔެވެ؟ އަމިއްލަ ފައިދާއަށްޓަކައި އިޚުތިޔާރު ކުރި މަގުގެ ނުބައިކަމުން، ހުރިހާ ބަދުނާމެއްވެ، ރަށު އެންމެންގެ ކުރިމަތީ ހަސީނާއާއި މަހުމޫދާއި އާދަނުގެ އަގު ވެއްޓި ބޭކާރުވީއެވެ. ހަސީނާގެ ރީތިކަން ވެއްޔާ މޮޑެވި ފަކުރަކަށް ބަދަލުވެގެން ދިޔައީއެވެ. (ނިމުނީ)